twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޝަހީދުންގެ ދުވަސްފަދަ ދުވަހެއް އިއާދަވެދާނެކަމަށް އެންމެން ވިސްނަންޖެހޭ!

އަބްދުލް ވާހިދު ޙަސަން
Mar 15, 2021
2

އިއްޔެ ދިވެހިރާއްޖޭގައި މި ފާހަގަ ކުރެވިގެން ދިޔައީ ޝަހީދުންގެ ދުވަހެވެ. އަލިރަސްގެފާނުން ޕޯޗުގީޒުންނާ ގިނިކަންޏާ ކުރި ހަނގުރާމައިގެ ހަނދާން އާކޮށް، އެ ރަސްގެފާނުގެ ޒިކުރާ މިއަދު އަހަރެމެން އާކޮށްފީމުއެވެ. ޝަހީދުންގެ ދުވަހަކީ ކޮންދުވަހެއްތޯ އަދި އެއީ ކޮންކަމެއް ފާހަގަ ކުރާ ދުވަހެއްތޯ ސުވާލު ކުރުމުން ގިނަ މީހުންނަށް ދޭން އެނގޭނެ ޖަވާބަކީވެސް އެއީއެވެ. މިފަދަ ދުވަހެއް ފާހަގަ ކުރެވިގެންދާއިރު، އަލިރަސްގެފާނު ޕޯޗުގީޒުންނާ ހަނގުރާމަކޮށް ޝަހީދު ވާން ދިމާވީ ކީއްވެގެންތޯ އަހަރެމެން ބަލަންޖެހެއެވެ. އަދި ޔޫރަޕްގެ ބޮޑުބާރަކާ ގިނިކަންޏާ ނުވަތަ އަރިސް ދެ ބޭކަލަކާއެކު ހަނގުރާމަ ކުރަން ޖެހުނީ ކީއްވެގެންތޯ ވެސް އަހަރެމެން ދަސްކުރަންޖެހެއެވެ. އަދި ޕޯޗުގީޒުން ރާއްޖެއާ ދޯޅުވެ ހަނގުރާމަކޮށް، ރާއްޖެ ހިފަން ދިމާކުރީ ކިއްވެގެންތޯ ވެސް ބަލާ އެކަންކަމުން އިބުރަތް ހާސިލް ކުރަން ޖެހެއެވެ.

ނަމަވެސް މިއާޓިކަލްއަކީ އެތަފްސީލް ތަކަށް ދެވޭވަރަށް ވުރެ ކުރު އާޓިކަލް އެކެވެ. ކުރުގޮތަކަށް ބުނާނަމަ، ޕޯޗުގީޒުން ރާއްޖެ ހިފަން އައީ ރާއްޖޭގެ ރަސްކަމުގައި އިންނެވި ރަސްކަލެއް ކަމުގައިވާ ނުވަ ވަނަ ހަސަން ރަސްގެފާނު، ރާއްޖެ ދޫކުރައްވާ އަމިއްލަ ފުޅަށް އިންޑިއާއަށް ވަޑައިގެން އިސްލާމް ދީން ވެސް ދޫކުރައްވާ، ކުރިސްޓިއަން ދީނަށް ވަދެވަޑައިގެން، އޭރު އިންޑިއާ ހިފައިގެން ތިބި، ޔޫރަޕްގެ ބާރުކަމުގައިވާ ޕޯޗުގީޒުންނާއެކު ހެދި ޑީލްތަކެއްގެ ސަބަބުންނެވެ. ހަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވާ 2 އަހަރު ވަންދެން އިންޑިއާގެ ކޮއްޗޭގައި (މިހާރު ކޮޗިންގައި) ހުންނަވާ، ދީން ބަދަލު ކުރައްވާ، ޕޯޗުގީޒުންގެ އިއްޒަތްތެރި ކަނބަލަކާ ކައިވެނިވެސް ބައްލަވައިގަތެވެ. 2 އަހަރު ރާއްޖޭގެ ރަސްކަމުގެ ތަހުތު ހުސްކޮށްހުރުމަށްފަހު، އިންޑިއާއަށް ވަޑައިގެން ރަސްގެފާނުން ދީން ދޫކުރެއްވި ހަބަރު ރާއްޖޭގެ ރައްޔިތުންނަށް އިވުމާ ގުޅިގެން، ރާއްޖޭގެ ތަހުތަށް އިސްކުރެވުނީ އަބޫބަކުރު ރަސްގެފާނެވެ. އަދި އޭގެ ފަހުން އަލިރަސްގެފާނެވެ. މި މުއްދަތުގެ ތެރޭގައިވެސް ރާއްޖެއަށް ޣައްދާރުވި ރަސްގެފާނުގެ އެދުމުގެ މަތިން ޕޯޗުގީޒުން އެކިފަހަރު މަތީން ރާއްޖެއަށް ހަމަލާދިނެވެ. ނަމަވެސް ދިވެހި ލަޝްކަރު ބަލިކުރެވޭގޮތް ނުވީއެވެ. ނަމަވެސް ތިންވަނަ ފަހަރު ޕޯޗުގީޒުން ރާއްޖެއަށް ހަމާދިނުމުގެ ކުރިން ރާއްޖޭގެ އަސްކަރިއްޔާގެ އެކިފަރާތްތަކާއެކު ޑީލްތައް ހެދިއެވެ. އެހެންކަމުން ޕޯޗުގީޒުންނާ ހަނގުރާމަކުރަން ނުކުންނަން ޖެހުނީ އަލިރަސްގެފާނު ގިނިކަންޏާ އެވެ.

