twitterviber whatsapp telegramfacebookyoutube instagram
19th April 2025

ނެއްލައިދޫގައި މުއްދަތު ހަމަވެފައި ހުރި އައިވީއެއް ކުޑަކުއްޖަކަށްދިން މައްސަލައެއް

އަބްދުލް ވާހިދު ޙަސަން
Apr 19, 2025

ހޮޑުލައި ބަލިވެ ހދ ނެއްލައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ހުރި އައިވީއެއްދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގާތްގަނޑަކަށް އެއް އަހަރުގެ އެ ކުއްޖާ ނެއްލައިދޫ ސިއްހީ މަރުކަޒަށް ހުކުރު ދުވަހު ހެނދުނު ގެންދިޔައީ ހޮޑުލައި ބަލިވެ އުޅޭތީ އެވެ. އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ، ހެނދުނު 8 ޖަހާއިރު މަރުކަޒަށް ގެންދިޔުމުން އައިވީއެއް ގުޅައި ފަރުވާ ފެށި ކަމަށެވެ.

އެކަމަކު، ގުޅި އައިވީ ފުޅިއަކީ މުއްދަތު ހަމަވެފައިވާ އައިވީއެއްކަން އެނގުނީ ހަވީރުވިފަހުން ކަމަށާއި އޭރު ފުޅީގެ ތިން ބައިކޮށްފައި ދެ ބައި ކުއްޖާއަށް ދެވިފައިވާ ކަމަށެވެ.

" ހަވީރު މަރުކަޒަށް ދިޔަ އާއިލާގެ އެހެން މީހަކަށް ފާހަގަވީ އައިވީ ފުޅި ހުރީ މުއްދަތު ހަމަވެފަކަން. އެކަން އެނގުމުން ހަމަ ވަގުތުން ނަރުހުން އައިސް ފުޅި ނައްޓާލި." ކުއްޖާގެ ގާތް މީހަކު ކިޔައިދިނެވެ.

އެކަމާ ގުޅިގެން އާއިލާގެ މީހުން ހިތްހަމަނުޖެހުންފާޅުކުރުމުން ރޭ ދަންވަރު ވަގުތު އެވ ކުއްޖާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އެ ކުއްޖާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބި އެވެ.

މިކަމާ ގުޅިގެން ނެއްލައިދޫ ކައުންސިލް މެންބަރަކުވެސް ވިދާޅުވީ، ކުއްޖާއަށް މުއްދަތުހަމަވެފައިވާ އައިވީ ފުޅިއެއް ގުޅި މައްސަލާގައި ސިއްހީ މަރުކަޒަށް ގުޅައި މައުލޫމާތު ނެގި ކަމަށެވެ. އަދި އެކަމުގައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށް މަރުކަޒުން ބުނެފައިވާކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.

މިކަމުގައި ބަހެއް ހޯދަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހެލްތް މިނިސްޓްރީއަށް ގުޅައި ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355