twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރީތަ؟

Mar 11, 2021

އިދާރީ ގޮތުން ގެނުވުނު ބަދަލެއްގެ ސަބަބުން ތިމާ ވަޒީފާ އަދާކުރާ ސަރުކާރު އޮފީހުން، އެހެން އޮފީހަކަށް ބަދަލުކުރީތޯއެވެ؟ ނުވަތަ އެހެން ރަށެއްގައި ހުރި އޮފީހަކަށް ބަދަލުވާން ޖެހުނީތޯއެވެ؟ ނުވަތަ މިހާރު ވަޒީފާ އަދާކުރަމުންދާ އޮފީހުން އެހެން އޮފީހަކަށް ބަދަލުވުމަށް ތިމާ ބޭނުންވޭތޯއެވެ؟

މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް ސިވިލް ސަރވިސްގައި އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުވުމުގެ އުޞޫލަށް ބަލައިލަމާތޯއެވެ.

އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުން

ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުވާން ބޭނުންވެފައި ހުރި މުވައްޒަފަކު، އެ އޮފީހުގެ ޒިންމާދާރު އިސްވެރިޔާ އަދި ބަދަލުވާން ބޭނުންވާ އޮފީހުގެ ޒިންމާދާރު އިސްވެރިޔާވެސް އެކަމަށް އިޢުތިރާޟްނުކުރާނަމަ، އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރެވިދާނެއެވެ. މިގޮތުގެމަތިން ބަދަލުކުރުމަށްއެދި، އަދާކުރާ ވަޒީފާގެ ދާއިރާއާއި މުޅިން އެހެން ދާއިރާއެއްގެ އޮފީހަކަށް ބަދަލުކުރުމަށްވެސް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅިދާނެވެ.

ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއް މަސައްކަތްކުރާ ދާއިރާގެ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާނީ އެ އިދާރާއެއްގެ އިސްވެރިޔާއެވެ. ނުވަތަ ބަދަލުކުރަން އުޅޭ އޮފީހުގެ އިސްވެރިޔާއެވެ. ހަމައެހެންމެ، ވަގުތީ ގޮތުން ނުވަތަ އެހެން ރަށަކަށް ބަދަލުކުރުމަށް އެދިވެސް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅިދާނެއެވެ.

ބަދަލުކުރުމުގައި ޢަމަލުކުރަންވީ ގޮތް

މުވައްޒަފުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ ވަކި އުޞޫލުތަކެއް އޮވެއެވެ. އެގޮތުން، މަސައްކަތްކުރާ ދާއިރާގެ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމަށްއެދި ހުށަހަޅާއިރު، އޮފީހުގެ ހިންގުމަށް އަންނާނެ ބަދަލުތަކުގެ ތަފްސީލާއި ބަދަލުކުރާ ސަބަބު، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތަށް ބަދަލުކުރެވޭނީ، މުވައްޒަފު ބަދަލުކުރާ އޮފީހުގައި އެ މުވައްޒަފަކު އަދާކުރާ މަޤާމުގެ ގޮތުން، އެއް ރޭންކެއްގެ ޝަރުޠުހަމަވާ ހުސް މަޤާމެއް އޮތްކަމުގައިވާނަމައެވެ.

ހަމައެހެންމެ މިގޮތަށް ބަދަލުކުރެވޭނީ މިނިސްޓްރީއެއްގެ ނުވަތަ މިނިސްޓަރެއްގެ ބެލުމުގެ ދަށުން ހިންގާ އިދާރާއެއްނަމަ މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި އެއީ ގަވަނިންގ ބޯޑެއް ނުވަތަ ކައުންސިލެއްގެ ދަށުން ހިންގާ އިދާރާއެއްނަމަ އެ ބޯޑެއްގެ ނުވަތަ އެ ކައުންސިލްގެ ލަފާ ހޯދުމަށް ފަހުގައެވެ.

