ށ އަތޮޅުގައި އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ އެއް ސްކޫލަކީ އެ އަތޮޅު ފޯކައިދޫ ސްކޫލެވެ. ރަނގަޅު ނަތީޖާވެސް ނެރޭ ސްކޫލެކެވެ. އެކަމަކު އެ ސްކޫލަށް ޒަމާނުންސުރެ އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލައަކީ ޖާގައިގެ މައްސަލަ އެވެ. މިވީ ދިގު މާޒީގައި އެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެކަން އޮތީ ކާމިޔާބުނުވެފަ އެވެ. އެ ކަންބޮޑުވުމާއި ނުތަވަސްކަމުގައި ބެލެނިވެރިން އުޅޭތާ އެތަކެއް އަހަރުތަކެއްވެއްޖެ އެވެ.
ނަމަވެސް މިއަދުވެގެން މިދިޔައީ ޒަމާންވީ އެ މައްސަލައަށް ހައްލު ލިބިގެންދާނެކަމުގެ އުންމީދު އާވި ދުވަހަކަށެވެ. ސަރުކާރުން ފޯކައިދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސްކޫލުގައި އަޅަން ނިންމި 12 ކުލާސް ރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތުގެ ބިންގާ އެޅުނު ދުވަހެވެ. އެކަމުގެ ޝަރަފުގައި އެ ސްކޫލުގައި މިއަދު ހަވީރު ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިތުމުގެ ގޮތުން ވީޑިއޯ މެސެޖެއް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެކަމަނާގެ ވާހަކާގައިވެސް ފާހަގަކުރެއްވީ އެރަށުގެ ސްކޫލަށް އާ އިމާރާތެއް ބޭނުންވެފައިވާ މިންވަރެވެ. އެގޮތުން އެކަމަނާ އެ ސްކޫލަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުގައިވެސް ބެލެނިވެރިން އެދުނީ ޖާގައިގެ މައްސަލައަށް ހައްލު ހޯދައިދިނުމަށެވެ.
ސްކޫލްގެ ޖާގައިގެ ދަތިކަމާހެދި ދަރިވަރުން ބެޗުންތަކުގައިވެސް ކިޔެވި އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ސްކޫލްގެ ޕްރިންސިޕަލް މަތީނު ވިދާޅުވީ، ޒަމާންވީ އެއް މައްސަލައަށް ހައްލު ހޯދުމަށް ފާއިތުވެދިޔަ ފަސް އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އާ އިމާރާތަކާއި ހޯލެއް ލިބިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވި އެވެ.
ދެ ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލުގެ ބެލެނިވެރިޔަކު ބުނީ އާ އިމާރާތެއް ލިބިގެންދިޔުމަކީ ވަރަށް ޒަމާންވީ އުންމީދެއް ކަމަށާ ޖާގައިގެ ދަތިކަމުގައި ދަރިވަރުން ކިޔަވާތާ އެތަކެއް އަހަރުތަކެއް ވެއްޖެ ކަމަށެވެ. މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި މިއީ ސްކޫލުގެ ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ ދުވަހެއްކަމަށެވެ.
މިއަދު ބިންގާ އެޅި މި 12 ކްލާސްރޫމްއާއި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމަށްޓަކާ މި މަސައްކަތް ޑްޕްލެކްސް ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީމަހު އެވެ. ސަރުކާރުގެ ބަޖެޓްގެ ޕީއެސްއައިޕީގެ ދަށުން މި މަސައްކަތް ކުރުމަށްޓަކާ އެ ކުންފުންޏަށް ހަވާލުކުރީ 210 ދުވަހު ނިންމާގޮތަށެވެ. މި މަސައްކަތަށް ސަތާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.
އެ ސްކޫލަކީ ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 12 އާހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި މިއަހަރު 476 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.