twitterviber whatsapp telegramfacebookyoutube instagram
18th April 2024

ލައިސެންސް ނެތް ކުދިންނަށް މާފު: މިއީ ވެސް ވާހަކައެއް!

ޙަސަން އިޔާން
Feb 21, 2021
1

"އަހަރެންގެ ބައްޕަ ވެސް އަދި ބޮޑުދައިތައެއް ވެސް މަރުވީ 18 އަހަރު ނުވާ ކުއްޖެއް ސައިކަލް ދުއްވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގެ ތެރޭގައި،" މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ. މި ވާހަކައެއް އޭނާ، ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަށް މަޖުބޫރު ކުރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު އަރުއްވާ ދެއްކެވި މޮޅު ވާހަކަފުޅެއްގެ ސަބަބުންނެވެ.

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރޭގައި ރައީސް ސޯލިހު ވަނީ 18 އަހަރު ނުވެ، ވެހިކަލް ދުއްވުމުގެ ލައިސެންސް ނެތި ސައިކަލް ދުއްވުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާތައް މާފު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހު އެކަން ނެންގެވީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ރައީސް ވިދާޅުވީ އެ ކުދިންނަށް ލައިސެންސް ނެތި ސައިކަލް "ދުއްވުނީ" ކަމަށެވެ. އޭގެ ސަބަބުން ޖޫރިމަނާކޮށްފައިވުމަކީ އިންސާފެއް ނޫން ކަމަށެވެ. ބައެއް ކުދިން އެއް ލައްކަ ރުފިޔާއިން ވެސް ޖޫރިމަނާކޮށްފައިވާ ކަމެވެ. އެ ކުދިންނަށް އެ ދެއްކޭނެ ގޮތެއް ނޯންނާނެ ކަމެވެ.

އެ ޖޫރިމަނާއެއްގެ ސަބަބުން ބައެއް ކުދިންނަށް ކައިވެނި ނުކުރެވި ތިބި ކަމަށް ވެސް ރައީސް އެ ރޭ ވިދާޅުވިއެވެ. ނަމަވެސް ރައީސްއަށް އެއީ މައުލޫމާތުގެ ބޮޑު ކުށެކެވެ. ފެމެލީ ކޯޓުން ވެސް ޔަގީންކޮށްދޭ ގޮތުގައި ޓްރެފިކް ޖޫރިމަނާއެއް އޮވެގެން ކައިވެނި ނުކުރެވިއެއް ނޯންނާނެއެވެ. ކައިވެނީގެ ކުރިން ޖޫރިމަނާއެއް އޮތްތޯއެއް ކޯޓަކުން ނުބަލައެވެ. ނަމަވެސް މި ތަނުގައި ރައީސްއަށް އެވަރުގެ މައުލޫމާތެއް ނޭނގުނު ވާހަކައެއް ނޫނެވެ. ރައީސް އާދައިގެ ގޮތެއްގައި ނެންގެވި ކަމުގެ ބޮޑު ވާހަކައެވެ.

ލައިސެންސް ނެތި ސައިކަލް ދުއްވުމަކީ ދެން ކުދިންނަށް ކުރެވޭ ކަމެއްގެ ގޮތުގައި ވިދާޅުވެ، ހެޔޮފުޅު ކަމެއްގެ ގޮތުގައި އެ ޖޫރިމަނާ މާފު ކުރުމުގެ ވާހަކަ ރައީސް ދައްކަވަމުން ގެންދަވަނިކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސްއަށް އިޝާރާތެއް ކުރައްވާ ކަމެއް ފާހަގަ ކުރެއްވިއެވެ. އޭގެ ފަހުން ރައީސްގެ ވާހަކައިގެ ރާގު ބަދަލު ކުރައްވައި ލައިސެންސް ނެތި ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ދޭހަ ކުރެއްވިއެވެ. ނަމަވެސް އޭރު ވަނީ ވިދާޅުވާން އޮތް އެތި ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ އެ ވާހަކަފުޅާއި ޖޫރިމަނާގެ މާފުވެގެން ދާނީ ލައިސެންސް ނެތި ނުވަތަ 18 އަހަރު ނުވެ، ސައިކަލް ދުއްވުމަށް ދެވޭ ބޮޑު ހިތްވަރަކަށެވެ. މަގުމަތީ ނުރައްކަލަށެވެ. އަށާރަ އަހަރު ނުވާ ކުޑަ ކުއްޖަކު ސައިކަލަކަށް އަރާ މަގު މައްޗަށް ނުކުންނަ ކޮންމެ ފަހަރަކީ އެތައް ބަޔަކަށް ނުރައްކަލެވެ. މަގުގެ ތަޖުރިބާ ނެތް، މަގުމަތީ ގަވައިދުތައް ވެސް ރަނގަޅަށް ނޭނގެއެވެ. އެފަދަ ކުދިންގެ އެކްސިޑެންޓްތައް ވެސް ގިނައީ އެހެންވެއެވެ.

