ދިރާގު ސިއެމް ނުވަތަ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓްގެ ނަމުގައި ތައާރަފުކުރި ނިޒާމުގައި ނެޓްވޯކެއްގެ ހުރިހާ ދިމާލުން، ވަގުތުން އެ ނެޓްވޯކެއްގެ ސަލާމަތީ ކަންކަމާއި ކޮމްޕްލައިންސް އާ ގުޅުން ހުރި ޑޭޓާ ހޯދާ ޖަމާކޮށް އެއް ތަނަކުން ފެނި އަދި މޮނިޓަރ ކުރެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.
މި ސިސްޓަމްގެ އެހީގައި ހާއްސަކޮށް އިންޓަނެޓް ފަދަ ވިއުގަތަކާ ގުޅިފައިވާ ނެޓްވޯކްތަކަށް ދިމާވާ ސެކުއިރިޓީ މައްސަލަތައް އަވަހަށް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމާއި އަދި ސެކިއުރިޓީ ގެ ބެސްޓް ޕްރެކްޓިސް ތަކަށް ނެޓްވޯކް ފެއްތުމަށާއި ރިޕޯޓްތައް ތައްޔާރުކުރުމަށް ސައިބަރ ސެކުއިރިޓީ ޓީމްތަކަށް ފަސޭހަވެގެން ދާނެކަމަށް ދިރާގުން މައުލޫމަތު ދެއެވެ.
ދިރާގު ސިއެމް އިން ލިބިދޭ ފައިދާތަކުގެ ތެރޭގައި ނެޓްވޯކް އާ ބެހޭ މުހިންމު މައުލޫމާތުތައް ލައިވް ކޮށް އެއް ޑޭޝްބޯޑަކުން ބަލާލެވުމާއި ނެޓްވޯކްގެ ތެރޭގައި ވަގުތުން ހިނގަމުންދާ ކަންކަމާއި ކުރިން ހިނގާފައިވާ ކަންކަން ބަލާލެވޭނެއެވެ. އެގޮތުން އެ ވަގުތު ނެޓްވޯކް ހުރި ހާލަތާއި ކުރިން ހުރި ހާލަތް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެއެވެ.
މީގެ އިތުރުން ނެޓްވޯކް އާއި ގުޅިފައިވާ ގުނަން ތަކުގެ ކޮންފިގަރޭޝަން ތައްޔާރުކުރުމާއި އެ ނެޓްވޯކަށް އަންނަ ބަދަލުތައް އެކަމެއް ހިނގާ ވަގުތުގައި ދެނެގަނެވޭނެއެވެ. އަދި ހަމައެއާ އެކު ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކްއާ ގުޅިފައި ހުރި އެއްވެސް ޑިވައިސްއެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވެސް މޮނިޓަރ ކުރެވޭނެއެވެ. އަދި މީގެ އިތުރުންއޮޑިޓް ތަކަށް ބޭނުންވާ ކޮމްޕްލައިންސް ރިޕޯޓްތަށްވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ތައްޔާރު ކުރެވޭނެކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.