މިިދިޔަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގައި ދައުވާ ކުރި މީހުންގެ އަދަދު އިތުރު ވެފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އެގޮތުން 2019 ވަނަ އަހަރާއަޅާ ބަލާއިރު ނިމިގެން މިދިޔަ 2020 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގައި ދައުވާ ކުރި މީހުންގެ އަދަދު 65 ޕަސެންޓު އިތުރުވެފައިވާކަމަށާއި ކުރި ދައުވާތަކުގެ އަދަދުވެސް 63 ޕަސެންޓު އިތުރުވެފައިވާ ކަމަށް އަމިއްލަ ބްލޮގުގައި ޕީޖީ ޝަމީމް ލިޔުއްވާފައި ވެއެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ދައުވާ ކުރި މީހުންގެ އަދަދު އިތުރުވުމުގެ މާނައަކީ ނިޒާމާ މެދު ރައްޔިތުންގެ އޮތް އިތުބާރު އިތުރުވުމެވެ. މިއީ އެކަމަށް ހާއްސަކަމެއް ދީގެން ދައުލަތުގެ އިދާރާތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން އެފަދަ މައްސަލަތައް ރިޕޯޓު ކުރަން ޖެހިލުން ނުވާ ކަމަށާއި، ފިޔަވަޅެއް އެޅޭނެ ކަމުގެ ޔަގީންކަމެއް އޮންނަކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދައުވާ ހުށަހަޅާފައިވެ އެވެ. އެއީ 169 މީހެއްގެ މައްޗަށެވެ. މަހަކު އެވްރެޖްކޮށް 19 މައްސަލަ ކޯޓަށް ހުށަހަޅާފައިވެ އެވެ. 2019 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 23 ބާވަތެއްގެ 142 ދައުވާއެއް ކޯޓުތަކަށް ހުށަހަޅާފައިވެ އެވެ. އެއީ 102 މީހެއްގެ މައްޗަށް ދައުވާ ކުރަން އެދި އެވެ. އެ އަހަރު މަހަކު އެވްރެޖްކޮށް 12 މައްސަލަ ކޯޓަށް ހުށަހަޅަމުން ގެންދިޔަ އެވެ.
މިދިޔަ ދެ އަހަރުވެސް އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ މާލޭ ކޯޓުތަކަށެެވެ.