ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމަށް އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް (އޯއައިސީ) މެމްބަރު ގައުމުތަކަށް ފުރުސަތު ހުޅުވާލާފައިފި އެވެ. އެގޮތުން މި ފުރުސަތު ރާއްޖެއަށް ވެސް ލިބިފައިވާއިރު ހަޔަރ އެޑިޔުކޭޝަނުން ބުނީ ސްކޮލަރޝިޕަށް އެދި 10 މަރޗްގެ 1:30ގެ ކުރިން ފޯޓަލް މެދުވެރިކޮށް ފޯމް ހުށަހަޅަން ޖެހޭ ކަމަށެވެ.
މި ފުރުސަތުގައި ބެޗްލަރސް ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީގެ ލެވަލްގެ ކޯސްތަކަށް އެޕްލައި ކުރެވޭނެއެވެ. ކޯސް ކުރިއަށް ގެންދާނީ ޗައިނާގައެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު އަދި ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު މުއްދަތަށް ދިވެހިރާއްޖެއަށް ހިދުމަތް ކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.
މީގެ އިތުރުން އެމިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވާން ޖެހޭ ކަމަށާއި، އެދިފައިވާ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވާން ޖެހޭ ކަމަށެވެ.
ކެންޑިޑޭޓުން ކިޔަވަންދާން ކަނޑައެޅޭ ޔުނިވަރސިޓީއެއް އެނގޭނީ ސްކޮލަރޝިޕް ދޭ ފަރާތުން ޕްލޭސްމަންޓް ހަމަޖެހުމުން ކަމަށާއި، މާސްޓަރސް / ޕީއެޗްޑީ އަށް ކުރިމަތިލާ ކެންޑިޑޭޓުން ކިޔަވަންޖެހޭ ބަހެއް ކަނޑައެޅޭނީ ސްކޮލަރޝިޕްދޭ ފަރާތުން ޕްލޭސްމަންޓް ފޮނުވުމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި ޕްލޭސްމަންޓް ލިބޭ ޔުނިވަރސިޓީގެ ގޮތުން ބައެއް ފަހަރު މުޅި ކޯސް ޗައިނީޒް ބަހުންވެސް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށާއި، ޗައިނީޒް ބަހުން ކޯސް ފުރިހަމަ ކުރަން ޖެހޭ ނަމަ 1 ނުވަތަ 2 އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރަން ޖެހޭ ކަމަށްވެސް އެ މިނިސްޓްރީ ބުނެފައި ވެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށާއި، އެހެން ޚަރަދުތައް ހަމަޖައްސަންޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށް ކަމަށެވެ.
ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު މަދުވެގެން 6 މަސްދުވަސް ވަންދެން އެ މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަން ޖެހޭ ކަމަށާއި ކޯހަށް ނޮމިނޭޓްވެއްޖެކަން މިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ހިދުމަތް ނުކުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.