twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދާއިރާއަށް ފަންނީ ގާބިލް މަސައްކަތްތެރިން އުފެއްދުމަށް ފެނަކައިގެ "ފުނަރު" ޕްރޮގްރާމް

Mar 2, 2021

ދާއިރާއަށް ފަންނީ އަދި ގާބިލް ޒުވާނުން ތަމްރީން ކުރުމަށް ފެނަކައިން "ފުނަރު ޕްރޮގުރާމް އިން، އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް" ނަމުގައި ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ފެނަކައިން ބުނީ އެ ކުންފުންޏަކީ 153 ރަށަކަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ އުމުރުން ހަގު ކުންފުންޏެއް ކަމަށާއި މި ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ގާބިލު މަސައްކަތްތެރިން ހޯދުމުގައި ގިނަ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރަން ޖެހިފައި އޮންނަނީ އެކަމުގެ ފަންނީ އިލްމާއި ތަޖުރިބާ ހުރި މުވައްޒަފުންގެ މަސައްކަތު ތާވަލަށް ބިނާކޮށް ކަމަށް ވީއިރު މިކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ލަސްތަކާއި ކުރިމަތިވެ، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއިއެކު ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެެއެވެ.

އެގޮތުން ފުނަރު ޕްރޮގުރާމުން މި ދާއިރާއަށް މީހުން ބިނާކުރެވި ފަންނީ ގާބިލު މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށާއި ފުނަރު ޕްރޮގުރާމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކަރަންޓު ހިދުމަތް ދިނުމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް މިދާއިރާގައި ފަންނީ ގާބިލުކަން ހުރި މަސައްކަތަށް ކަމޭހިތާ އިހްލާސްތެރި މީހުން ބިނާކުރުން ކަމަށްވެސް ފެނަކައިން މައުލޫމާތު ދެއެވެ.

އެގޮތުން ޕްރޮގްރާމުގެ މަގްސަދުގެ ތެރޭގައި ހިމެނެނީ:

• މެކޭނިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލުން
• މެކޭނިކަލް ދާއިރާއިން ގާބިލުކަންހުރި މީހުންގެ އަދަދު އިތުރުކުރުން
• ޒުވާނުންނަށް މިދާއިރާގެ ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުމަށް މަގުފަހިކޮށްދިނުން
• ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް މަސައްކަތްކުރުން
• ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކަށް ދިމާވާ މެކޭނިކަލް މައްސަލަތައް އިތުބާރާއި ޔަގީންކަމާއިއެކު ހައްލުކުރުމަށް އެހީތެރިވެދިނުން

ފުނަރު ޕްރޮގުރާމުގެ ސަބަބުން އެތައް ބަޔަކަށް އޭގެއިން މަންފާ ލިބިގެންދާނެ ކަމަށާއި ހާއްސަކޮށް ުވާނުން ބާރުވެރިކޮށް، މިދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރުދީ، މެކޭނިކަލް ދާއިރާއިން ޓެކްނީޝަނުން އުފައްދައި، އަދި ިދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ވެގެންދާނެ ފެނަކައިން ބުންޏެވެ.

"ފުނަރު ޕްރޮގުރާމް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް" އަކީ ތިއަރެޓިކަލް ބަޔާއި ޕްރެކްޓިކަލް ބައި ހިމެނިގެން 03 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ޕްރޮގުރާމެކެވެ. މި ކޯސް ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިލެވޭގޮތަށް އާއްމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދެވޭ މި ޕްރޮގުރާމުގައި އަންހެން ފިރިހެން ދެ ޖިންސުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355