އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ގޮތުން ކުރަން ޖެހޭ ކަންކަމަށް އިތުރަށް ސަމާލުވެ، ފަރުދީ ޒިންމާ އަދާކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ހޮނިހިރު ދުވަހު އެކަނިވެސް 400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ އަދަދުވަނީ 30،000 އަށްވުރެ މަތީގައި އެވެ. އަދި ހޮސްޕިޓަލުތަކުގައި 161 މީހަކަށް ފަރުވާދެމުންދާއިރު 74 މީހަކު ވަނީ މި ބަލީގައި ނިޔާވެފަ އެވެ.
ރައްޔިތުން ސަމާލުވުމަށް އެދި ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ މާލެއާއި އަތޮޅު ތެރޭގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވަމުންދާ މި ދަނޑިވަޅުގައި، ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށް އިތުރަށް ސަމާލުވެ، ބައްޔަށް ހުށަހެޅި ބަލި ފެތުރޭނެ ފަދަ ކަންތައްތައް ނުކުރުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި އެގޮތުން ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ގެއިން ބޭރަށް ނުކުންނަނަމަ މާސްކު ބޭނުން ކުރުމާއި އިޖުތިމާއި ގައި ދުރުކަން ޔަގީންކުރުމާއި މާލެ ސަރަހައްދު، މޮނިޓަރިންގއަށް ލެވިފައިވާ ރަށެއް ނުވަތަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކުން ދަތުރު ކުރާނަމަ އެޗްޕީއޭގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް މެނުވީ ދަތުރުނުކުރުން ހިމެނެ އެވެ.
އަދި ކަމާ ގުޅުންހުރި އިދާރާތަކާ ތެދު މައުލޫމާތު ހިއްސާކޮށް ނަގަންޖެހޭ ހުއްދަތަށް ދުރާލާ ނެގުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ. މީގެ އިތުރުން ހޯމް ކަރަންޓީންއަށް އަންނަ ފަރާތްތަކުން ދުރާލާ ހުއްދައަށް އެދުމާއި، އެޗްޕީއޭގެ ލީގަލް ޑޮކިއުމަންޓް ލިބުމަށްފަހު ކައުންސިލަށް ދަތުރުގެ މައުލޫމާތު ހިއްސާކޮށްފައި ނޫނީ ދަތުރު ނުކުރުން އެދިފަވެ އެވެ.
ރަށަށް އައުމަށްފަހު ހޯމް ކަރަންޓީންވާ ތަނަށް ދިއުމަށް، ގައިދުރުކަން ޔަގީން ކުރެވޭނެ ފަދަ އުޅަނދެއް ހިޔާރުކުރުމާއި އެއްވެސް ފަރާތަކާއި ބައްދަލު ނުކުރުމާއި ހޯމް ކަރަންޓީންގައި ތިބޭއިރު އެހެން ފަރާތްތަކާއި ބައްދަލު ނުކުރުމަށާއި ކަރަންޓީންގެ އެންމެހާ އުސޫލުތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސްކޮށްފައިވެ އެވެ.
މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމާއި ކޮންމެހެންދާންޖެހޭ ދަނޑިވަޅުތަކުގައިވެސް މާސްކު ބޭނުންކޮށް އިޖުތިމާއި ގައިދުރުކަން ދެމެހެއްޓުންވެސް ކައުންސިލުން އެދިފައިވެ އެވެ.
ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ގިނަ އާންމު ފަރުދުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.