twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ޚަދީޖާ އާދަމް
Jan 27, 2022
3

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ. އެމްޓީސީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އާއި ޗީފް އިންޖީނިއާ އާދަމް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ކުޅުދުއްފުށީ ޕޯޓްގެ އިތުރުން ގދ ތިނަދޫ ޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައިވެސް މި ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފައެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. އަދި އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 495 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެއީ 138،980،244.28 ރުފިޔާގެ މަޝްރޫއެކެވެ.

ކުޅުދުއްފުށީ ޕޯޓް ތަރައްގީ ކުރުމާއި ބެހޭގޮތުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ ކޭޕީއެލް ތަރައްގީކުރާއިރު މަގަތު ފާލަމަކާއި ވެއާރ ހައުސް އާއި އޮފީސް އިމާރާތަކާއި ވޯކްޝޮޕެއް ހެދިގެންދާނެކަމަށާއި އެ މަސައްކަތަށް އެ ސަރަހައްދުން ބައެއް ހިއްކާނެކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އުތުރާއި ދެކުނުގައި އިންޓަނޭޝަނަލް ޕޯޓް ތަރައްގީކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ކަމަށާއި އެގޮތުގެ މަތިން ކޭޕީއެލް ތަރައްގީކުރުމަށް މާސްޓާ ޕްލޭނެއް ހަދައި އެއަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ ބަނދަރުގެ މަސައްކަތްކުރާނީ ރަނގަޅަށް ޕްލޭން ކުރެވި އެކަމަށް ވަގުތުދީގެން ކަމަށާއި އަމާޒު ހިފާފައިވަނީ ބަނދަރުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާލުމަށްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355