twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ވަގުތީ އަމުރެއް ހޯދުމަށް ބޭނުންވަނީ ތޯއެވެ؟

Feb 25, 2021

ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމި ލަސްވުމުގެ ސަބަބުން އިޢާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބެނީ ތޯއެވެ؟ އެ މައްސަލައަށް ކޯޓުން ޙުކުމެއް ކުރަންދެން މިހާރު އޮތް ޙާލަތަށް ބަދަލު ނުގެނެސް ބާއްވަން ބޭނުންވޭ ތޯއެވެ؟ މިފަދަ ޙާލަތްތަކުގައި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި، ވަކި ކަމެއް ހުއްޓުވުމަށް ނުވަތަ ވަކި ގޮތަކަށް ޢަމަލުކުރުމަށް އެދި ކޯޓަށް ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުގެ ޙައްޤު ޤާނޫނުން ވަނީ ފަހިކޮށްދީފައެވެ. ވީމާ ވަގުތީ އަމުރަކީ ކޮބާކަމާއި، މިފަދަ އަމުރެއް ނެރެދިނުމަށް ޤާނޫނުގައި އޮތްގޮތަށް ބަލާލަމާތޯއެވެ.

ވަގުތީ އަމުރުތައް

ވަގުތީ އަމުރަކީ ކޯޓުން މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ކަމެއްގެ ޙާލަތު ވަކި ގޮތަކަށް ބޭއްވުމަށް އަންގާ ކޯޓުން ކުރާ އަމުރެކެވެ. އެގޮތުން، ދަޢުވާއާއި މެދު ކޯޓުން ގޮތެއް ނިންމުން ލަސްވެގެންދާ ޙާލަތުގައި، ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ ގެއްލުމެއް އޮތްތޯ ބަލައި، ވަކިގޮތަކަށް ޢަމަލުކުރުމުގެ ނުވަތަ ވަކި ކަމެއް ނުކުރުމަށް އަންގައި ހުއްޓުވުމުގެ އަމުރެއް ނުވަތަ 'އިންޖަންޝަން އޯޑަރ' އެއް ނެރެދިނުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

ޢާންމު ޝަރުޠުތައް

ވަގުތީ އަމުރެއް ނެރުމުގައި ޢާންމުގޮތެއްގައި ރިޢާޔަތްކުރާނީ 3 ކަމަކަށެވެ. ފުރަތަމަ ކަމަކީ ހުށަހެޅިފައި އޮތް މައްސަލައަށް ހުކުމެއް ކުރަންދެން، އެ މައްސަލައާއި ގުޅިގެން ރައްކާތެރި ކުރަންޖެހޭ ވަކި ހައްޤެއް ނުވަތަ ކަމެއް ފާޅުކަން ބޮޑުގޮތެއްގައި އޮތުމެވެ. ދެވަނަ ކަމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ހައްޤު ނުވަތަ ހައިސިއްޔަތު ލިބިގެންވާ މީހަކަށްވުމެވެ. މީގެ އިތުރަށް ތިންވަނަ ކަމަކީ، ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން އެދޭ ވަގުތީ އަމުރު ނެރެނުދެއްވައިފިނަމަ، އިޢާދަނުކުރެވޭ ގެއްލުމެއް ލިބޭތޯއެވެ. އެހެންކަމުން ވަގުތީ އަމުރެއް ނެރުމުގައި މި 3 ކަންތައްތައް ފުރިހަމަވޭތޯ، ކޯޓުން ބަލާނެއެވެ.

ވަގުތީ އަމުރެއް ނެރުން

ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ޙާލަތުގައި އެ އަމުރު ނެރެނުދެއްވައިފިނަމަ، ފަހުން ޙުކުމް ކުރާއިރު އެ ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި، ވަގުތީ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

ނިންމުން

ވަގުތީ އަމުރެއްގެ ސަބަބުން އެމީހަކަށް ލިބިދޭންޖެހޭ ޙައްޤުތައް ރައްކާތެރި ވެގެންދާނެކަމަށް އެމީހަކަށް ޤާބޫލުކުރެވޭނަމަ، ވަގުތީ އަމުރަކަށް އެދުމަށް ލިބިދީފައިވާ ޙައްޤުގެ ބޭނުން ފުރިހަމަގޮތުގައި ހިފަންވާނެއެވެ. މިކަމުގެ ސަބަބުން، އެމީހަކަށް ލިބިދާނެ އިޢާދަ ނުކުރެވޭނެ ގެއްލުމަކުން ނުވަތަ ގެއްލުންތަކަކުން ސަލާމަތްވާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355