ދެބައިފިން ކޯޓުގައި: ބަލި އެނދުގައި އޮތް ބައްޕައަށް ދަރިފުޅުގެ ނުފޫޒު!
އާއިލީ މައްސަލަތަކަކީ ކޯޓުތަކުގައި ގިނަ މައްސަލަތަކެވެ. ހަމައެހެން، އެއްބަސްވުމާ ހިލާފުވެގެން އުފެދޭ ދެބަސްވުންތަކުގެ ޝަރީއަތްތައް ވެސް ކޯޓުތަކުގައި އެހާމެ ގިނަ އެވެ. މިފަހަރު މިއޮތް މައްސަލައަކީ މި ދެ ހާލަތަށް ވެސް ފެތޭ މައްސަލައެކެވެ. އެއްބަސްވުމެއްގެ ތެރެއިން އުފެދިފައިވާ އާއިލީ މައްސަލައެކެވެ. ދޯންޏެއްގެ މައްސަލާގައި ދެބައިފިން ސުޕްރީމް ކޯޓާ ހަމައަށް ދިޔައީ އެވެ.
މި މައްސަލައެއް އުފެދިގެން އައީ ހުސެއިން، އޭނާގެ ދަރިފުޅު ރިފާސްއަށް "ކޯމަސް" ނަމަކަށް ކިޔާ ދޯންޏެއް ވިއްކުމަށް އެއްބަސްވުމެއް ހެދި ހިސާބުންނެވެ. "ކޯމަސް" ވިއްކުމަށް އެ ދެބަފައިންގެ ދެމެދު އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް އެއާ އެއްގޮތަށް ރިފާސްއަށް ދޯނި ހަވާލުކޮށްފައެއް ނުވެ އެވެ. އެހެންވެ އޭނާގެ ހައްގެއް ބައްޕަ ހިފަހައްޓާފައިވާ ކަމަށް ބުނެ ރަށު ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެއާއެކު، ދެބަފައިންގެ ޝަރީއަތް ދަށު ކޯޓުގައި ފެށުނެވެ.
ދޯނި ހަވާލު ނުކުރުމުގެ ހުއްޖަތެއްގެ ގޮތުގައި ހުސެއިން ކޯޓުގައި ފާހަގަކުރީ އެ އެއްބަސްވުމަކީ އޭނާގެ ދަރިފުޅު، އޭނާއަށް ބިރު ދައްކައި މަޖުބޫރުކޮށްގެން ހެދި އެއްބަސްވުމެއް ކަމާއި އޭނާއަކީ އޭރު ބަލި މީހެއް ކަމެވެ. މި އެއްބަސްވުން ހެދިއިރު ހުސެއިންއަށް ވަނީ ސްޓްރޯކެއް ޖެހިފައެވެ. ކުއްލި ގޮތަކަށް ހުސެއިން ބަލި އެނދުގައި އޮށޯންނަން ޖެހުނީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށް އޭނާ ދުއްވަން ގެންގުޅުނު "ކޯމަސް" ދޯނި މަރާމާތަށް ހަވާލުކޮށްފައިވަނިކޮށެވެ. ސްޓްރޯކަށް ފަރުވާ ހޯދުމަށް ހުސެއިން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދުވަސްތައް ހޭދަކުރީ ދަރިފުޅު، ރިފާސްގެ ބެލުމުގެ ދަށުންނެވެ. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްފަހުގައިވެސް، ދުވަސްތަކެއް ވަންދެން މާލޭގައި، ރިފާސްގެ ފަރާތުން ކުއްޔަށް ހިފާފައިވާ އެޕާރޓްމަންޓެއްގައި ހުސެއިން ހުއްޓެވެ. އެއްބަސްވުމުގައި ސޮއިކުރީ އެ އެޕާޓްމެންޓްގައި އޭނާ ހުރިއިރު އެވެ.
ނަމަވެސް ބިރު ދެއްކި ކަމާއި އޭނާގެ ބަލި ސާބިތުކުރުމަށް އިތުރު ހެއްކެއް ނެތެވެ. ދަށު ކޯޓުން ހިފީ އެ ނުކުތާގަ އެވެ. އެ ކޯޓުން ހުކުމް ކުރީ މަޖުބޫރުކޮށް ބިރު ދެއްކި ކަމާއި އޭނާއަކީ އޭރު ބަލި މީހެއްކަން އެނގޭނެ އެއްވެސް ކިތާބީ ހެއްކެއް ނެތުމުން އެކަން ސާބިތު ނުވާ ކަމާއި އެއްބަސްވުމުގައި ހިމެނޭ ދެ ހެކިން ވެސް ހުސެއިން އެ އެއްބަސްވުމުގައި ސޮއިކުރީ ރުހި ގަބޫލުންކަން ބަޔާންކޮށްފައިވާ ކަަމަށެވެ. އެހެންވެ، އެއްބަސްވުމެއްގައި ފުރިހަމަވާން ޖެހޭ އަސާސީ ޝަރުތުތައް މި ހާލަތުގައި ހަމަވާ ކަމަށެވެ. އެ ކޯޓުން އެންގީ 24 ގަޑިއިރު ތެރޭގައި ރިފާސްއަށް ދޯނި ހަވާލުކުރުމަށެވެ. ނުކޮށްފިނަމަ، ފުލުހުންނަށް އެ ހުކުމް ތަންފީޒު ކުރުމަށް ވެސް އެންގި އެވެ.
