twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އިޒްރޭލު ފުލުހުން މަސްޖިދުލް އަޤްސާއަށް ވަދެ ހަމަނުޖެހުން ހިންގައިފި

May 8, 2021

އިޒްރޭލު ފުލުހުން ހަތިޔާރާއެކު މަސްޖިދުލް އަޤްސާއަށް ވަދެގަނެ އަޅުކަމުގައި ތިބި ފަލަސްތީންގެ މުސްލިމުންނަށް އަނިޔާކޮށް ގިނަ ބަޔަކު މިސްކިތުން ބޭރުކޮށްފި އެވެ. މުސްލިމުން ފާހަގަކުރާ މާތް މައްސަރުތަކާއި އީދުތަކުގައި ފަލަސްތީން މީހުންނަށް ޖެއްސުންކޮށް އަނިޔާކުރުމަކީ އިޒްރޭލުގެ ޖަމާއަތަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ. މިއަހަރުގެ ރަމަޟާން މަސް ވެސް ފެށުނީ މިއަނިޔާވެރިކަމުގަ އެވެ.

ހުކުރުދުވަހުގެ ރޭ ތަރާވީހުގެ އަޅުކަން ފުރިހަމަ ކުރުމަށް މުސްލިމުން ތިއްބައި އިޒްރޭލް ފުލުހުން މަސްޖިދުލް އަޤްސާއަށް ހަތިޔާރާއެކު ވަދެގަނެ ސަފުތައް ބުރުވާލައި ހިންގި ހަމަނުޖެހުމުގައި 178 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އޭގެ ތެރެއިން ބޮޑަށް އަނިޔާލިބުނު 88 މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކުރެ އެވެ. މިސްކިތުގެ އެތެރެއާ ގޯތިތެރޭގައި އިޒްރޭލު ފުލުހުން ކަރުނަގޭހާއި ރަބަރު އުންޑަ އަދި ސްޓަން ގްރޭނޭޑާއި ގޭސް ބޮން ބޭނުންކޮށް ފަލަސްތީން މީހުންނަށް ވަނީ އަނިޔާކޮށްފަ އެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ފަލަސްތީންގެ މީހުންގެ މައްޗަށް ގަދަވެގަންނަ ކޮންމެ ފަހަރަކު ގައުމުތަކަށް ކުރެވެން އޮންނަ ކަމަކީ ހަމަލާތައް ކުށްވެރިކުރުމެވެ. މިކަމަށް ފިޔަވަޅެއް އެޅޭނެ އެއްވެސް ގައުމެއް މި ކަމަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ވޮލްކަން ބޮޒްކާ އިޒްރޭލަށް ގޮވާލައްވާފައި ވަނީ މުގައްދަސް ބިންތަކަށާއި އިމާރާތްތަކަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. އަދި އަޅުކަންކުރާ މީހުންނަށް ޖެއްސުންނުކުރުމަށެވެ. ވޮލްކަން ބޮޒްކާއަކީ ތުރުކީ ބޭފުޅަކަށް ވާތީ ހިތްޕުޅުގައި މުސްލިމުންނަށް އޯގާތެރިވެ ވަޑައިގެންނެވުނީ އެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއް ގޮތުގައި އދ އިން ކަނޑައަޅުއްވާފައި ހުންނަވާ ކޯޑިނޭޓަރު ޓޯ ވެނެސްލަންޑް އެދިވަޑައިގަންނަވަނީ ޒިންމާދާރުވުމަށެވެ. ސުލްހަވެ ހިމޭންވުމަށެވެ. އަދި އަޅުކަންކުރުމަށް ބޭނުންކުރާ އިމާރާތްތަކަށް އިހްތިރާމް ކުރުމަށެވެ.

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އދ ގެ ސެކިޔުރިޓީ ކައުންސިލްއަށް ގޮވާލައްވާފައި ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި ފަލްސްތީން މީހުންގެ ހިމާޔަތުގައި ފިޔަވަޅު އަޅުއްވައިދެއްވުމަށެވެ.

ލިއުނީ: އަލީ ރަމީޒް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355