ލައިސެންސް ނެތި، ހާއްސަކޮށް 18 އަހަރު ނުވެ ސައިކަލް ދުއްވުމަކީ ކުށެކެވެ. އަދަބު އޮތް ކުށެކެވެ. އެ އުމުރުގެ ކުދިންނަކީ ބެލެނިވެރިކަމުގެ ދަށުގައި ތިބޭ ބަޔަކަށް ވެސް ވާއިރު އެ އުމުރުގައި ކުރާ ޖޫރިމަނާތަކަކީ ވެސް ސީދާ އެ ކުދިންގެ ބޮލުގައި އެޅޭ އެއްޗެއް ނޫނެވެ. ވީއިރު އެ ކުދިންނަށް އެ ދެއްކޭނެ ގޮތެއް ނެތް ކަމަށް ބުނެ، ޖޫރިމަނާތައް މާފު ކުރުމަކީ ބޮޑު ގޯހެކެވެ. އޭގެ ބަދަލުގައި ނަސޭހަތްތެރިވާންވީ އެކަން ނުކުރުމަށެވެ. އެ ފުރުސަތު ބެލެނިވެރިން ވެސް ނުދިނުމަށެވެ. ހިތްވަރު ދެއްވަންވީ އެކަމަކަށެވެ.

ޓްރެފިކް ޖޫރިމަނާއާ ހެދި ރައީސް ސޯލިހު ކަންބޮޑުވެވަޑައިގަންނަވަން ޖެހޭނަމަ، ވާންވީ ޕާކިން ވައިލޭޝަން ޖޫރިމަނާއާމެދުއެވެ. ޕާކް ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ވެސްމެއެވެ. ނަމަވެސް މިހާރު ވެސް އެ ޖޫރިމަނާ ކުރާ މިންވަރު އިތުރެވެ. ކޮންމެ ފަހަރަކު 700 ރުފިޔާއެވެ. ޕާކިން ޒޯނު ކިރިޔާ ނެއްޓި ހުއްޓަސް، ޕާކް ކުރާނެ ތަނެއް އެއްގޮތަކަށް ނެތިގެން ޕާކިން ޒޯނުގައި ބެހެއްޓިޔަސް، ފިހާރައެއް ކުރިމަތީ ކުޑަ އިރުކޮޅަކަށް ސައިކަލް ބަހައްޓާލިޔަސް އެ ޖޫރިމަނާއެއް ކުރެއެވެ. ނަމަވެސް ޕާކް ކުރުމުގައި މީހަކު ހަދާ މިފަދަ ގޯހަކުން މީހެއްގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ނުވެއްޓެއެވެ. އެހެންވީއިރު މި ޖޫރިމަނާ މާފު ކުރުމާއި ލައިސެންސް ނެތި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތައް މާފު ކުރުން ވަރަށް ތަފާތެވެ.

މަގުމަތީގެ ރައްކާތެރިކަމަށް ފުލުހުން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 18 އަހަރު ނުވާ ކުދިން ހުއްޓުވައި އެ ކުދިން ޖޫރިމަނާ ކުރުމަކީ އެގޮތުގެ މަތިން ކުރަމުން އަންނަ ކަމެކެވެ. މާލޭގައި މިހާރު ތޮއްޖެހި އޮންނައިރު އެ މަސައްކަތަކީ ފުލުހުންނަށް ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް މަގުމަތީ ސަލާމަތަށް ކުރަން ޖެހޭ ކަމެކެވެ. ވީއިރު އެ ބުރަ މަސައްކަތުގެ ނަތީޖާއެއް ނެރުމުގެ ބަދަލުގައި އޭގައި ކޮޅުފައިން ޖެހުމަކީ ވެސް ކޮންމެ ހަމައެއް ކަމެއް ހެއްޔެވެ؟ މިއީ ރައީސް ހަމަ ހުންނަވައި ވިދާޅުވާން ޖެހޭ ފަދަ ވާހަކަތަކެއް ނޫނެވެ. ކަމެއްގެ ދެކޮޅާއި އޭގެ ނަތީޖާއާމެދު ރައީސްގެ ހައިސިއްޔަތުން މާބޮޑަށް ވިސްނަވަން ޖެހޭނެ ކަމަށް ގަބޫލު ކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355