މިއީ ޕޯޗުގީޒުން ރާއްޖެ ހިފިގޮތުގެ ކުރު ހުލާސާއެކެވެ. ރާއްޖޭގެ ރަސްކަލެއް ގައުމަށް ޣައްދާރުވީއެވެ. އިސްލާމްދީނަށްވެސް ފުރަގަސްދިނީ އެވެ. ގައުމުގެ އެތެރޭގައި ތިބި ބަޔަކު ބޭރުބައެއްގެ ރިޝްވަތުގައި ޖެހި ޑީލްތައް ހެދީއެވެ. ރާއްޖޭގެ ކަނޑުތަކުން ވަދެގަންނާނެ ގޮތްތައް ކިޔައިދީ ގައުމަށްވެސް ޣައްދާރުވީ އެވެ. މަތީގައި މިދެންނެވި ކަންތައްތަކަކީ ގިނަ ފަހަރު މިދުވަހުގެ ވާހަކަ ކިޔާއިރު، ވަރަށް މަދުން ނޫނީ ނުއިވޭ ވާހަކަތަކެވެ. މިވާހަކަ ތަކުން އިބުރަތް ހާސިލްކޮށް، މިއަދު ގައުމުގައި ކަންތައްތައް ވަމުންދާގޮތާ އަޅާކިޔާ، ވިސްނާ ފިކުރު ކުރަން އެބަޖެހެއެވެ. އެހެނީ، އޭރު ހިނގާދިޔަ އެތައްކަމެއް މިހާރުވެސް ތަކުރާރު ވަމުންދާހެން ހީވާތީއެވެ.

ރާއްޖޭގެ ހާރިޒީ ސިޔާސަތު

މަންޒަރުތައް ފެންނަ ގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި ވަނީ އެއްގައުމަކަށް ވަރަށް ބޮޑަށް ބަރޯސާވާގޮތަށެވެ. އެއީ އިންޑިއާއެވެ. ލޯނެއް ނަގަންވެސް އިންޑިއާއެވެ. އެހީއަށް އެދެންވެސް އިންޑިއާއެވެ. ވެކްސިންގ ގެނެސްދޭންވެސް އިންޑިއާއެވެ. ރާއްޖޭގައި ސަރވޭއެއް ހަދަންވެސް އިންޑިއާއެވެ. ބަނދަރު ހަދަން ވެސް އިންޑިއާއެވެ.

އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތްރަހުމަތްތެރި ގައުމެވެ. ބޮޑުކަމެއް ދިމާވެއްޖެނަމަ، އެހީގެ އަތެއް އެންމެކައިރިން ދިއްކޮށްލެވޭނީ އިންޑިއާއަށެވެ. އަހަރެމެންނަށް ހިންދީ ފިލްމުވެސް ކަމުދެއެވެ. އަދި އިންޑިއާގެ ބިރިޔާނީވެސް މީރެވެ. އިންޑިއާގެ ޓީޗަރުންނާއި ޑޮކްޓަރުންވެސް މޮޅެވެ. އިންޑިއާ އަދި އިންޑިއާގެ މީހުންނަށް ދެކޮޅުވެރިކަމެއް ނެތެވެ. ނަމަވެސް މިކަންކަން މިހެން ހުރިކަމުގައި ވިޔަސް، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ހިޔަނި އެޅޭނެ ފަދަގޮތަކަށް އެއްވެސް ކަމެއް ދިއުމަކީ ގައުމު ދެކެ ލޯބިވާ އެއްވެސް ދިވެއްސެއް ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ހުރިގޮތުން، މިއީ މިވަގުތު އަދި ޝަހީދުންގެ ދުވަހުގެ ވާހަކަ ދައްކާއިރު، ވިސްނާލަން ޖެހޭ ކަމެކެވެ.

