twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދަގަނޑޭގެ ދިފާއީ އައްޑަނަ މާ ވަރުގަދަ!

ޙަސަން އިޔާން
Feb 13, 2021
2

ފުޓްބޯޅައަކީ ދިވެހިންގެ ޖޯޝީ ލޭ އެންމެ ގަދައަށް އެއާ ގުޅިފައިވާ ކުޅިވަރެވެ. އެ ކުޅިވަރުގައި މި ޖީލުގެ ބަތޮލަކީ އަލީ އަޝްފާގު (ދަގަނޑޭ) ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ދަގަނޑޭއަށް ކުޑަކޮށް ނަމަވެސް ދެރަ ބަހެއް، ފާޑެއް އެއީ ދިވެހިންގެ ހިތްތައް ގަބޫލު ކުރާ ކަމެއް ނޫނެވެ. ދަގަނޑޭ ލޯބި ހޯދާފައިވަނީ ދިވެހިންގެ ހިތްތަކުގެ މާ ފުންމިނުންނެވެ.

ޓްވިޓާގައި އަބަދުވެސް ކަންކަމަށް ފާޑުކިޔައި މީހުންނާ ވަރަށް ބޮޑަށް އަރާރުންވާ އެމްޑީޕީގެ އެކްޓިވިސްޓް ސޫސަން މިފަހަރުގެ ހަމަލާ އަމާޒުކުރީ ދަގަނޑޭ އަދި ގައުމީ ޓީމްގެ ކެޕްޓަން އަކްރަމްއާއެވެ. އެ ދެ ކުޅުންތެރިންނަކީ ވެސް މިހާރު ތުނބުޅި ދިގުކޮށްފައި ތިބޭ ދެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިންނަށް ނިސްބަތްކޮށް ސޫސަން ކުރި ޓްވީޓުން އެއީ ހައްދު ފަހަނައަޅާފައިވާ ބައެއްގެ ގޮތުގައި ސިފަވެއެވެ.

ސޫސަންގެ މި ޓްވިޓާއާއެކު، ޓްވިޓާގައި އޭނާ "ރޮލާ ކައިފި"އެވެ. މިފަހަރު ސޫސަންއަށް އަތްލެވުނީ އަތްލައިގެން ނުވާނެ އަލިފާނެއްގައެވެ. ގިނަ ބަޔަކު ވަނީ ދަގަނޑޭއަށް ލޯބި ސޯޝަލް މީޑިއާގައި ބަންޑުންކޮށްލާފައެވެ. ދަގަނޑޭ ކުޅިވަރާއި އޭނާ ކެެރިއަރުގެ ބޭރުން އައި ހަމަލާއެއްގައި ވެސް އޭނާގެ ދިފާއުގައި ތެދުވާނެ ގިނަ ބަޔަކުވިއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެވެނި ކަމެއް މިވެނި ކަމެއް ނެތެވެ. ދިވެހީން ތިބޭނީ ދަގަނޑޭގެ ދިފާއުގައެވެ.

ދަގަނޑޭއަށް އޮތް ލޯބި މީގެކުރިން ވެސް އެތައް ފަހަރަކު، ދިވެހިން ވަނީ ހާމަކޮށްފައެވެ. ހިތްވަރާއި މަސައްކަތުން ދަގަނޑޭއަށް ވޯޓު އަޅާފައި އެބަ ހުއްޓެވެ. ދަގަނޑޭ އެންމެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރިޔަސް އެއީ އެންމެ ވައިރަލް ފޮޓޯއަށް ވެގެންދެއެވެ.

ހުރިހާ ގޮތަކުން ވެސް ބެލި ނަމަވެސް ދަގަނޑޭއަކީ އެންމެ ގިނަ ބަޔަކު ލޯބިވާ ދިވެހި ޝަހުސިއްޔަތެވެ. އޭގައި ވަކި އުމުރެއް ވަކި ޖިންސެއް ނެތެވެ. އެއީ ދިވެހިންގެ ފަހުރެވެ. އެ ފަހުރަށް ކުޑަކޮށް ވެސް ކުޑައިމީސް ބަހެއް ހަޖަމު ނުކުރާނެކަން ދިވެހިން މިއަދު އަނެއްކާވެސް ސާބިތުކޮށްފިއެވެ.

ދަގަނޑޭގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ދެކޭ ގޮތުގައި، ތުބުނޅިއެއް ބަހައްޓާ ކޮންމެ މީހަކީ ހައްދުފަހަނައަޅައި ތަންތަން ގޮއްވާލަން ތައްޔާރަށް ތިބޭ ބައެއްގެ ގޮތުގައި ސިފަ ކުރުމަކީ ގޯހެކެވެ. އެފަދަ ހިޔާލުފާޅު ކުރުމަކީ އެންމެ އެކަށީގެންވާ ހިޔާލުފާޅުކުރުންތަކެއް ނޫނެވެ. ކޮންމެއަކަސް ދަގަނޑޭއަށް ސޫސަން އެއްލި ހަމަލާއިން ޒަހަމެއް ނުވިއެވެ. އޭނާގެ ދިފާއީ އައްޑަނަ އެއްވުރެ މާ ވަރުގަދައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355