twitterviber whatsapp telegramfacebookyoutube instagram
9th May 2024

ގާނޫނީ ކޮލަމް: އިޢުތިރާފްގެ އެއްބަސްވުމަކީ ކޮބައިކަން އެނގޭތޯއެވެ؟

Apr 29, 2021

ތަޙްޤީޤުގަށް ހައްޔަރުކުރެވޭ މީހުންގެ ތެރެއިން އިޢުތިރާފްގެ އެއްބަސްވުމެއް ވެގެން، އެފަރާތުގެ އަދަބު ލުއިވާކަމުގައި އަޑުއަހާފައި އޮވެދާނެއެވެ. ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު، އިޢުތިރާފްގެ އެއްބަސްވުމެއްވާން ބޭނުންވާނަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކެއް ހުރެއެވެ. އެހެންކަމުން، މިފަދަ އެއްބަސްވުމެއްވުމަކީ ކުށަކާ ގުޅިގެން ހައްޔަރުކުރާ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއްތޯ އަދި އެފަދަ އެއްބަސްވުމެއްވާން ބޭނުންވާނަމަ، އެމީހަކު ޢަމަލުކުރަންޖެހޭނެ ގޮތަކީ ކޮބައިކަން މިއީ އެނގުން މުހިއްމު މަޢުލޫމާތެވެ.

އިޢުތިރާފްގެ އެއްބަސްވުން

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ތެރެއިން ތަޙްޤީޤުގައި އިޢުތިރާފުވާ މީހުންގެ ތެރެއިން، އެމީހަކީ ނަޞޭޙަތްދީ ދޫކޮށްލުމަށް ޝަރުޠު ފުރިހަމަނުވާ މީހަކުނަމަ ނުވަތަ ތުހުމަތުކުރެވިފައިވާ ކުށަށް ދަޢުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ މީހަކުނަމަ، އެމީހެއްގެ އަދަބު ލުއިކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އިޢުތިރާފްގެ އެއްބަސްވުމެއް ވެވިދާނެއެވެ. އިޢުތިރާފްގެ އެއްބަސްވުން އެކުލަވާލާނީ، ކުށުގެ ތުހުމަތުކުރެވުފައިވާ ފަރާތާއި ޕްރޮސިކިއުޓަރ ވާހަކަ ދެކެވި، އެވާހަކަތަކުގެ މައްޗަށެވެ. އަދި އެއްބަސްވުން ލިޔުމަށް ތިރިކުރެވި ދެފަރާތުން އިޢުތިރާފްގެ އެއްބަސްވުމުގައި ސޮއިކުރުންވެސް ލާޒިމެވެ.

އަދަބު ލުއިވާނެ މިންވަރު

އިޢުތިރާފް އެއްބަސްވުމެއްވުމުގެ ސަބަބުން، އަދަބުގެ މިންވަރު ކުޑަވެއެވެ. މިގޮތުން، އިޢުތިރާފްގެ އެއްބަސްވުމެއްވެގެން އަދަބު ލުއިކޮށްދޭ ޙާލަތުގައި، އަދަބު ލުއިކުރެވޭނީ އެ ކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށްނުވާނެ އަދަބެކެވެ. އަދި އެ ކުށަކަށް ޤާނޫނުގައި ކުޑައަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެކެވެ.

އިޢުތިރާފްގެ އެއްބަސްވުމެއްވުން

އިޢުތިރާފްގެ އެއްބަސްވުމެއްވުމަށް ކުށުގެ ތުހުމަތުކުރެވިފައިވާ ފަރާތުން، ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. ނުވަތަ ކުށުގެ ތުހުމަތުގައިވާ ފަރާތަކީ، އެފަރާތާއެކު އިޢުތިރާފްގެ އެއްބަސްވުމެއް ވެވިދާނެ ފަރާތެއްކަމަށް ތަޙްޤީޤީ އިދާރާއިން ޑިއުޓީ ޕްރޮސިކިއުޝަންގެ ތެރެއިން ހުށަހަޅައިފިނަމަ، ތުހުމަތުކުރެވިފައިވާ ކުށް ކުރިކަމަށް ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބެލުމަށްފަހު، ތުހުމަތުކުރެވިފައިވާ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ވާހަކަދައްކައި އިޢުތިރާފްގެ އެއްބަސްވުމެއްވެސް ވެވިދާނެއެވެ.

އިޢުތިރާފް އެއްބަސްވުމެއް ހެދުމާމެދު ޕްރޮސިއިއުޓަރ ޖެނެރަލްއާއި ދެމެދު މަޝްވަރާއަށް ގެންނަ މައްސަލަތައް ޑިއުޓީ ޕްރޮސިކިއުޝަނަށް ގެންނާނީ ތުހުމަތުކުރެވޭ މީހާއަކީ:

  • 1. ތުހުމަތުކުރެވޭ މައްސަލައިގައި ބަންދުގައި ހުރިމީހަކުނަމަ، އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވުނު ދުވަހުން ފެށިގެން 10 ދުވަސް ތެރޭގައި؛
  • 2. ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅާ ދޫކޮށްލާފައިވާ މީހަކުނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވުނުތާ 15 ދުވަސް ތެރޭގައި؛ އަދި
  • 3. ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން އެއްވެސް އިރެއްގައި ބަންދުގައި ހުރި މީހަކު ނޫންނަމަ، ތަޙްޤީޤީ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާތާ 10 ދުވަސް ތެރޭގައެވެ.

ލިޔެކިޔުން ހުށަހެޅުން

އިޢުތިރާފްގެ އެއްބަސްވުންވެފައިވާ ފަރާތަކީ، ތުހުމަތުކުރެވޭ މައްސަލައިގައި ބަންދުގައި ހުރި މީހަކުނަމަ ނުވަތަ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅާ ދޫކޮށްލާފައިވާ މީހަކުނަމަ، އެމީހަކާމެދު ދަޢުވާ އުފުލުމަށް ބޭނުންވާނެ ލިޔެކިޔުން ދަޢުވާކުރުމުގެ މުއްދަތުގެ ތެރޭގައި، ތަޙްޤީޤީ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި މި ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭތާ 5 ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ.

އިޢުތިރާފްގެ އެއްބަސްވުމެއްވެފައިވާ މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވަނިކޮށް އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ، އެހިސާބުން އިޢުތިރާފްގެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ. މީގެ މާނައަކީ، އިޢުތިރާފްގެ އެއްބަސްވުމުގެ ދަށުން ލިބެންއޮތް އަދަބު ލުއިވުމުގެ ފުރުޞަތު ދެން ނެތުމެވެ. އަދި މިޙާލަތުގައި ތަޙްޤީޤު ފުރިހަމަކުރަންޖެހޭނަމަ، ފުރިހަމަކުރުމަށް އެދުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

ނިންމުން

ތަޙްޤީޤުގައި ކުށަށް އިޢުތިރާފްވުމާއި، ޕްރޮސިކިއުޓަރ ޖެނެރަލާއެކު އިޢުތިރާފްގެ އެއްބަސްވުމެއްވުމީ މުޅިން ތަފާތު ދެކަމެވެ. ތަޙްޤީޤުގައި އިޢުތިރާފްވެގެންވެސް ކުށުގެ އަދަބު ލުއިވުމުގެ ފުރުޞަތު އޮވެދާނެއެވެ. ނަމަވެސް އިޢުތިރާފްގެ އެއްބަސްވުމެއްވެއްޖެނަމަ، ކުށުގެ އަދަބު ލުއިވާނެކަމުގެ ޔަޤީންކަން އިތުރުވެގެންދާނެއެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355