twitterviber whatsapp telegramfacebookyoutube instagram
27th February 2021

ގާނޫނީ ކޮލަމް: ތިމާއަށް ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން އެނގޭތަ؟

Feb 11, 2021

ހަނުހުރުމަކީ ދިވެހި ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަން އެނގޭތޯއެވެ؟ އަދި ބައެއް ޙާލަތްތަކުގައި ހިފެހެއްޓިގެންވާ ޙައްޤެއްކަން އެނގޭތޯއެވެ؟ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އަމިއްލަ މީހާއާއި ދެކޮޅަށް ޝަރީޢަތުގައި ބަޔާނެއް ނުދިނުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ލިބިގެންވެއެވެ. ހަމައެހެންމެ، ޝަރީޢަތުގެ މަރުޙަލާއެކޭ އެއްފަދައިން ތަޙުޤީޤް މަރުޙަލާގައިވެސް ހަނުހުރުމުގެ ޙައްޤު ލިބިދީފައިވެއެވެ. ވީމާ، މިކަންތައްތަކަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ.

ހަނުހުރުމުގެ ޙައްޤު

ހަނުހުރުމަކީ، އެމީހަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހުރުމެވެ. އެގޮތުން ހަނުހުރުމުގެ ޙައްޤަކީ ޖިނާޢީ ކުށް ތަޙުޤީޤް ކުރުމުގެ ބާރު ލިބިގެންވާ ފަރާތްތަކުން ނުވަތަ ކޯޓުން ސުވާލުކުރުމުން، ޖަވާބު ނުދީ ހުރުމަށް ޤާނޫނު އަސާސީގެ ދަށުން ކޮންމެ ފަރުދަކަށް ލިބިފައިވާ އަސާސީ ޙައްޤެވެ. އެހެންނަމަވެސް، ދަޢުލަތުގެ ފަރާތުން ޝަރީއަތުގައި ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީ ވާންޖެހޭނެއެވެ. ދަޢުވާއަށް ޖަވާބުދާރީނުވެ ހަނު ނުހުރެވޭނެއެވެ.

ހަނުހުރުމުގައި ޢަމަލުކުރަންވީ ގޮތް

ޖިނާޢީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާ، ހަނުހުރުމުގެ ޙައްޤުގެ ބޭނުން ހިފުމަށް ކޮންމެ ވަގުތެއްގައިވެސް އިޚްތިޔާރު ކުރެވިދާނެއެވެ. އަދި އެ ޙައްޤުގެ ބޭނުންހިފާނަމަ، އެ ޙައްޤު އޭނާ އިޚްތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. ހަނުހުރުމުގެ ޙައްޤު އިޚްތިޔާރު ކުރީ ތަޙްޤީޤް މަރުޙަލާގައި ސުވާލުކުރުމުގެ ކުރިން ކަމުގައިވިޔަސް ނުވަތަ ސުވާލުކުރެވެމުން ދަނިކޮށް ކަމުގައިވީނަމަވެސް، އޭނާއާމެދު ކުރެވިފައިވާ ތުހުމަތާ ގުޅޭގޮތުން އޭނާއާއި ދެން އިތުރަށް އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. ނަމަވެސް އޭނާ އެ ޙައްޤު އިޚްތިޔާރުކުރީ ސުވާލުކުރެވެމުން ދަނިކޮށް ކަމުގައިވާނަމަ، އެ ޙައްޤު އިޚްތިޔާރުކުރުމާއި ހަމައަށް އޭނާއާ ކުރެވުނު ސުވާލުތަކާއި، އެ ސުވާލުތަކަށް ދިން ޖަވާބުގެ ޤާނޫނީ ޞައްޙަކަމަށް އުނިކަމެއް ނާންނާނެއެވެ.

ހަނުހުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއާއި ދެކޮޅަށް ބޭނުންކުރޭވެނެ މަޢުލޫމާތު ހާމަނުކޮށް ހުރުމުގެ ޙައްޤު ލިބިދީފައިވީނަމަވެސް، އޭނާއާއި އެއްކޮޅަށް ބޭނުންކުރެވޭނެ މަޢުލޫމާތު ހާމަކުރަންވާނެއެވެ.

