ހއ ހޯރަފުށީ ފެރީ ޓާމިނަލްގެ މަސައްކަތް ފަށައިފި އެވެ. ހައި-ސްޕީޑް ފެރީ ނިޒާމަކުން ރަށްތައް ގުޅުވާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން އަޅައި ފެށި މި ފެރީ ޓާމިނަލްއަކީ އެ މަޝްރޫއުގެ ދަށުން ހަދަން ފަށާ ފުރަތަމަ ފެރީ ޓާމިނަލެވެ.
ފެރީ ޓާމިނަލްގެ ބިންގާ އެޅުމަށް މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި އެމްޓީސީސީ އެމްޑީ އާދަމް އާޒިމާއި ކައުންސިލްގެ ރައީސް ބައިވެރިވެޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގުޅާލަން ނިންމާފައިވަނީ ހއ ހދ އަދި ށ އެވެ. އެ ސަރަހައްދުގެ 41 ރަށުގައި ފެރީ ޓާމިނަލް ގާއިމުކުރާނެ އެވެ.
އެމްޓީސީސީ ބުނީ މި ނިޒާމު ގާއިމުކޮށްފައިވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރުކުރުމުގައި މިހާރު ބޭނުންކުރަމުންދާ ފެރީ ނިޒާމުގައި ހުރި މައްސަލަތައް ބަލައި އެކަމަށް ހައްލު ލިބޭނެ އާ ނިޒާމެއްގެ ގޮތުގައި އެވެ. އެގޮތުން އާ ނިޒާމަކީ އެއްރަށުން އަނެއްރަށަށް ދަތުރުކުރަން މިހާރު ހޭދަވާ ވަގުތު ތިންގުނަ އަވަސްކޮށްދޭނެ ނިޒާމެއްގެ ގޮތުގައި ކަމަށެވެ.
އަދި ފެރީ ނިޒާމުގައި ބޭނުންކުރާ ފެރީތަކަކަކީ ސީދާ މިކަމަށް ފަރުމާކޮށް އަލަށް ބަންނަ ފެރީތަކެވެ. މި ފެރީތައް ބަނުމުގައި އިސްކަންދީފައިވަނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނެ ގޮތަކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މި ފެރީތަކުގައި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.