މިހާރު އެންމެ އިސްކަމެއްދެނީ އެކަހެރިކޮށް ހުރި ރަށްރަށުގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށްކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރަށްރަށުގެ ސިއްހީ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތާއެކު އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އެކަހެރިކޮށް ހުރި ރަށްރަށުގެ ސިއްހީ ނިޒާމުގެ ނިކަމެތިކަން ކަމަށެވެ. އަދި އެކަހެރިކޮށް ހުރި ރަށްރަށުގައި ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމަށް ގިނަ ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެފަދަ ރަށްރަށުން ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމުންނަށް ފަސޭހައިން ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށް ޓާޝިއަރީ ހޮސްޕިޓަލްތަކާއި ޕަބްލިކް ހެލްތުކެއާ މުހިންމުކަމަށެވެ. ލާމަރުކޮށް ސިއްހީ ހިދުމަތްދޭއިރު ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހާއްސަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން ޓާޝަރީ ހޮސްޕިޓަލްތައް އެކި ބޮޑެތި ބަލިތަކަށް ފަރުވާދޭ ތަންތަނުގެ ގޮތުގައި ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ރާއްޖެއިން ބޭރަށް ނުގޮސް ބޮޑެތި ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމެއް ފަހިކޮށްދީ ސިއްޙީ ހިދުމަތް ހޯދުމަށް ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުން ކަމަށެވެ.