ހަނުހުރުމުގެ ޙައްޤު ހިފެހެއްޓިގެންވުން

ހަނުހުރުމުގެ ޙައްޤު ގިނަ މައްސަލަތަކުގައި ލިބިދީފައިވީނަމަވެސް، ބައެއް ޙާލަތްތަކުގައި އެ ޙައްޤު ހިފެހެއްޓިގެން ނުވަތަ ހަނިކުރެވިގެންދެއެވެ. އަދި މައްސަލައިގެ ބާވަތުގެ ގޮތުން ހަނުހުރުމުގެ ހައްޤު އެއްކޮށް ގެއްލިގެންދާ ފަހަރުވެސް އާދެއެވެ. މިސާލަކަށް، ތުހުމަތު ކުރެވިފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ ތުހުމަތެއް ކަމުގައިވާނަމަ، ހަނުހުރުމުގެ ޙައްޤު އެއްވެސް މިންވަރަކަށް ތުހުމަތުކުރެވިފައިވާ ފަރާތަށް ލިބިގެނެއް ނުވެއެވެ.

ހަނުހުރުމުގެ ނަތީޖާ

ހަނުހުރުމުގެ ޙައްޤު އިޚްތިޔާރުނުކޮށް ދައްކާ ކޮންމެ ވާހަކައަކީވެސް، ތުހުމަތު ކުރެވިފައިވާ ފަރާތާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. އެހެންނަމަވެސް ހަނުހުރުމުގެ ޙައްޤު އިޚްތިޔާރުކޮށް އެފަރާތާއި އެއްކޮޅަށް ހުންނަ މަޢުލޫމާތު ހާމަކުރާނަމަ، ތަޙުޤީޤްގައި އެކަންތައް އިތުރަށް ބެލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިކަމަކީ، އޭގެ ސަބަބުން މުޅި މައްސަލައަށް އަސަރުކުރާނެކަމެކެވެ.

ހަމައެހެންމެ ބައެއް ޙާލަތްތަކުގައި، މިސާލަކަށް މަރުގެ މައްސަލަތަކުގައި، ހަނުހުރުމަކީ އޭގެ ޒާތުގައި އޭނާ އެ ކުށް ކަމުގައި ޤަބޫލުކުރެވޭނެ ސަބަބެއް ކަމުގައި ނުވާނަމަވެސް، އެ މައްސަލައިގާ ހޯދިފައިވާ ހެކި ހުރީ އެ ކުށުގެ ޢަމަލާއި އޭނާއާ ގުޅުންހުރި ކަމަށް ދައްކައިދޭ ގޮތަށް ކަމުގައިވާނަމަ، ޖަވާބުދާރީވުމަށް އޭނާއަށް ލިބިދޭ ފުރުޞަތުގައި އެކަން އެހެންގޮތަކަށް ސާބިތުކޮށްދިނުމަށް މަސައްކަތް ނުކޮށް ހަނުހުރެއްޖެނަމަ، އެ ހަނުހުރުމަކީ އެ ކުށުގެ ޢަމަލާއި އޭނާއާއި ގުޅުންހުރި ކަމަށް ދެކެވޭ ސަބަބެއްކަމުގައި ފަނޑިޔާރަށް ބެލުމުގެ ޙައްޤު ލިބިގެންވެއެވެ.

ނިންމުން

ހަނުހުރުމުގެ ޙައްޤަކީ، ކުށަކާއި ގުޅިގެން ފުލުހުންނަށް މަޢުލޫމާތު ދޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ލިބިފައިވާ ޙައްޤެއް ނޫނެވެ. މިޙައްޤަކީ ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ލިބިދީފައިވާ ޙައްޤެކެވެ. އެގޮތުން، ހަނުހުރުމުގެ ޙައްޤު ބޭނުންކުރާނަމަ، އެ ޙައްޤު ބޭނުންކުރަންވާނީ އެމީހެއްގެ މަސްލަޙަތު ހިމާޔަތްކުރެވޭނެ ގޮތަށެވެ. ވީމާ ހަނުހުރުމުގެ ޙައްޤު އޭގެ އެންމެ ފައިދާ ކުރާނެ ގޮތަށް ބޭނުންކުރެވޭނީ، ޤާނޫނުގައި އެ ޙައްޤު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ގޮތްތަށް ރަނގަޅަށް އެނގިގެންނެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355