twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: ބިމެއް ވަޞިއްޔަތުން ދެވިދާނެތަ؟

Mar 4, 2021

ބިން ވަޞިއްޔަތުން ދިނުމަކީ މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ގިނައިން ހިނގަމުން އަންނަ މުޢާމަލާތެކެވެ. އެހެންކަމުން، މީހެއްގެ މިލްކުގައިވާ ބިމެއް ވަސިއްޔަތުން ދެވޭނީ ކޮން ފަރާތްތަކަކަށް ކަމާއި، ވަޞިއްޔަތުންދޭ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަކީ ކޮބައިކަމާއި، އަދި މި ނޫނަސް ބިމެއް ވަޞިއްޔަތުން ދިނުމާ ގުޅޭގޮތުން އޮންނަ އުޞޫލުތަކަށް ބަލާލަމާތޯއެވެ؟

ބިމެއް ވަޞިއްޔަތުން ދިނުން

ވަޞިއްޔަތަކީ ވަޞިއްޔަތްކުރާ މީހާ ނިޔާވުމުން، ވަޞިއްޔަތްކުރާ މީހާގެ ވަކި މުދަލަކީ، ވަކި މީހެއްގެ މިލްކެއްކަމުގައި ވަޞިއްޔަތްކުރާ މީހާ ދުނިޔޭގައި ހުރެ ޝަރީޢަތުން އެކަން ކަނޑައެޅުމެވެ. ނަމަވެސް އެމީހަކަށް ވަޞިއްޔަތުން ދިން އެއްޗެއް ލިބޭނީ، ވަޞިއްޔަތްކުރާ މީހާ ނިޔާވުމުންނެވެ. މިފަދައިން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯޗެއް ނުވަތަ ގޯއްޗަކުން ބައެއް ވަޞިއްޔަތުން ދޭން ބޭނުންވާނަމަ، ކޯޓަށް އެކަން ހުށަހަޅާ، ޝަރީޢަތް މެދުވެރިވެ ވަޞިއްޔަތް ކުރެވިދާނެއެވެ. އަދި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއްގައި ހަދާފައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތަކުން ބައެއްވެސް ވަޞިއްޔަތުން ދެވިދާނެއެވެ.

ބިމެއް ވަޞިއްޔަތުންދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

ބިމެއް ވަޞިއްޔަތުންދޭ ފަރާތަކީ، އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވާ މީހެއް ކަމުގައި ވާންވާނެއެވެ. ދިރިއުޅޭނެ އެހެން ތަނެއް ހުރިކަމުގައި ކަނޑައަޅާނީ، ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގެ ވަށައިގެންހުރި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު ޝަރީޢަތުންނެވެ. މިގޮތުން، ދިރިއުޅޭނެ އެހެންތަނެއް ހުރިކަމަށް ބެލުމުގައި ޝަރީޢަތުން ބަލާނެ ކަންކަމަކީ؛

• ވަޞިއްޔަތުންދޭ ފަރާތުގެ އަނބިމީހާ/ފިރިމީހާ ނުވަތަ ދަރިއެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް ނުވަތަ މިއިން ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ރަޖިސްޓްރީވެފައި އޮވެ، އެމީހަކު ދިރިއުޅުމުގެ ކަންތައްތައް އެތަނެއްގައި ހަމަޖެހިފައިވުން؛
• ދިރިއުޅޭނެ އެހެންތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުން؛ އަދި
• ރާއްޖެއިން ބޭރުގައި އެމީހެއްގެ ބިމެއް ނުވަތަ އިމާރާތެއް އޮތުމެވެ.

