twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ޣައިރު ޤާނޫނީ ހައްޔަރު - ހޭބިއަސް ކޯޕަސް ރިޓް

Mar 25, 2021

މިނިވަންކަމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިދީފައިވާ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޙައްޤެވެ. އަދި މި ޙައްޤު ހިފެހެއްޓެނީ ޝަރުޢީ ކޯޓަކުން ކުރާ ޙުކުމަކުން، އަމުރަކުން ނުވަތަ ޤާނޫނަކުން ކަނޑައެޅިފައިވާ ގޮތެއްގެ މަތިންނެވެ. އެނޫން ގޮތަކަށް އެއްވެސް މީހެއްގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އެ މީހަކު ހިފަހައްޓައި، ހައްޔަރުކޮށް އަދި ބަންދުކޮށްގެން ނުވާނެއެވެ. އެހެންކަމުން ޣައިރު ޤާނޫނީ ހައްޔަރެއް ނުވަތަ ބަންދެއްގެ ސަބަބުން މީހެއްގެ މިނިވަންކަމުގެ ޙައްޤު ނިއުޅިގެން ގޮސްފިކަމުގައިވާނަމަ، ހޭބިއަސް ކޯޕަސް ރިޓް އަކަށް އެދުމުގެ ފުރުޞަތު އެފަރާތަކަށް ޤާނޫނުން ވަނީ ފަހިކޮށްދީފައެވެ.

ހޭބިއަސް ކޯޕަސް ރިޓް

ހޭބިއަސް ކޯޕަސް ރިޓަކީ، ޤާނޫނާ ޚިލާފަށް މީހަކު ހައްޔަރުކުރުމާ ގުޅިގެން، އެ މީހަކު ހައްޔަރުން ދޫކޮށްލުމުގެ އަމުރަކަށް އެދި ޝަރުޢީ ކޯޓަކަށް ހުށަހެޅުމުން، އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް އެ މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، ހައްޔަރުކޮށްފައިވާ ފަރާތް ހައްޔަރުން ދޫކޮށްލުމަށް ކަމާބެހޭ ކޯޓުން ނެރޭ އަމުރެކެވެ.

ހައްޔަރުކުރުމާ އަދި ބަންދުކުރުމަކީ ޤާނޫނީ ގޮތުން ތަފާތު ދެ ޙާލަތެއްގައިވާ ދެ ކަމެކެވެ. އެހެންކަމަށްވާއިރު، ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅޭނީ ޣައިރު ޤާނޫނީ ހައްޔަރެއްގެ ސަބަބުންނެވެ. ޤާނޫނާ އެއްގޮތަށް ނުވަތަ ޤާނޫނާ ޚިލާފަށް، އަދި ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާއި ނުލާނަމަވެސް މީހެއް ހައްޔަރުކޮށްފިނަމަ، އެކަން ދެމިގެންދަނީ ހައްޔަރުކުރެވިފައިވާ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމާ ހަމައަށެވެ. އަދި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އެފަދަ ފަރާތެއްގެ ބަންދާމެދު ކޯޓުން ގޮތެއް ކަނޑައަޅާ ހިސާބުން ހޭބިއަސް ކޯޕަސް ރިޓަށް އެދި ހުށަހެޅުމުގެ ވަގުތު ނުވަތަ މުއްދަތު ޤާނޫނީ ގޮތުން ބަންދުވެގެންދާނެއެވެ. ސަބަބަކީ، ހައްޔަރުކުރެވި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވި ހިންގޭ މުއްދަތު މަޖިލީހުގައި އެފަރާތެއްގެ ހައްޔަރަކީ، ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ކުރެވިފައިވާ ހައްޔަރެއްތޯ ނޫންތޯ، އެ މަޖިލީހުގައި ކަށަވަރުކުރެވޭނެތީއެވެ.

ހޭބިއަސް ކޯޕަސް ރިޓަކަށް އެދުން

މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައިވާނަމަ، ހައްޔަރުން ދޫކޮށްލުމަށް އެދޭއިރު ހައްޔަރުކޮށްފައިވާ ފަރާތް ނުވަތަ އޭނާގެ ބަދަލުގައި އެހެން ފަރާތަކުން ކަމާބެހޭ ޝަރުޢީ ކޯޓަކަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދެވިދާނެއެވެ. ހަމައެހެންމެ ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކުނަމަ، އޭނާގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ ނުވަތަ އޭނާގެ މަޞްލަޙަތު ހިމާޔަތްކުރާ ދަޢުލަތުގެ އިދާރާއަކަށްވެސް މިފަދަ ރިޓަކަށް އެދެވިދާނެއެވެ.

އެހެންނަމަވެސް، ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމަށްފަހު، ޤާނޫނު ތަންފީޛުކުރާ ފަރާތަކުން ޢަމަލުކުރަންޖެހޭ ގޮތާ ޚިލާފަށް ޢަމަލުކޮށްގެން، ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަނޭޅެނެއެވެ.

ސާބިތުކޮށްދިނުމުގެ ޒިންމާ

ހޭބިއަސް ކޯޕަސް ރިޓަކަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމުން، ހައްޔަރުގައިވާ ފަރާތް ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ސާބިތުކުރުމަކީ އެފަރާތެއް ހައްޔަރުކުރި ފަރާތުގެ ޒިންމާއެކެވެ. އެގޮތުން، ސާބިތުކޮށްނުދެވިއްޖެނަމަ އެފަރާތެއް ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރު ކުރަންވާނެއެވެ.

ގެއްލުމުގެ ބަދަލު

މީހަކު ހައްޔަރުކޮށްފައިހުރީ ނުވަތަ ބަންދުކޮށްފައިހުރީ ޤާނޫނާ ޚިލާފަށްކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު އޭނާ ބަންދުކުރި ފަރާތުގެ ކިބައިން ލިބިދިނުމަށްއެދި، މަދަނީ މައްސަލައެއް އެފަދަ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހެޅުމުގެ ޙައްޤުވެސް އެމީހަކަށް ލިބިގެންވެއެވެ.

ނިންމުން

ހައްޔަރުކުރުމާ އަދި ބަންދުކުރުމަކީ ތަފާތު ދެޙާލަތެއްކަމުގައިވީ ނަމަވެސް، ދެކަމަކީވެސް ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންތައްތަކެވެ. ޣައިރު ޤާނޫނީ ހައްޔަރެއްގެ ސަބަބުން އެމީހެއްގެ މިނިވަންކަން ގެއްލިގެންދާހިނދު، އެމީހަކު ހައްޔަރު ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމަށް ކޯޓަށް އެދި ހުށަހެޅުމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިދީފައިވާ އަސާސީ ޙައްޤެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355