އިންޑިއާއާއެކު ހެދިފައިވާ އެކިއެކި އެއްބަސްވުންތައް

ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ރާއްޖޭގެ އެކިކަންތައްތަކާބެހޭ އެއްބަސްވުންތައް އިންޑިއާ އާއެކު ވަނީ ހެދިފައެވެ. މިސާލަކަށް ދަންނަވާނަމަ، މިއަދުގެ ހޫނު ބަހުސް ކަމުގައިވާ އުތުރު ތިލަފަޅުގައި ރާއްޖޭގެ ކޯސްޓްގާޑަށް ބަނދަރަކާއި އެމްއެންޑީއެފްގެ ވައިގެ ސިފައިންނަށް ހަދާ ފެސިލިޓީތަކާބެހޭ ގޮތުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމެއް ކަމެއް ބުނެވޭ ލިޔުންތަކެއް ވަނީ ލީކުވެފައެވެ. އަދި އޮންލައިން ނޫސް "ދިޔަރެސް" ގައި ޖަހާފައިވާ ހަބަރުތަކަށް ބަލާއިރު އޭގައި ހުރި ކަންތައްތަކަކީ ފިތްކަނޑައިގެން ދާވަރުގެ ކަންތައްތަކެވެ. ގައުމުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކާއި އަސްކަރިއްޔާގެ އެކި ފަރާތްތަކަށް ރިޝްވަތު ދިން ވާހަކަތައްވެސް އެނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

ލީކުވެގެން އުޅޭ ލިޔުންތަކަކީ ފޭކް ލިޔުންތަކެއް ކަމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާ އިން ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށްބުނެ އެމްއެންޑީއެފް އިން ބަޔާންވެސް ވަނީ ނެރެފައެވެ. އަދި ކަމުގެ މަތިއަޅަން ނޫސްތަކުން ހުއްޖަތްދައްކާ އާޓިކަލްތައް ވެސް ވަނީ ލިޔެފައެވެ.

ދައުރުވަމުންދަނީ ދޮގު މައުލޫމާތުތަކެއް ކަމެއް އެމްއެންޑީއެފް ބުނާނަމަ، އަސްލު އެގްރިމެންޓްގައި އޮތީ ކޯޗެއްކަން ރައްޔިތުންނަށް އެނގެންވާނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މައްސަލަ އުޅޭކަމަށް ތުހުމަތު ކުރެވެނީ ހަމައެކަނި އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި އެއްނޫނެވެ. އައްޑޫގައި ހަދަމުންދާ ޕޮލިސް ޓްރެއިނިންގ އެކަޑެމީގެ ކަންތައްތަކުގައި އިންޑިއާގެ ދައުރަކީ ކޮބައިތޯ ބުނެ ސުވާލުތައް ވަނީ އެކިފަރާތްތަކުން އުފައްދާފައެވެ. އަދި ހދ، ހަނިމާދޫގައި ގާއިމުވެފައި ތިބީ އިންޑިއާގެ ސިފައިންގެ ކިތައް މީހުންތޯ ވެސް މިއީ ސުވާލު އުފައްދާފައިވާ ކަަންކަމެވެ. އަދި އިންޑިއާގެ ނޭވީ ފްލީޓްގެ އެހީތެރިކަމާއެކު ރާއްޖޭގައި ނިޔަމިކަމުގައި ބޭނުންކުރާ މައުލޫމާތު ހިމެނޭ ޗާޓުތައް އަޕްޑޭޓުކުރުމަށް ގައުމީ ދިފާއީބާރާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ހައިޑްރޯގްރެފިކް ސަރވޭތަކުގެ ނިޔަތަކީ ކޮބައިބާއޭވެސް ވިސްނަންވެއްޖެ އެވެ. މިފާހަގަ ކުރެވުނު ކަންތައްތަކަކީ ރާއްޖޭގެ ފަންނީ އަދި ގާބިލު މީހުން ލައްވާ ނުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އަދި އެހެން ގައުމެއްގެ އަސްކަރިއްޔާ ވައްދަންޖެހޭ ކަންތައްތަކެއް ވެސް ނޫނެވެ.

ބައެއް ފަރާތްތަކުން ސިފަކުރާނެ ގޮތުން މަތީގައި ބަޔާން ކުރެވުނު ވާހަކަތަކަކީ ކޮންސްޕިރަސީ ތިއަރީ ތަކެކެވެ. އަދި އިންޑިއާ ސަރުކާރު ނުބައި ނިޔަތެއްވެސް ނެތެވެ. އެހެންކަމަށް ވާނަމަ، ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް ކަންކަން އޮޅުންފިލުވައިދޭން އެބަޖެހެއެވެ. ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއެއް ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަޖިލީހުގައި އޮންނައިރު، އެކޮމިޓީއިން މިކަންކަން ބަލާތޯ، އެމެންބަރުން ހޮވި ރައްޔިތުން އެބަ ޔަގީންކުރަން ޖެހެއެވެ. ކަމަކީ ގައުމުގެ މުސްތަގްބަލާއި މިނިވަންކަމާވެސް ގުޅިފައިވާ ކަންކަމެވެ. އަލިރަސްގެފާނުން ޝަހީދުވި ވާހަކައިން މިވާހަކަ ފަށަން ޖެހުނީ އެހެންވީމައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355