އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި)ގެ ހިދުމަތް ދޭން ފަށައިފި އެވެ. މިއީ އަތޮޅުތެރޭގައި މި ހިދުމަތް ފެށި ދެވަނަ ހޮސްޕިޓަލެވެ.
މިކަމަށްޓަކާ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ހޯލުގައި މިހާރު ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވާދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ.
ޓާޝިއަރީ ފެންވަރަށް ތަރައްގީކުރާ އެ ހޮސްޕިޓަލަށް އެމްއާރުއައި މެޝިނެއް ގެނެސްފައިވަނީ 2020 ވަނަ އަހަރުގެ މާރޗުމަހުގެ ތެރޭގައި އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު އާދިލް ވިދާޅުވީ، އެމްއާރުއައިގެ ހިދުމަތް ކޭއާރުއެޗުގައި ފެށުމަށް ސަރުކާރުން 23 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ކޭއާރުއެޗުން ދޭ ހިދުމަތާމެދު ރައްޔިތުން ހިތްހަމަޖެހޭ ކަމަށާ އެކަން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައިވެސް ސަރުކާރު ކޭއާރުއެޗު ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށާއި ލާމަރުކަޒުކުރެވި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރާ ކަމެއް ކަމަށެވެ.
މިރަސްމިއްޔާތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި ކައުންސިލް ރައީސް، އަދި ހޮސްޕިޓަލްގެ މެނޭޖަރާއި އައިޖީއެމްއެޗުގެ ސީއީއޯގެ އިތުރުން ބޯޑު މެމްބަރުންނާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ގިނަ އިދާރާތަކެއްގެ ވެރިން ބައިވެރިވެލެއްވި އެވެ.