ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތަކުގެ ތެރެއިން ފުކެއް ފުއްޕާމެއިން ނަގަން ޖެހުނު ކަމަށާއި ހިތާ ހިސާބަށް އެ ރޭޒާ ފުއް ނުގޮސް ސަލާމަތްވީ މޭކަށިގަނޑެއްގައި ޖެހުމުންކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭއިން މިހާރު ކުރިއަށްގެންދާ ޕްރެސް ކޮންފަރެންސްގައި، ފަރުވާ ދިން ޓީމުގެ ޑޮކްޓަރުން، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތައް ހާމަކުރަމުން ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ގޮއްވާލި އައިއީޑީ އިން ބުރައިގެން ދިޔަ ރޭޒާ ފުއްތަކުގެ ތެރެއިން އެތިކޮޅެއް ފުއްޕާމެއިން ނަގަން ޖެހުނު ކަމަށާއި އެ ވަދެގެން ދިޔައިރު ހިތާ ހިސާބަށް ނުގޮސް ސަލާމަތްވީ ހަތަރުވަނަ މޭކަށިގަނޑެއްގައި ޖެހި އެ ފުނޑިގެން ދިއުމުން ކަމަށެވެ.
ފަރުވާ ދިން ޓީމުގެ ޑޮކްޓަރުން ވިދާޅުވީ ބަނޑާއި ގޮހޮރުން ވެސް އެކި ތަންތަން ފޫ އަޅާފައި ހުރި ކަމަށާއި ލިވާގެ ތެރެއަށް ވެސް އެތިކޮޅެއް ވަދެފައި އޮތް ކަމަށެވެ. މި އޮޕެރޭޝަންގައި ނެގުމަށް އެންމެ އުނދަގޫވީ ލިވާގެ ތެރެއަށް ވަދެފައިވާ އެތިކޮޅު ކަމަށްވެސް ވަނީ ބުނެފައެވެ. އަނިޔާގެ ތަފްސީލު ދެއްވަމުން ޑޮކްޓަރުން ވިދާޅުވި ގޮތުގައި ދަގަނޑު ރޭޒާ ފުއްތަކުގެ އިތުރުން އެހެން ބައެއް އެއްޗެހި ވެސް ހަށިގަނޑު ތެރެއަށް ވަދެފައިވެ އެވެ.
ޕްރެސް ކޮންފަރެންސްގައި ދެއްކި ތަފްސީލުން އެނގޭ ގޮތުގައި އައިއީޑީ އަމާޒުވެފައި ވަނީ ނަޝީދުގެ ހަށިގަނޑުގެ ވާއަތް ފަރާތަށެވެ. އައިއީޑީން އައި ބައެެއް އެތިކޮޅުތައް ހަށިގަނޑުގެ އެއް ފަރާތުން ވަދެ އަނެއް ފަރާތުން ފޫގޮސްފައިވާ ކަމަށާއި ބައެއް އެތިކޮޅުތައް، މުހިންމު ލޭ ހޮޅިތަކާ ދިމާލަށް ވެސް ވަދެފައިވާ ކަމަށް ވިދާޅުވި އެވެ.
މިއީ ވަރަށް އުނދަގޫ ޕްރޮސީޖަރ އަކަށްވި ކަމާއި ސަބަބަކީ ޑޮކްޓަރުން ބޮޑަށް ފަރިތަވެފައި ހުންނަނީ ލޭ ހޮޅިތަކުގައި ހުންނަ ގަނޑު ލޭކޮޅުތައް ނަގަން ކަމަށާއި އޮމާންކޮށް ހުންނަ ރޭޒާ ފުއް ފަދަ އެއްޗެހި ލޭގެ މައި ހޮޅި އަށް ވަނުމުން އެ ނެގުން ވީ އުނދަގޫ ކަމަކަށް ކަމަށް ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވަނީ ވިދާޅުވެފައެވެ.
މިއަދު ހެނދުނު ނަޝީދު ވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށާއި ނޭވާލުމުގައި މިހާރު ދަތިކަމެއް ނެތް ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވި އެވެ. ލޭގެ ޕްރެޝަރވެސް މިހާރު ހަމަޔަކަށް އެޅެމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި ވަރުގެ ބޮޑެ އޮޕެރޭޝަން އެއް ކުރުމަށްފަހު އިންފެކްޝަން އެއް އުފެދިދާނެތީ ވަރަށް ގާތުން ބަލަމުންގެންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޕޭޝަންޓުންގެ މައުލޫމާތު ހާމަކުރުމަކީ އާންމުކޮށް ނުކުރާ ކަމަކަށް ވިޔަސް ނަޝީދުގެ ފަރުވާއާ ބެހޭ ގޮތުން މީޑިއާއާ މައުލޫމާތު ދިނީ އާއިލާގެ އިޒްނަ އާއި އަދި ނަޝީދުގެ ވެސް އިޒްނަވެސް ލިބިގެންކަމަށް އޭޑީކޭގެ ޑޮކްޓަރުން ޓީމުން ހާމަކުރެއްވި އެވެ.