ހައި ސްޕީޑް ފެރީ ނިޒާމު ގާއިމުކުރުމާގުޅޭ ސާވޭގެ މަސައްކަތްތައް ޒޯން 1ގައި ފަށައިފި އެވެ. ސާވޭގެ މަސައްކަތްތަށް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެންނެވެ.
ޒޯން 1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. މިސާވޭއަކީ ރަށްރަށުގައި ފެރީ ޓަރމިނަލާއި ފެރީ ސްޓޮޕްތައް ހަދާނެ ސަރަޙައްދު ކަނޑައެޅުމާ އަދި އެކަމާގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.
ސާވޭ ޓީމުން މި 3 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި ސަރވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު 3 އަތޮޅުގައި މީހުން ދިރިއުޅޭ 41 ރަށް އޮވެއެވެ. ސާވޭ ޓީމުން ފުރަތަމަ މަސައްކަތް ފަށާފައި މިވަނީ ހއ ގެ ރަށްތަކުގައެވެ.
ހއ، ހދ އަދި ށ އަތޮޅުގައި އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތުން ސަރވޭކުރުމަށް، މި މިނިސްޓްރީ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޓީމެއް ވަނީ ހއ.ހޯރަފުއްޓަށް ގޮސްފައި. pic.twitter.com/7Z0ZxoEWSc
— Min.of National Planning, Housing & Infrastructure (@MoNPHImv) March 6, 2021
އެމްޓީސީސީން ބުނީ މައި ފެރީޓަރމިނަލް ހެދުމަށް ހަމަޖެހިފައިވަނީ ގިނަ ބަޔަކު ދަތުރުކުރާ ބޮޑެތި ރަށްރަށުގައިކަމަށާ އެގޮތުން 5 ރަށުގައި ފެރީ ޓަރމިނަލް ހަދާނެކަމަށެވެ. އަދި އެހެން ރަށްތަކުގައި ހަދާނީ ފެރީ ސްޓޮޕްތަކެއް ކަމަށާއި މިއިން ކޮންމެ ތަނަކީވެސް މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމްތަކާއެކު ހަދާ ތަންތަން ކަމަށެވެ.
ފެރީ ނިޒާމުގެ ހިދުމަތް ދިނުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ ހައިސްޕީޑް ފެރީ ނިޒާމުން ގުޅާލާ ފުރަތަމަ ޒޯންގެ މަސައްކަތް ނިންމައި މިއަހަރުގެ އޮކްޓޯބަރުމަހު ހިދުމަތް ފެށުމަށެވެ.
މި ހިދުމަތް ގާއިމުކުރާނީ ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައިގެންނެވެ. ހިދުމަތް ދިނުމުގައި 3 ރޫޓެއް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ. އެމްޓީސީސީން މިހާރުވަނީ ދަތުރުތަކަށް ބޭނުންކުރާ އުޅަނދުތައް ތައްޔާރުކުރާނެ ބަޔަކު ހޯދުމަށްވެސް ހުޅުވާލާފައެވެ. މި ހައިސްޕީޑް ފެރީތަށް ފަރުމާކުރަނީ މީހުން އުފުލުމަށް ފަސޭހަ ޖާގަ ތަނަވަސް ފެރީތަކެއްގެ ގޮތުގައިއެވެ. އެގޮތުން އެމްޓީސީސީންވަނީ މީގެ 17 ފެރީ ހޯދުމަށް އިއުލާންކޮށްފައެވެ.