twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: އެއްބަސްވުން ވެވިފައިވަނީ އަނގަބަހުންތަ؟

Apr 22, 2021

ދެފަރާތުގެ ދެމެދުވެފައިވާ އެއްބަސްވުމަކީ އަނގަބަހުން ވެވިފައިވާ އެއްބަސްވުމެއްތޯއެވެ؟ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެއްބަސްވުމެއް އޮތްކަމަށް ސާބިތުކޮށްނުދެވުނީތޯއެވެ؟ ޤާނޫނުން ވަކިގޮތަކަށް ބަޔާންނުކުރާހާ ހިނދަކު، އެއްބަސްވުމަކީ ވަކިގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫނެވެ. އެހެން ކަމުން އެއްބަސްވުމަކީ ކޮބާކަމާއި އަނގަބަހުން ހެދޭ އެއްބަސްވުމެއްގެ ޤާނޫނީ ބުރަދަނަކީ ކޮބާތޯ ބަލާލަމާތޯއެވެ.

އެއްބަސްވުން

އެއްބަސްވުމަކީ ނުވަތަ ކޮންޓްރެކްޓަކީ، ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަބައެއްގެ މެދުގައި ވަކިކަމަކާއި މަތިކޮށްފައި މަޝްވަރާކޮށް، އެންމެންގެ މެދުގައި އެއްބަސްވެވޭ ގޮތެވެ. މިގޮތަށް ވެވޭ އެއްބަސްވުމަކީ، ޤާނޫނު ޤަބޫލުކުރާ އަދި ޤާނޫނީ ގޮތުން ތަންފީޒުކުރެވޭނެ އެއްބަސްވުމަކަށް ވާންވާނެއެވެ. ޤާނޫނީ ގޮތުން ތަންފީޒު ނުކުރެވޭނެނަމަ އެއީ އެއްބަސްވުމެއް ކަމުގައި ނުބެލެވޭނެއެވެ.

މިސާލަކަށް، ބިމެއް ވިއްކުމަށް އެއްބަސްވާ ޙާލަތުގައި، ވިއްކާ ފަރާތަކީ ބިމުގެ މިލްކުވެރިކަން ލިބިގެން ނުވާ ފަރާތެއް ކަމުގައިވަނީނަމަ، ޤާނޫނީ ގޮތުން ބަލާއިރު މި އެއްބަސްވުމަކީ ސައްޙަ އެއްބަސްވުމެއްކަމަށް ނުބެލެވޭނެއެވެ.

އެއްބަސްވުމެއް ވުޖޫދުވުން

ޤާނޫނުގައި ވަކި ގޮތަކަށް އެކުލަވާލަން ލާޒިމުނުކުރާ ނުވަތަ ވަކި ސިފައެއް އޮތުން ލާޒިމުނުކުރާ އެއްބަސްވުމެއްނަމަ، އެއެއްބަސްވުމެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، ހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލުކުރުމުން، އެއްބަސްވުމެއް ވުޖޫދަށް އަންނާނެއެވެ. އެކަން ކޮށްފައިވަނީ އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ ޢަމަލުން ކަމުގައި ވީނަމަވެސްމެއެވެ. މިސާލަކަށް، މީހަކު ގެންގުޅޭ ދޯންޏެއް ކުއްޔަށްދެވެނީ އެ ދޯންޏަށް ގެންނަންޖެހޭ މަރާމާތުތައް ކުއްޔަށް ހިފާފަރާތުން ކޮށްގެންނަމަ، އަނގަބަހުން އެއްބަސްވެ ޢަމަލުން އެކަން ކުރާހިސާބުން އެއްބަސްވުމެއް ދޯނީގެ ވެރިފަރާތާއި ކުއްޔަށް ހިފާފަރާތާއި ދެމެދު ވުޖޫދުގައި އޮތްކަމުގައި ބެލެވޭނެއެވެ. އެގޮތުން، އަނގަބަހުން ވެވޭ އެއްބަސްވުމަކީވެސް ޤާނޫނީ ގޮތުން ޞައްޙަ އަދި ދެފަރާތް ބަނދެވިގެންދާނެ އެއްޗެކެވެ.

