twitterviber whatsapp telegramfacebookyoutube instagram
19th September 2026

ދިއްދޫ ހޮސްޕިޓަލުގައި ރޭޑިއޮލޮޖިސްޓެއްގެ ހިދުމަތް ފެށުން، ބޮޑު ހިތްހަމަޖެހުމެއް

އަބްދުލް ވާހިދު ޙަސަން
Feb 17, 2021

ހއ ދިއްދޫ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ދާއިމީކޮށް ރޭޑިއޮލޮޖިސްޓެއްގެ ހިދުމަތް ދޭން ފަށައިފި އެވެ. މިދިޔަ ހޯމަދުވަހު ފެށި މި ހިދުމަތުގެ ސަބަބުން އެ ހިދުމަތް ހޯދާ އެއަތޮޅުގެ ރައްޔިތުންނަށް ލުއި ފަސޭހަ ލިބިގެންދާނެ އެވެ.

މީގެ ކުރިން މާބަނޑު މީހުންނާއި އެހެނިހެން ބަލިތަކުގައި އެ ހޮސްޕިޓަލަށް އެ ހިދުމަތް ހޯދުމަށްދާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދެނީ ކޭއާރުއެޗުން ޑޮކްޓަރެއް ފޮނުވައިގެން ވަކި ދުވަސްތަކެއްގައި އެވެ. އެ ނޫން ދުވަސްތަކުގައި އެ ހިދުމަތް ހޯދުމަށްދާން ޖެހެނީ މާލެ ނުވަތަ ކުޅުދުއްފުއްޓަށެވެ.

ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު އުސްމާނު އަސްރަފް ކޭއޯއަށް ވިދާޅުވީ، ދާއިމީ ރޭޑިއޮލޮޖިސްޓެއްގެ ހިދުމަތާއެކު އެ ހިދުމަތް ހޯދައި ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ސްކޭން ކުރަން ފެށިފަހުން މި ދެ ދުވަހުވެސް އެކަށީގެންވާ އަދަދަކަށް ސްކޭން ކުރުމަށް މީހުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ސްކޭން ކުރުމުގެ ހިދުމަތް ރަށުން ލިބެން ފެށުމަކީ ނުހަނު އުފާވެރިކަމާއި ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމެކެވެ. އޭގެ ލުއި ފަސޭހަކަން ދިއްދޫގެ އިތުރުން އަތޮޅުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެކަމަށް އެ މީހާ ފާހަގަކުރެއްވި އެވެ.

"މީގެ ކުރިން އެ ހިދުމަތް ހޯދުމަށް އަޅުގަނޑުމެން މިދަނީ ކުޅުދުއްފުއްޓަށް ނޫނީ މާލެއަށް. މިހާރު ދަތުރު ހަރަދާއި އެކަމުގައި ކުރަން ޖެހޭ އެހެނިހެން ހޭދަތައް ނިމުމަކަށް އައީމި." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293