ހައިކޯޓަށް؛ ހާއްސަ ގުޅުމެއްގައި އެކަކަށް މަންފާވާނަމަ އެއީ ނުފޫޒެއް!
ދެބަފައިންގެ ދެމެދު އޮތް ދެބަސްވުމެއް ނުހުއްޓި، ހުސެއިން މައްސަލަ ހިފައިގެން ހައިކޯޓަށް ދިޔަ އެވެ. ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ނެރުއްވި ހުކުމްގައި ޝައުގުވެރި ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން، ނުރަނގަޅު ނުފޫޒެއް ހިންގާފައިވާ ކަމަށް ބެލެވޭނެ ތަފާތު އެކި ހާލަތްތައް ކުރިމަތިވެދާނެ ކަމެވެ. އެއްބަސްވުމެއްވެވޭ ދެފަރާތުގެ ދެމެދުގައި ހާއްސަ ގުޅުމެއް އޮތުމަކީ މީގެ ތެރެއިން އެއް ހާލަތެވެ. މިފަދަ ހާއްސަ ގުޅުމެއް އޮންނަ ދެ މީހެއްގެ ދެމެދުގައި އެކަކަށް މަންފާއެއް ލިބޭގޮތެއް އެއްބަސްވުމެއްވެވޭނަމަ،
ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތް ކަމަށް ބަލަންޖެހޭ ކަމާއި، އެގޮތުން މިފަދަ ކޮންމެ މައްސަލައެއްގައި ބަލަންޖެހޭނީ އެމައްސަލައެއްގެ ވަށައިގެންވާ ހަގީގަތްތަކުގެ މައްޗަށް ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.
"ނުރަނގަޅު ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި މީހާއަށް އެކަން ނަފީ ކުރެވޭފަދަ ހެއްކެއް ހުށަނޭޅިއްޖެނަމަ ބަލަންޖެހޭނީ މުއާމަލާތު ކޮށްފައިވަނީ އޭނާގެ ފަރާތުން ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ކަމަށް،" ހުކުމްގައިވެއެވެ.
ހުކުމްގައި ލިޔެފައިވާ ގޮތުގައި، މި މައްސަލާގައި ރިފާސް ހުސައިންއަކީ ދެބަފައިން ކަމަށްވެފައިވާ، އެއްބަސްވުން ހެދީ ހުސެއިން ސްޓްރޯކަށް ފަރުވާ ހޯދަމުންދިޔައިރުކަން އެނގެން އޮންނަ ކަމަށެވެ. އޭނާގެ ބޭސްފަރުވާގެ ކަންތައްތައް ބަލަހައްޓާ ބޭސްފަރުވާއަށް ހަރަދުކުރުމާއި މާލޭގައި ހުރުމަށްޓަކައި އެޕާޓްމަންޓް ކުއްޔަށް ހިފާފައިވަނީވެސް ރިފާސްކަން އެނގޭއިރު، ރިފާސް ހުރީ އޭނާގެ ބައްޕަ ހުސައިންއަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ކަމެވެ. އަދި އެއްބަސްވުން އެކުލަވާލައި، ފައިސާގެ މުއާމަލާތްތައް ކުރަން އެއްބަސްވުމުގައި ލިޔެފައިވާ ގޮތުން ހުސެއިންއަށް މާލީ އެއްވެސް މަންފާއެއް ލިބެން ނެތްކަން ވެސް އެނގެން އޮންނަ ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، ހައިކޯޓުގެ ފަނޑިޔާރުންނަށް ގަބޫލު ކުރެވުނީ މި އެއްބަސްވުމަކީ ބައްޕައަށް ދަރިފުޅު ނުފޫޒު ފޯރުވައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. ހައިކޯޓުން ވަނީ ރިފާސް "ކޯމަސް" ދިނުމަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލްކޮށްފައެވެ. ބައްޕައާ އެއްކޮޅަށް ހައިކޯޓުގެ ނިޔާ އައިއިރު އެއާ ހިތްހަމަ ނުޖެހި، ދަރިފުޅު މިހާރު ވަނީ ސުޕްރީމް ކޯޓަށް މިސްރާބު ޖަހާފައެވެ. ހާއްސަ ގުޅުމުގެ ތެރެއިން އުފެދިފައިވާ މި ދެބަސްވުމުގެ މައްސަލައަށް ސުޕްރީމް ކޯޓުގެ ޝައުގުވެރި ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.




