ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ލޯގޯ މިއަދު ޓޫރިޒަމް މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ހަރަކާތްތަކުގައި ބޭނުންކުރާ ރަސްމީ ލޯގޯ އިފްތިތާހުކޮށްފައިވަނީ އެ މިނިސްޓްރީން މިއަދު ބޭއްވި ވަރޗުއަލް އިވެންޓެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއްކަމަށްވާ މަޓީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކުއެވެ.
މި މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްގެ އިތުރުން، ރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަހުމަދު މުޖްތަބާއާއި، މަޓީގެ ވައިސް ޗެއަރމަން ހުސައިން އަފީފް އަދި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުންވެސް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ގިނަ އަދަދެއްގެ ފަރާތްތަކަކުން ބައިވެރިވި މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ރަން އަހަރު، ރަން އަހަރަކަށް ވެގެންދާނީ ސިނާޢަތުގެ މަންފާ ދިވެހިންނަށް ފޯރައިގެންކަމަށެވެ. އެގޮތުން މިވިޔަފާރީގެ މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހީން ވާންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އިފްތިތާޙުކުރެއްވި، ލޯގޯއަކީ ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ސަގާފަތާއި ތަރިކަ ދޭހަވާގޮތަށް ފަރުމާ ކުރެވިފައިވާ ލޯގޯއެކެވެ. މިލޯގޯ ފަރުމާކޮށްފައިވަނީ ދިވެހި ދެ އާޓިސްޓުން ކަމަށްވާ އަބްދުﷲ ނަޝާތު އަދި އަހުމަދު އަޒްލިފްކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ..