twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި މާސްޓާސް އޮފް ޓީޗިންގ އިން ޤުރްއާނިކް ސްޓަޑީސް ކިޔެވުމުގެ ފުރުސަތު

Apr 7, 2021

ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި މާސްޓާސް އޮފް ޓީޗިންގ އިން ޤުރްއާނިކް ސްޓަޑީސް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މީގެ އިތުރުންވެސް މިހާރުވެސް ގިނަ ކޯސްތަކެއްގައި ކިޔެވުމުގެ ފުރުސަތު މި ކޮލެޖުން ވަނީ ހުޅުވާލާފަ އެވެ.

އެ ކޮލެޖުގެ 2021 ވަނަ އަހަރުގެ މެއި އިންޓޭކަށް އަލަށް ތައާރަފު ކުރެވުނު މާސްޓާސް އޮފް ޓީޗިންގ އިން ޤުރްއާނިކް ސްޓަޑީސް ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ މަތީ ސާނަވީ ފެންވަރަށް ކިޔަވައިދެވޭނެ ގާބިލު މުދައްރިސުން ތަމްރީނުކުރުމުގެ މަގުސަދުގައި އެވެ.

އެގޮތުން މި ޕްރޮގުރާމުގެ ތެރެއިން ގުރުއާން ތަފްސީރާއި ގުޅުން ހުރި މަތީސާނަވީ އާ ގައުމީ މަންހަޖުގައި ހިމެނޭ ބައިތައް ކިޔަވައިދެވޭނެ ފެންވަރަށް މުދައްރިސުން ތަމްރީނުވެގެންދާނެ އެވެ.

އޭގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި މި ޕްރޮގްރާމްގެ 60 ކްރެޑިޓް ފުރިހަމަވުމުން ދަރިވަރުންނަށް ޕޯސްޓް ގްރެޖުއޭޓް ސެޓުފިކެޓުން އެޑިއުކޭޝަން (ޤުރްއާނިކް ސްޓަޑީސް) އިންޓަރިމް އެވޯޑް ލިބިގެންދާނެ އެވެ.

މި އެވޯޑަކީ އުނގަންނައިދިނުމުގައި ބޭނުންހިފަންޖެހޭ އުސޫލުތަކާއި ހުނަރުތައް އަދި ސްކޫލް ފެންވަރުގައާއި، އަމަލީ މައިދާނުގައި އިލްމީ ދިރާސާ ކުރުމުގެ ގާބިލްކަން ލިބިދިނުމަށް ތައްޔާރު ކުރެވިފައިވާ އިންޓެރިމް އެވޯޑެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތަކީ ގުޅޭ ދާއިރައަކުން (ޤުރުއާން ޓީޗިންގ ނުވަތަ ޤުރްއާނިކް ސްޓަޑީސް) ބެޗެލާސް ޑިގްރީއެއް (ލެވެލް 7) ނުވަތަ ގުރެޖުއޭޓް ޑިޕްލޮމާއެއް (ލެވެލް 8) އޮތުމެވެ.

މިއަހަރުގެ މެއި އިންޓޭކަށް އެޕްލައި ކުރެވޭނެ އެންމެ ފަހުގެ ތާރިހަކީ 24 އޭޕްރިލް 2021 އެވެ. މި ޕްރޮގްރާމަށްވެސް ވިލާ ކޮލެޖުގެ ވެބްސައިޓްwww.villacollege.edu.mv މެދުވެރިކޮށް އޮންލައިންކޮށް އެޕްލައިކޮށްލެވޭނެ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 7980611 ނަމްބަރު ފޯނަށް ގުޅާލުމުން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355