ބިމެއް ވަޞިއްޔަތުން ލިބޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

ވަޞިއްޔަތުންލިބޭ ފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައިވުން ރާއްޖޭގެ ޤާނޫނު ލާޒިމުކުރެއެވެ. އަދި ވަޞިއްޔަތުންލިބޭ ފަރާތަކީ، ވަޞިއްޔަތްކުރާ ފަރާތުގެ އަނބިމީހާ/ފިރިމީހާ، މަންމަ، ބައްޕަ، އުފަންދަރިއެއް ނުވަތަ ނިޔާވެފައިވާ އުފަންދަރިއެއްގެ އުފަންދަރިއެއް ކަމުގައި ވާންޖެހޭނެއެވެ. އިސްވެދެންނެވުނު އެއްވެސް ފަރާތެއް އިޢުތިރާޟްކުރާނަމަ، ޢާންމު ޙާލަތަކީ ވަޞިއްޔަތުން ނުދެވުމެވެ. ނަމަވެސް ވަޞިއްޔަތުންލިބޭ ފަރާތް ފިޔަވައި ދެންތިބި ފަރާތްތަކުގެ ބިމުގެ ތަނަވަސްކަން ހުރެ އިޢުތިރާޟްނުކުރާނަމަ ވަޞިއްޔަތުން ދެވޭނެއެވެ. އަދި ވަޞިއްޔަތުންދޭ މީހާގެ އުފަންދަރިއަކަށް ނުވަތަ ނިޔާވެފައިވާ އުފަންދަރިއެއްގެ އުފަންދަރިއަކަށް ވަޞިއްޔަތުން ދިނުމަށް، ވަޞިއްޔަތުންދޭ މީހާގެ އަނބިމީހާ/ފިރިމިހާ ނުވަތަ މަންމަ ނުވަތަ ބައްޕަ އިޢުތިރާޟްކުރާ ޙާލަތުގައިވެސް، ވަޞިއްޔަތުން ދެވިދާނެއެވެ.

ވަޞިއްޔަތްކުރާ ފަރާތުގެ އަނބިމީހާ/ފިރިމީހާ، މަންމަ، ބައްޕަ، އުފަންދަރިއެއް ނުވަތަ ނިޔާވެފައިވާ އުފަންދަރިއެއްގެ އުފަންދަރިއެއް އިޢުތިރާޟްނުކުރާނަމަ ނުވަތަ އެއިން ފަރާތެއް ދުނިޔޭގައި ނެތްނަމަ، ވަޞިއްޔަތުންދޭ ފަރާތުގެ މައިފުށުގެ ނުވަތަ ބަފައިފުށުގެ ތިމާގެ މީހަކަށް ވަޞިއްޔަތުން ދެވިދާނެއެވެ. ނަމަވެސް މިފަދައިން ވަޞިއްޔަތުންދޭ ފަރާތުގެ މައިފުށުގެ ނުވަތަ ބަފައިފުށުގެ ތިމާގެ މީހަކަށް ވަޞިއްޔަތުން ދެވޭނީ، ވަޞިއްޔަތުންލިބޭ ފަރާތުގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ރަޖިސްޓްރީވެފައި ނެތްނަމައެވެ. ނުވަތަ ރަޖިސްޓްރީވެފައި އޮތް ތަން ދޫކޮށްލަން އެމީހެއް އެއްބަސްވުމުންނެވެ.

ވަޞިއްޔަތުންދޭ ދިނުން ރަޖިސްޓްރީކުރުން

ވަޞިއްޔަތުން ދިނުމުގެ މައްސަލަ ޝަރީޢަތުން ނިމުމުން، ވަޞިއްޔަތުން ދިންކަން ގޯތީގެ ރަޖިސްޓްރީގައި ބަޔާންކުރާނެއެވެ. ވަޞިއްޔަތުންދިން ފަރާތް ނިޔާވުމުން، ނިޔާވި ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ވަޞިއްޔަތް ފުރިހަމަ ކުރުމުގެ މައްސަލަ ކޯޓަށް ހުށަހަޅާށެވެ. ވަޞިއްޔަތުން ލިބުނު ފަރާތަށް ވަޞިއްޔަތުން ލިބުނު ބިން ރަޖިސްޓްރީކޮށްދެވޭނީ، ވަޞިއްޔަތް ފުރިހަމަވެއްޖެކަމަށް ޝަރީޢަތުން ޙުކުމްކުރުމުން ޝަރީޢަތުން ނިންމެވި ގޮތެއްގެ މައްޗަށް ބިނާކޮށެވެ.

ކޯޓު މެދުވެރިކޮށް ވަޞިއްޔަތުގެ މައްސަލަ ކުރިއަށް ގެންދިއުމަކީ މުހިއްމުކަމެކެވެ. އެހެންނޫންނަމަ، ވަޞިއްޔަތް ފުރިހަމަނުވާކަމުގައި ކަނޑައަޅާ، ވަޞިއްޔަތުދިން ތަން ވަޞިއްޔަތުން ލިބުނު ފަރާތަށް ނުލިބުމަކީ މެދުވެރިވެދާނެ ގޮތެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355