މީގެއިތުރުން ބަދަލުކުރެވިގެންދަނީ، އެ ރަށެއް ނުވަތަ އެރަށަކާ އެއްފަސްކުރެވިފައިވާ ރަށް ނޫން އެހެން ރަށެއްގައި ޤާއިމުކޮށްފައިވާ އިދާރާއެއްގެ ވަޒީފާއަކަށް ކަމުގައިވާނަމަ، އެ ގޮތަށް ބަދަލުކުރެވޭނީ އެ ވަޒީފާއަކަށް ބަދަލުކުރުމާމެދު މުވައްޒަފުގެ އިޢުތިރާޟްނެތްކަމުގެ ލިޔުމެއް އޮތްކަމުގައިވާނަމައެވެ.

ވަކިރަށެއްގައި ވަޒީފާއަދާ ކުރުމަށް ހަމަޖެއްސުން

ކުރާމަސައްކަތުގެ ބާވަތުން ނުވަތަ އެހިނދަކަށް ސަރުކާރުން ބޭނުންވާކަމެއްކުރުމަށްޓަކައި، ވަކިރަށެއްގައި ވަޒީފާއަދާ ކުރާގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު، އެ މުވައްޒަފެއް ވަޒީފާއަދާކުރާ އޮފީހެއްގެ އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ. މި ގޮތަށް މުވައްޒަފެއްގެ ވަޒީފާ ހަމަޖެހިފައިވާ އިދާރާ ޤާއިމުކުރެވިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ގޮތަށް ހަމަޖެއްސިދާނެއެވެ. އެގޮތުން ހަމަޖައްސާއިރު، މުވައްޒަފު ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ވަޒީފާ އަދާކުރުމަށް ފޮނުވާ ރަށެއްގައި ޤާއިމުވެފައިހުރިކަން އެ އިދާރާއަކުން ކަށަވަރުކުރުމާއެކު، ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރަމުންދާގޮތް ސުޕަރވައިޒްކޮށް، މޮނިޓަރކުރެވޭނެ ނިޒާމެއް އެ އިދާރާއަކުން ޤާއިމުކުރަންވާނެއެވެ. ހަމައެހެންމެ، އެ ރަށެއްގައި މަސައްކަތްކުރުމަށް އެމުވައްޒަފު އިއުތިރާޟްކޮށްގެން ނުވާނެއެވެ.

އެގޮތުން، ވަކި ރަށެއްގައި ވަކި މުއްދަތަކަށް ވަޒީފާ އަދާކުރާގޮތަށް ހަމަޖައްސާނަމަ، އެ މުވައްޒަފެއް ކުރާ މަސައްކަތެއްގެ ބާވަތާ ގުޅޭގޮތުން ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތްތަކުގެ ތަފުސީލު ހިމެނޭ ގޮތަށް ވަޒީފާބަޔާން އޮޅުންފިލުވައިދީ، އެ ބަޔާނުގައި މުވައްޒަފު ލައްވައި ސޮއިކުރުވާ ބަދަލުކުރެވޭ މުވައްޒަފު ހުރި މަޤާމުގެ މުސާރައާއި އިނާޔަތްތައް އުނިނުވާކަން ކަށަވަރުކުރުމާއެކު، އެހެން ރަށެއްގައި މަސައްކަތްކުރަން ފޮނުވުމުން ލިބެންޖެހޭ އިނާޔަތް އެފަރާތަކަށް ލިއްބައިދޭންވާނެއެވެ. ހަމައެހެންމެ، ވަޒީފާ އަދާކުރުމަށް ފޮނުވާފައިވާ ރަށުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްކޮށް ނިމުމުން، މުވައްޒަފުގެ ދާއިމީ ވަޒީފާ އޮތް އިދާރާއަށް ރުޖޫޢަކުރަންވާނެއެވެ.

ނިންމުން

އެއް އޮފީހުން އަނެއް އޮފީހަށް މުވައްޒަފުން ބަދަލުކުރުމުގައި، އުޞޫލާއެއްގޮތްވާ ގޮތުގެމަތިންތޯ ބަދަލުކުރެވިގެންދަނީ ޔަޤީންކުރުމަކީ، މުވައްޒަފުގެ ޙައްޤުތައް ކަށަވަރުކުރެވިގެންދާނެ ކަމެއްކަން ޔަޤީނެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355