ކުޅުދުއްފުށި ސިޓީން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 8 އަށް އަރައިފި އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީ އިއްޔެގެ ޕޮޒިޓިވް ކޭސްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ 3 މީހަކާއި މިއަދު ސީކުއިން ބޯޓް މާލެއިން އައުމުން އެ ބޯޓުގެ މުވައްޒަފުން ޓެސްޓް ކުރުމުން އެ ތަނުން 3 މީހެއް ކަމަށެވެ.
އިއްޔެ ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ މާލެއިން އައިސް ބަލީގެ އަލާމަތް ހުރުމުން ޓެސްޓްކުރި އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އެއްވެސް ކޮންޓެކްޓެއް ނެތްކަމަށާއި ރަށަށް އައުމަށްފަހު ވަނީ ކަރަންޓީން ވެފަކަމަށެވެ. އިއްޔެ ދެވަނައަށް ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީގައި ހުންނަށް އޭޑީކޭ ކޯލް ސެންޓަރުގައި މަސައްކަތްކުރާ 30 އަހަރުގެ އަންހެނެކެވެ. އެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވެފައިވާ ސާމްޕަލް މިހާރު ނަގަމުން ދާކަމަށެވެ.
މިއާދު ސީކުއިން ބޯޓު ރަށަށް އައުމުން ޓެސްޓްކުރީ އިއްޔެގެ ކުލަސްޓާއަކީ އެ ބޯޓާގުޅިފައިވާ ކޭސްއެއްކަމަށް ފާހަގަވެފައިވާތީކަމަށް އޮފިސަލު ވިދާޅުވި އެވެ. އަދި އެކޭސްއާ ގުޅިގެން އިތުރު ކޮންޓެކްޓުން ފާހަގަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެ މީހުން މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.
ކުޅުދުއްފުށިން އެންމެ ފަހުން ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ. އޮފިޝަލްވަނީ ސްކޫލް ބަންދު ދުވަސްވަރުކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.