twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕީޕީއެމް ކައުންސިލެއްގައި ކުޅުދުއްފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން: އަބުދުﷲ

އަބްދުލް ވާހިދު ޙަސަން
Apr 3, 2021
9

ޕީޕީއެމް ކައުންސިލެއްގައި ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ހުރިހާ ރައްޔިތުންނަށް ފަސް އަހަރުދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ޕީޕީއެމް ޓިކެޓްގައި ކުޅުދުއްފުށި ސިޓީ މޭޔަރުގެ މަގާމަށް ވާދަކުރައްވައި އަބުދުﷲ އިޤްބާލު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގާ "އާހަމަ" ގައި ބުރާސްފަތި ދުވަހު ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބުދުﷲ އިޤްބާލު ވިދާޅުވީ، ތަސައްވަރެއް މެނިފެސްޓޯއެއް އެބައޮތްކަމަށާއި ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް ދަތިވެފައިވާ ތިބި އެންމެންނަށް ޕީޕީއެމް ކައުންސިލެއްގައި ކުރިއަށް ފަސް އަހަރު ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމަށެވެ.

"ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް ދަތިވެފައި ތިބި އެންމެންނަށް ކުރިއަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ﷲ ގެ ވާގިފުޅާއެކުގައި ކުރިއަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭންނަން." އަބުދުﷲ އިޤްބާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ ބިން ނަހަމަގޮތުގައި ބޭނުންކުރަމުންދަނީ ހިތްދަތިވާ ގޮތަށް ކަމަށާއި އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އަދި ރައީސް މައުމޫނު ދައުރުގައި ހަދާފައި އޮތް ލޭންޑްޔޫސް ޕްލޭނެއް އޮންނާނެކަމަށާއި އެ ޕްލޭންނަށްވެސް ބަލާލުމެއް ނެތި ބިންތައް ނަހަމަގޮތުގައި ދޫކޮށްލަމުންދިޔުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލްގެ ފުރަތަމަ އަހަރުތެރޭގައި ރާއްޖޭން ބޭރުންނާއި ރާއްޖޭއިން ފަންނީ މީހުން ގެނެސް ރަށުގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލާނެ ކަމަށެވެ.

"ކުޅުދުއްފުށީގެ ތަސައްވަރެއް އޮންނަ އެބަޖެހޭ. މާސްޓާ ޕްލޭނެއް އޮންނަ އެބަޖެހޭ. އަޅުގަނޑުމެން ހިތަށް އެރިހާ ގޮތަކަށް ކަންތައްކުރާން އޮތްތަނެއް ނޫން." އަބުދުﷲ ވިދާޅުވި އެވެ.

އެމްޑީޕީއަށް ރައްދުދީ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުން ބޯހިޔާވަހިކަމުގެ ވާހަކަދައްކާތީ ހައިރާންވާ ކަމަށާއި ބޯހިޔާވަހިކަން ގެނެސްދޭ އެ ބޭފުޅުންނަށް ދޭންވީ ކިތަށް ގަރުނު ތޯ އޭނާ ސުވާލުކުރެއްވި އެވެ.

"ބޯހިޔާވަހިކަން ގެނެސްދޭ އެ ބޭފުޅުންނަށް (އެމްޑީޕީ) އަށް އަޅުގަނޑުމެން ދޭންވީ ކިތަށް އަހަރު ތޯ ކިތަށް ގަރުނު ތޯ. ކައުންސިލްތައް އުފެނުނީސްސުރެއް. ހަމަ ގައިމުވެސް ކުޅުދުއްފުށީ ކައުންސިލްގެ ގޮތުގައި އެމްޑީޕީ ކައުންސިލެއް ނޫން އެހެން ކައުންސިލެއް ތިއިން އެއްވެސް ބޭފުޅެއް ދެކުނިންތޯ. ދެން އެހެންވީމަ މިވީ 13 އަހަރުގައި ނުވަތަ ދިހަ އަހަރު ކީއްވެތޯ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުގެނެސްދެވި މިއުޅެނީ." ޕީޕީއެމް ޓިކެޓްގައި މޭޔަރުކަމަށް ވާދަކުރައްވައ ކެންޑިޑޭޓް އަބުދުﷲ އިޤްބާލު ވިދާޅުވި އެވެ.

"ދެން ހަމަ މި އިންތިހާބާ ދިމާކޮށް 2021 ވަނަ އަހަރު އެ ބޭފުޅުން ބޯހިޔާވަހިކަމޭ ކިޔަމުން ނުކުތީމަ އަނެއްކާވެސް އަޅުގަނޑުމެން ކުޅުދުއްފުށީ ރައްޔިތުން މިތިބީ އެބޭފުޅުންގެ ބަހުން ދަންނަވާލާކަމަށްވާނަމަ ކިރުފެލި ހުނި ކާން ތައްޔާރަށްތޯ." އަބުދުﷲ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355