ކުޅުދުއްފުށި ސިޓީގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ ފަހު ދުވަހަކީ މާދަމާ ކަމަށް ޕަބުލިކް ހެލްތުން ބުނެފި އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ކޮވިޝީލްޑް ކުޅުދުއްފުށީގައި ދޭން ފެށީ މިދިޔަ ފެބްރުއަރީމަހު ފުރަތަމަ ދުވަހު އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ޕަބުލިކް ހެލްތް އޮފިޝަލަކު ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ ފަހު ދުވަހަކީ މާދަމާ ކަމަށެވެ. އަދި އެއަށްފަހު ވެކްސިން ދޭނީ ހާއްސަ ހާލަތުގައި އެކަނި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ކޮވިޑް-19 ވެކްސިން ޖަހަމުންދާއިރު މިހާތަނަށް ކުޅުދުއްފުށިން 4641 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ 18-50 އަހަރާދެމުދު މީހުންނެވެ. އެގޮތުން އެ އުމުރުފުރާއިން 2190 މީހަކު ވެކްސިން ޖަހާފައިވެ އެވެ.
18-50 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ކުރާ 281 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. އަދި 50 އަހަރުން މަތީގެ 1078 މީހަކު ވެކްސިން ޖަހާފައިވާއިރު ކުރީ ސަފުގައި މަސައްކަތްކުރާ 845 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންގެ ތެރެއިން 247 މުވައްޒަފަކުވެސް ވެކްސިން ޖަހާފަ އެވެ.
ކުޅުދުއްފުށީގައި މިހާރު ވެކްސިން ޖަހަމުންގެންދަނީ އަމީރު އަމީން ސްކޫލްގައި އެވެ. މާދަމާވެސް ވެކްސިން ޖަހަނީ މެންދުރު 12:00-14:00 އަށެވެ.