ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު އެނބުރި ރާއްޖޭން ބޭރަށް ދާ ދަރިވަރުންނަށް ލުއިތައް ހޯދައިދޭން މަސައްކަތްކުރަމުން ދާކަމަށާއި ދަރިވަރުން ވެކްސިން ޖެހުމަށް ސަރުކާރުން އެދެމުންދަނީ ލުއި ފަސޭހަތަކެއް ލިބުމުގެ ފުރުސަތު އޮތުމުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން ވެކްސިން ޖަހައިގެން ދަތުރުކުރާ ދިވެހި ކިޔަވާކުދިންނަށް މެލޭޝިޔާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުން ލުއި ލިބޭނޭ ގޮތެއް ހަމަޖެހޭތޯ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެގައުމުތަކުގެ ރަސްމީ އިދާރާތަކުގައި އެދޭނެ ރާއްޖޭއެމްވީއަށް ދެއްވި އިންޓަވިއެއްގައިހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދެމުންދާ ކޮވިޝީލްޑް ވެކްސިނަށް މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ހުއްދަ ވެސް ލިބިފައިވުމާއެކު މި ވެކްސިން ޖަހައިގެން ތިބޭ މީހުން އެކި ގައުމުތަކަށް ދަތުރުކުރުމުގައި އެގައުމުތަކުން ލުއިތަކެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުގައި ވެކްސިން ޖަހައިގެން ތިބޭ މީހުންނަށް މިހާރު ދެމުންދާ ލުޔަށް ރިއާޔަތްކުރާއިރު ދިވެހި ކިޔަވާ ކުދީންނަށް ވެސް މި ލުއި ލިބުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖަހަން ވަގުތު އޮތް ނަމަ ރަޖިސްޓްރީވުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭން ބޭރަށް ދާ ދަރިވަރުން ވެކްސިން ދެ ޑޯޒް ހަމަކުރުމަށްވެސް ވަނީ އެދިފައެވެ.
ރާއްޖޭގައި މިހާރު ދެމުން އަންނަނީ އިންޑިއާގައި އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސިނެވެ. އެ ވެކްސިނަށް ޑަބްލިޔުއެޗްއޯގެ ހުއްދަ މިހަފުތާގައި ލިބިފައިވާއިރު ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް ޑަބްލިޔުއެޗްއޯ އން އަންނަނީ ގޮވައިލަމުންނެވެ.