- A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ
- މެދުއިރުމައްޗާއި، ދެކުނާއި އަދި އިރުމަތީ އޭޝިއާ، އިރުމަތީ އެފްރިކާގެ ގައުމުތަކާއި ގުޅުވާލެވޭނެ
އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހުޅުވާލައިފި އެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ފަށާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ބީލަން މަރުހަލާގެ ފުރަތަމަ ހަރުފަތް ކަމަށްވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކުން މިއަދު ހުޅުވާލާފައިވާ ކަމަށާ މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެއް ކަމަށެވެ.
ހަނިމާދޫ އެއާޕޯޓު ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީވެގެން ދިޔުމަކީ އުތުރުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރެވޭނެ ކަމަށެވެ.
އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގައި ގާއިމުކުރާ މި އެއާޕޯޓްގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ ދިވެހިވަންތަ ފަރުމާއަކަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
އެ މިނިސްޓްރީން ބުނީ މި މަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ ކަމަށާއި މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓުތައް ހަނިމާދޫ އެއާޕޯޓަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.