ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މިދިޔަ އަހަރު އިންސާނީ ހައްގުތަކާ ގުޅުންހުރި 308 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މިއަދު އާންމު ކުރި އެޗްއާރްސީއެމްގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެ ކޮމިޝަނަށް 510 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އެ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުގައި ރަޖިސްޓްރީ ކުރީ 627 މައްސަލަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 69 މައްސަލަ އިތުރު އަދަދެކެވެ.
މީގެ އިތުރުން އެ ކޮމިޝަނުން އިސްގައިގެން 157 މައްސަލައެއް ބަލާފައި ވެއެވެ. އެ ކޮމިޝަނުން ބަލާ ނިންމާފައިވާ 308 މައްސަލައިގެ ތެރެއިން ހިމެނެނީ 2020 ވަނަ އަހަރުގެ 195 މައްސަލައާއި، 2019 ވަނަ އަހަރުގެ 99 މައްސަލާއާއި، 2018 ވަނަ އަހަރުގެ 12 މައްސަލައާއި، 2017 ވަނަ އަހަރުގެ މައްސަލައަކާއި 2015 ވަނަ އަހަރުގެ މައްސަލައެކެވެ.
ކޮމިޝަނުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން 62 މައްސަލައެއް ހައްލުވެފައިވެ އެވެ. އަދި 66 މައްސަލައެއް ބަލައި ހައްގެއް ގެއްލިފައި ނުވާ ކަމަށް ނިންމާފައިވެ އެވެ.