twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާލްސް ޓު ކޯޑް ގެ ތިނަދޫ ޕްރޮގްރާމް ނިންމާލައިފި

ޚަދީޖާ އާދަމް
Mar 31, 2021

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 12 ޖެނުއަރީ އިން ފެށިގެން 15 މާޗާއި ހަމައަށް ކުރިއަށް ގެންދިޔަ ގާލްސް ޓު ކޯޑް ތިނަދޫ ސީރީސްގެ ދެވަނަ ޕްރޮގްރާމް ނިންމާލައިފި އެވެ.

މި ޕްރޮގްރާމް ނިންމުމުގެ ހަފްލާ ވާޗުއަލްކޮށް ބާއްވާފައިވާއިރު މި ހަފްލާގައި ޕްރޮގްރާމްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި ދިރާގުގެ އިސްވެރިންނާއި ވިމެން އިން ޓެކްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ. އަދި ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ 3 ވެބްސައިޓްވެސް ދައްކާލެވުނެވެ. މިއަހަރު ހިންގުނު މިޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އާ ޖުމްލަ 17 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ޕްރޮގްރާމްގެ ޝަރަފުވެރި މެހެމާނު، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު ޝިފާޒު، ޕްރޮގްރާމްގެ ބައިވެރިންނަށް ދެއްވި މެސެޖުގައި ވިދާޅުވީ މި ޕްރޮގްރާމުން ދަސްކުރެވުނު ކޯޑިންގ ސްކިލްއަކީ ކުދިންގެ މުސްތަގްބަލުގައި ވަޒީފާއަކާ ހަމައަށް ދާއިރުގައި ވެސް ނުވަތަ އަމިއްލަ މަސައްކަތެއް ކުރިނަމަވެސް ފައިދާހުރި އަދި ބޭނުން ހިފޭނެ ހުނަރެއްކަމަށެވެ. އަދި ކޯޑިންނާއި ޓެކްނޮލޮޖީގެ ހުނަރަކީ ކުދިންގެ ވިސްނުން އިތުރަށް ތަރައްގީ ކުރުމަށް ލިބިދޭ ބާރެއްކަމަށެވެ.

ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ގާލްސް ޓު ކޯޑް ތިނަދޫ ޕްރޮގްރާމްގައި ބައިވެރިވެ ފުރިހަމަ ކުރި ކުދިންނަށް ދިރާގުގެ ފަރާތުން ޑައިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އަލްފާޟިލާ އާތިފާ ޢަލީ މަރުހަބާ ދެންނެވިއެވެ. އަދި ޕްރޮގްރާމުގައި ދަސްވި ހުނަރުތަކާއެކު އެކުދިން މުސްތަގުބަލުގައި ކުރިއަށްދާނެކަމަށް އުންމީދުކުރާ ވާހަކަ ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދިރާގާއި ގުޅިގެން ވިމެން އިން ޓެކް މޯލްޑިވްސް އިން ޓެކް ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް މަރުހަބާ ދެންނެވިއެވެ.

އަންހެން ކުދިންގެ އައިސީޓީ ހުނަރު އިތުރުކުރުމަށް ހިންގި މިޕްރޮގްރާމްގެ ނަތީޖާ ވަރަށް ރަނގަޅަށް ހާސިލްވީ ކަމަށް ކޯހުގައި ކިޔަވާދެއްވި އާމިނަތު ފަރުޝާނާ ވިދާޅުވިއެވެ. އެކަން ދޭހަވަނީ ޕްރޮގްރާމްގެ ބައިވެރިން މިކަން ދަސްކުރުމަށް ހުރި ޝައުގުވެރިކަމާއި ދަސްކުރެވުނު މަޢުލޫމާތުގެ ބޭނުން ހިފައިގެން ތައްޔާރުކުރެވުނު ވެބްސައިޓްތަކުގެ ފެންވަރުގެ ސަބަބުންނެވެ. އަދި ޕްރޮގްރާމްގެ ބައިވެރިން މިކަން ދަސްކުރުމަށް ކުރި ހިއްވަރަށް ސާބަސް ދެއްވާ، މުސްތަގްބަލުގައިވެސް މިކަމުން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމާއި އުފާކުރާކަމަށްވެސް ވިދާޅުވިއެވެ.

ބައިވެރިވި ދަރިވަރުންގެ ފަރާތުން މަރިޔަމް ދީމާ ހަސަން މި ހަފްލާގައި ވާހަކަ ދެއްކިއެވެ. ދީމާ ބުނި ގޮތުގައި ކޯޑިންގ އަކީ ވަރަށް އުނދަގޫ ހުނަރެއްކަމަށް ކުރިން ހީކުރިނަމަވެސް މިޕްރޮގްރާމުގެ ޒަރީއާއިން މިހުނަރު ދަސްވިކަމަށްޓަކައި އުފާކުރެއެވެ. އަދި މިޕްރޮގާމުން ވަރަށް ގިނަ އައު ކަންތައްތަކެއް ދަސްވެއްޖެކަމަށާއި، ކޯޑިންގ އާއި ޕްރޮގްރާމިންގ އަކީ އަންހެން ކުދިންނަށް ކުރަން ވަރަށް ރަނގަޅު ކަމެއްކަމަށް ދީމާ ބުންޏެވެ. މިފަދަ ޕްރޮގްރާމެއް އަންހެން ކުދިންނަށް ހާއްސަކޮށްގެން ތިނަދޫގައި ހިންގީތީ ޝުކުރު އަދާކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355