އެވިޑް ކޮލެޖްގެ މިއަހަރުގެ މޭ އިންޓޭކްގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މޭ އިންޓޭކްގައި ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް އާ ހަމައަށް އެކި ދާއިރާތަކުން ކިޔަވައި ދޭނެ އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މޭ އިންޓޭކް ހުޅުވައިދެއްވީ އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު އެވެ. މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ހުރިހާ ފެކަލްޓީއެއް ބައިވެރިވެ، އެ ފެކަލްޓީ އަކާ ގުޅޭގޮތުން މައުލޫމާތު ވަނީ ހިއްސާ ކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްﷲ މުސްތާގް ވިދާޅުވީ އެވިޑް ކޮލެޖްގެ ފަރާތުން ނިކުންނަ ދަރިވަރުންނަކީ ގައުމު ބިނާ ކުރާނެ ދަރިންކަމުގައި ވުމަކީ އެއްމެ ބޮޑު ހުވަފެން ކަމަށާއި އެ ކޮލެޖްގެ އަމާޒަކީ އަބަދުވެސް ތަފާތު ވައްތަރުގެ ކޯސް އަދި ތަފާތު ވައްތަރުގެ ޕްރޮގްރާމްތައް، އިލްމީ އަދި ގާބިލު ބޭފުޅުންނާއެކު ކުރިއަށް ގެންދިއުން ކަމަށެވެ.
އެވިޑް ކޮލެޖްގެ ފެކަލްޓީ ތަކުގެ ތެރޭގައި، ފެކަލްޓީ އޮފް އެޑިއުކޭޝަން، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، އަދި ފެކަލްޓީ އޮފް ހިއުމަން ޑެވެލޮޕްމެންޓް ހިމެނެ އެވެ. މީގެ އިތުރުން ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަން އަދި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އަކީވެސް އެވިޑްކޮލެޖުގައި ހިންގާ ފެކަލްޓީތަކެވެ. މި ފެކަލްޓީ ތަކުން މަތީ ތައުލީމުގެ އެކި ގިންތިތަކަށް އަމާޒުކޮށް އެކި ދައިރާތަކުން ތަފާތު ކޯސްތައް ހިންގަ އެވެ.
މެއި އިންޓޭކްގެ ކޯސްތަކަށް https://www.avidcollege.edu.mv/online-application-form/ މި ލިންކް މެދުވެރިކޮށް އެޕްލައިކޮށްލެވޭނެ އެވެ.
މީގެ އިތުރުން އެ ކޮލެޖުންބުނީ އެ ކޮލެޖުގެ ފެކަލްޓީތަކުގައި މި އަހަރު ކިޔަވާ ދަރިވަރުންނަށް ފީ ދެއްކުމަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމާއި ފީ ދެއްކުމުގެ ނިޒާމް ގާއިމް ކޮށްފައިވާ ކަމަށެވެ.