ހއ. ދިއްދޫގެ ބަނދަރު އަންނަ އަހަރުގެ ފެބްރުއަރީގެ ކުރިން ނިންމާނެ ކަމަށާއި ދިއްދޫގައި ހަދާ ބަނދަރަކީ އެންމެ ބޮޑު ބަނދަރު ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އާޒިމް ވިދާޅުވީ ރައްޔިތުން އެމްޓީސީސީއަށް ކުރާ އިތުބާރު ގެއްލިގެން ނުދާނެ ގޮތަށް މަސައްކަތް ބައްޓަން ކުރައްވާނެ ކަމަށާއި ތަރައްގީއަށް ރައްޔިތުން ވަރަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އެއްވެސް ރަށެއްގެ ރައްޔިތަކު ތަރައްގީ މަޑު ޖެހިފައި އޮންނަން ބޭނުންވާ ނުވާ ކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްގީ ރައީސް ގެނެސްދެއްވާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. ރައްޔިތުން އެދޭ ގޮތަށް އެ ރަށަކަށް ތަރައްގީ ގެނެސްދޭން ޖެހޭނެ ކަމަށާއި އެމްޓީސީސީން މަސައްކަތް ކުރާނީ އެގޮތަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މި މަޝްރޫއުއަކީ 69.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