twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށިން އިތުރު 100 ރޭންޑަމް ސާމްޕަލް ނަގައިފި، މާދަމާ 200 ސާމްޕަލް ނަގާނެ

އަބްދުލް ވާހިދު ޙަސަން
Mar 28, 2021

ކުޅުދުއްފުއްޓަށް އިތުރު ފަރުވާއަށް ފޮނުވި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ބަލި ފެތުރިފައިވޭތޯ ބެލުމަށްޓަކާ ނެގި ސާމްޕަލްތަކުގެ އަދަދު 300 އަށް އަރައިފި އެވެ.

ބުދަ ދުވަހު ފެނުނު މިކޭސްތައް ފެނުނީ ނައިފަރުން އިތުރު ފަރުވާއަށް ފޮނުވި ބަލި މީހެއްގެ ފަރާތުންނާއި އޭނާގެ ދެ އެހީތެރިންގެ ފަރާތުންނެވެ. އަދި ހަމަ އެރަށް ނިސްބަތްވާ ބަލި މީހެއްގެ އެހީތެރިޔަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ހަތަރު މީހުންނަކީވެސް ފެލިވަރު މަސްފެކްޓްރީގައި މަސައްކަތްކުރާ މީހުންނެވެ.

މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި ލޮކްޑައުންކޮށްފައިވާއިރު ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށްޓަކާ ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރަމުންނެވެ. އެގޮތުން އެ ހަތަރު މީހުންނާ ގުޅުން ހުރި މީހުންނާއި ރޭންޑަމް ސާމްޕަލް ހިމެނޭހެން 200 އަށްވުރެ ގިނަ ސާމްޕަލް ނަގާފަ އެވެ. އެ ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފަ އެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުވެސް ވަނީ 100 ރޭންޑަމް ސާމްޕަލް ނަގާފަ އެވެ. ހެލްތް އޮފިސަރުން ވިދާޅުވާގޮތުގައި އެ ސާމްޕަލްތަކުގެ ނަތީޖާ ލިބޭވަރު ވާނީ މިރޭގެ ވަގުތެއްގައި އެވެ. އަދި ހޯމަ ދުވަހުވެސް 200 ރޭންޑަމް ސާމްޕަލް ނަގާނެ އެވެ.

ރޭންޑަމް ސާމްޕަލްތައް ނަގާއިރު އާންމު ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުން ސާމްޕަލްވެސް ނަގަ އެވެ.

ރައްޔިތުން ސަމާލުވުމަށް އެދި ކޭއާރުއެޗުން މިއަދު ބުނެފައިވަނީ، ބަލި ހަށިގަނޑުގައި އަށަގަންނަ ވަގުތުގެ ކުރީކޮޅު ލެބޯޓްރީ ނަތީޖާތަކުން ނެގެޓިވްކަމަށް ދެއްކިޔަސް ފަހުން ނަގައި ސާމްޕަލްއެއް ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށެވެ. އެހެންވެ އެންމެހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވެ ރައްކާތެރިވުމަށް އެދިފައިވެ އެވެ.

އަދި މޮނިޓަރިންގެ ހާލަތުން ވީއްލޭނެ ވަކި ތާރީހެއް ހާމަކުރަން ނޭނގޭ ކަމަށާއި މޮނިޓަރިންގެ ހާލަތުގައި އޮންނަ ވަގުތުގައި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވީހާ ވެސް ދަތި ނުވާނޭހެން އިންތިޒާމްތައް ރޭވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެންނަކަމުގައި ވާ ނަމަ ކޭއާރުއެޗު ކޮވިޑް ހޮޓްލައިން 7606688 އާ ގުޅާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355