އަދި އެއްބަސްވުމެއް ވުޖޫދުގައިވާކަމާއި ދޭތެރޭ ދެބަސްވުން ނުވަތަ ޚިޔާލު ތަފާތުވާ ޙާލަތްތަކުގައި ބުއްދީގެ ހަމަތަކުން ވިސްނާއިރު، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮވެގެން މެނުވީ ނުކުރާނެކަމެއް ކޮށްފައިވާނަމަ، އެއްބަސްވުމެއް ވުޖޫދުގައި ވާކަމަށް ބެލެވިދާނެއެވެ. މިސާލަކަށް، ތިމާ އެހެން މީހެއްގެ ވިޔަފާރިން ލިބޭ ފައިދާގައި ޙިއްޞާވާގޮތަށް، ތިމާގެ ގެއިން ބިމެއް އެމީހަކަށް ފިހާރައެއް ހުޅުވައި ވިޔަފާރިއެއް ފެށުމަށްދޫކުރާ ޙާލަތުގައި، އެ ފިހާރަ އެޅުމުގެ މަސައްކަތާއި ކުރިއަށްގެންގޮސް އެތަނަށް މުދާ ގެނެސް ފިހާރަ ހުޅުވަން ކައިރިވެފައިވަނިކޮށް، އެއްބަސްވުމެއް ނެތްކަމަށް ބުނިކަމުގައިވީނަމަވެސް، އާދައިގެ މީހެއްގެ ވިސްނުމުން ބަލާއިރު އެފަދަ ބޮޑު ޚަރަދެއް އަދި މަސައްކަތެއް އެއްބަސްވުމެއް ނެތި ނުކުރާނެކަން ދޭހަވެއެވެ.

އެހެންކަމުން، ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެވި އެއަށް ޢަމަލު ކުރެވިފައިވާނަމަ، އެއީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ކަނޑައެޅޭނެއެވެ. އަދި އެއީ އެއްބަސްވުމެއް އޮތްކަމުގެ ހެއްކެކެވެ.

އަނގަބަހުން ވެވޭ އެއްބަސްވުމަށް ޙައްލު

އަނގަބަހުން ވެވޭ އެއްބަސްވުމަކީ ލިޔެވިފައިނުވާ އެއްޗެއް ކަމުގައިވީނަމަވެސް، އެ އެއްބަސްވުމަކީ އޭގެ ޒާތުގައި ވުޖޫދުގައި ނެތް އެއްޗެއްކަމަށް ނަފީ ކުރެވޭނެ އެއްޗެއްނޫނެވެ. އަދި އެ އެއްބަސްވުން ވުޖޫދުގައިވާކަން ސާބިތުކުރެވޭނެ ތަފާތު ގޮތްތައްވެސް ވާނެއެވެ. މިސާލަކަށް ހެކިންގެ ހެކިބަހުންނާއި ކޮށްފައިވާ ޢަމަލުތަކުންނެވެ.

އެހެންނަމަވެސް، ފަހުން ކުރިމަތިވެދާނެ ދަތިކަމަކުން ނުވަތަ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި އެންމެ ބުއްދިވެރިގޮތަކީ، އެ އެއްބަސްވުމެއް ހެކިވެރިންގެ ޙާޟިރުގައި ވުމެވެ. އަދި އެއްބަސްވެވިފައިވާ ކަންކަން ލިޔުމަށް ތިރިކުރެވި، ދެފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް އެކުލަވާލުމެވެ.

ނިންމުން

ދެފަރާތުން އެއްބަސްވުމަކަށް އާދެވިފައިވަނީ ކޮންމެ ގޮތަކަށް ކަމުގައިވީނަމަވެސް، ވެވިފައިވަނީ އެއްބަސްވުމެއް ކަމުގައިވަނީނަމަ އެ އެއްބަސްވުމެއްގެ ބައިވެރިން ޤާނޫނީ ގޮތުން ބަނދެވިގެންދާނެއެވެ. އަދި ވެވިފައިވާ އެއްބަސްވުމުގައިވާ ކަންތައްތަކަށް ޢަމަލުކުރުން ލާޒިމްވެގެންދާނެއެވެ. އެހެންކަމުން އެއްބަސްވުމެއްވާއިރު ލިޔުމުން ފެންނަން އޮންނަ ކަމުގައިވަނީނަމަ، ދެފަރާތުގެ ޙައްޤުތައްވެސް ރައްކާތެރި ކުރެވިގެންދާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355