twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށި ބޭރުން ބޮޑެތި އުޅަނދުފަހަރު ބަނދަރުކޮށް ވަދެވޭނެ ރަައްކާތެރި ސަރަހައްދެއް ހޯދައިފި

ޚަދީޖާ އާދަމް
Mar 15, 2021
1

ރާއްޖެ އަންނަ ބޮޑެތި އުޅަނދުފަހަރު ބަނދަރުކޮށް ވަދެ ނުކުމެވޭނެ ރައްކާތެރި ސަރަހައްދެއް ކުޅުދުއްފުށި ބޭރުން ހޯދައިފިއެވެ.

ރާއްޖޭގެ އުތުރުގައި ކުރިއަށްގެންދިޔަ މި ސަރވޭގެ ފުރަތަމަ ބުރު ނިންމާލާފައިވަނީ ކުޅުދުއްފުށި ސަރަހައްދުގެ ސާވޭގެ އިތުރުން ތިލަދުންމަތި ދެކުނުބުރިން ފެށިގެން މިލަދުންމަޑުލު އުތުރުބުރިއާ ހަމައަށް ހިމެނޭ ސަރަހައްދުގެ (ގާތްގަނޑަކަށް 4068 އަކަ ކިލޯމީޓަރު) ސާވޭވެސް ފުރިހަމަކޮށްފައެވެ.

ކުޅުދުއްފުށި ކައިރިން މި ސަރަހައްދު ހޯދިފައިވަނީ ރާއްޖޭގައި ނިޔަމިކަމުގައި ބޭނުންކުރާ މައުލޫމާތު ހިމެނޭ ޗާޓުތައް އަޕްޑޭޓުކުރުމަށް ގައުމީ ދިފާއީބާރާއި އިންޑިއަން ނޭވީ ގުޅިގެން ފެށި ހައިޑްރޯގްރެފިކް ސަރވޭގެ ހޯދުންތަކުންނެވެ.

މިއާއެކު ނޮޅިވަރަންފަރާއި، ނޮޅިވަރަމް، އަދި ކުޅުދުއްފުއްޓާއި ކުމުންދުއަށް ވަންނަ ނެރު ދެނެގަނެވިފައިވާއިރު، މީގެ ސަބަބުން ސަރަހައްދަށް އަންނަ އުޅަނދުފަހަރަށް ދަތުރުފަތުރުގައި އަދި ނެވިގޭޝަންގައި ފަސޭހަވެ އެ ސަރަހައްދަށް އަންނަ ޔޮޓުތަކުގެ ޢަދަދު އިތުރުވެގެންދާނެއެވެ.

މި ސާވޭއާއެކު ދިވެހިރާއްޖޭގެ އުތުރު ސަރަހައްދުގެ ރަށްތަކުގެ ނެރުތަކާއި ފަޅުތައް ދެނެގަނެވޭނެ ކުޑަ ސްކޭލް ޗާޓެއް ކުރިމަގުގައި ޝާއިއު ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އިންޑިއަން ނޭވީއާ ގުޅިގެން ކުރިއަށްގެންދިޔަ މި ސަރވޭގެ ސަބަބުން މިފަދަ ބައެއް ކުދިކުދި ސަރވޭތައް ހެދުމަށް ގުޅުންހުރި ދާއިރާތަކުގެ ސިފައިން ތަމްރީނުކުރެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވިޔަފާރި ބަނދަރުތައް ހިމެނޭ އެހެން ސަރަޙައްދުތަކުގެ ޗާޓުތައްވެސް ހަދާނެކަމަށެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ 1800ގެ އަހަރުތަކުގައި ސެޓެލައިޓް ފޮޓޯއާއި ހޭންޑް ލެޑްލައިން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނެވިގޭޝަނަލް ނުވަތަ ނިޔެވިކަމުގެ މެޕްތަކެކެވެ. އެއަށްފަހު މިޗާޓުތައް އަޕްޑޭޓު ކުރުމަށް 2007 ވަނަ އަހަރު ކުރެވުނު މަސައްކަތުން މިވަގުތު ރާއްޖޭގައި އެތެރެވަރީގެ ލާޖް ސްކޭލް ޗާޓުތައް ހެދިފައިވަނީ ހަމައެކަނި މާލެއާއި އައްޑޫ ސިޓީގެ އިތުރުން އިހަވަންދިއްޕޮޅުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355