twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގާނޫނީ ކޮލަމް: ބިމެއް ރަހުނުކުރަނީ ތަ؟

May 12, 2021

ރަހުނަކީ ޢާންމުގޮތެއްގައި ދަރަންޏަށް ފައިސާ ނަގާއިރު، އެ ދަރަނި ދައްކާނެކަމުގެ ގެރެންޓީއެއްގެ ގޮތުން ދަރަނި ދޭފަރާތަށް ދޭ މުދަލެކެވެ. މިގޮތުން ބޭންކާއި އެހެނިހެންވެސް މާލީ އިދާރާއަކުން ލޯނު ނަގާއިރު، ރަހުނުގެ ގޮތުގައި އެއްޗެއް ބަހައްޓަން ޖެހިދެއެވެ. މިޙާލަތުގައި، އެމީހެއްގެ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާ ފަރާތްތައް މަދެއްނޫނެވެ. ރަހުނަކީ، އެ ލޯނެއް ނުދެއްކިއްޖެ ޙާލަތެއްގައި އަތުން ބީވެގެން ހިނގައިދާނެ މުދަލެކެވެ. އަދި ނުއުފުލޭ މުދަލެއް ރަހުނުގެ ގޮތުގައި ބަހައްޓާއިރު އަދި ލޯނު ނުދެއްކިގެން ރަހުނު ވިއްކާލާއިރު ޢަމަލުކުރަންޖެހޭ ވަކި އުޞޫލުތަކެއް ޤާނޫނުން ލާޒިމުކުރެއެވެ.

ރަހުނުކުރުން

ބިމެއް، އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ރަހުނުކުރެވޭނީ، ހަމައެކަނި ވިޔަފާރި ބޭންކެއް ނުވަތަ ސަރުކާރު ޤަބޫލުކުރާ މާލީ އިދާރާއަކުން ނަގާ ލޯނެއްގެ ގެރެންޓީއެއްގެ ގޮތުގައެވެ. އަދި ރަހުނުކުރާ ޙާލަތުގައި، ރަހުނުގެ މުޢާމަލާތާއި ރަހުނުކުރުމުގެ ނަތީޖާ މުސްތަޤިއްލު ދެހެކިވެރިންގެ ޙާޟިރުގައި ރަހުނުކުރާ ފަރާތަށް، އެއިދާރާއަކުން އަންގައިދޭންޖެހެއެވެ.

ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ރަހުނުކުރުމަށް، ރަހުނުކުރާ ބިން އަމިއްލަކުރުން ލާޒިމެއްނޫނެވެ. ބަންޑާރަ ބިމެއް ނުވަތަ ބިމަކުން ބައެއްވެސް ރަހުނުކުރެވިދާނެއެވެ.

އެކަކަށްވުރެ ގިނަމީހުންގެ ނަންމަތީގައި ރަޖިސްޓްރީކުރެވިފައިވާ އެއްމެދު ބިމެއް ނުވަތަ އިމާރާތެއް ނުވަތަ އިމާރާތެއްގެ ފްލެޓެއް ރަހުނުކުރާނަމަ، އެ އިމާރާތް ރަޖިސްޓްރީކުރެވިފައިވާ ހުރިހާ މީހުންގެ ރުހުން ބޭނުންވާނެއެވެ. ނަމަވެސް، އެއްމެދު އިމާރާތެއްގެ ވަކި ފްލެޓެއް އެކަނި ރަހުނުކުރާނަމަ އަދި އެފްލެޓްގެ ވެރިފަރާތަކީ އެންމެ ފަރާތެއްނަމަ، އެ ފްލެޓް ރަހުނުކުރާއިރު އެ އިމާރާތުގައި ދެންހުރި ފްލެޓްތަކުގެ މިލްކުވެރި ފަރާތްތަކުގެ ރުހުން ބޭނުމެއް ނުވާނެއެވެ. އަދި ރަހުނުކުރަން ޤަޞްދުކުރާ ގޯއްޗަކީ އެ ގޯތި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ މެދުގައި ބެހި، އެކަން ގޯތީގެ ރަޖިސްޓްރީގައި ފާހަގަކުރެވިފައިވާ ގޯއްޗެއްނަމަ، އެ ގޯތިން އެމީހަކަށް ލިބިފައިވާ ބިން ރަހުނުކުރުމަށް، ދެން އެ ގޯތީގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކުގެ ރުހުމެއް ބޭނުމެއް ނުވާނެއެވެ.

ރަހުނު ރަޖިސްޓްރީކުރުން

ބިމެއް، އިމާރާތެއް ނުވަތަ ފްލެޓެއް ރަހުނުކޮށްފިނަމަ، އެ ގޯއްޗެއް، އިމާރާތެއް، ފްލެޓެއް ނުވަތަ ބިމެއް ދޫކޮށްފައިވާ އޮފީހެއްގައި އެ ރަޖިސްޓްރީކުރުން ލާޒިމެވެ. މިގޮތުން ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލްގައި އަދި ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގައި އަދި ހުޅުމާލޭގައިނަމަ، އެޗް.ޑީސީ. ގައި ރަހުނު ރަޖިސްޓްރީ ކުރަންވާނެއެވެ.

ރަހުނު ވިއްކާލުން

ލޯނު ނުނުދައްކައިގެން ލޯނު ދިންފަރާތުން ރަހުނު ވިއްކާލަން ބޭނުންވިޔަސް އެ ރަހުނު ވިއްކާލެވޭނީ، ވަކި ކަންތައްތަކެއް ފުރިހަމަ ވެފައިވާނަމައެވެ. މިގޮތުން، ލޯނު ދިން ފަރާތާއި ލޯނު ނެގިފަރާތާއި ދެމެދު ލިޔެކިޔުމުން އެހެން ގޮތަކަށް އެއްބަސްވެފައިނުވާ ޙާލަތުގައި، ރަހުނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރެގައި ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވުމާއި އަދި މިފަދައިން ދަޢުވާކުރުމުން، ފައިސާ ދެއްކުމަށް ލޯނު ނެގިފަރާތަށް ޙުކުމްކުރުމުން، އެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވުމަކީ މީގެތެރެއިން ފުރިހަމަވާންޖެހޭ އެންމެ މުހިންމު ދެ ކަންތަކެވެ.

ލޯނަށް ފައިސާ ނުދެއްކިގެން ރަހުނުކޮށްފައިވާ ބިން ނުވަތަ އިމާރާތް ނުވަތަ ފްލެޓް ލޯނު ނެގިފަރާތުން އަމިއްލައަށް ވިއްކާލެވޭނީ، ވިއްކަން އެދޭ ފަރާތަކީ ރަހުނުކޮށްފައިވާ ތަނުގެ ވެރިފަރާތް ކަމުގައިވާނަމައެވެ. އަދި ހަމައެއާއެކު ރަހުނު ކުރިތަން ލޯނު ދިން ފަރާތާއި ޙަވާލުކުރުމަށް ކޯޓަކުން އަމުރު ކޮށްފައި ނުވުމާއެކު، ލޯނު ދެއްކޭނެ ތަނަވަސްކަމެއް ނެތްނަމައެވެ.

ރަހުނެއް ތަންފީޒުކުރުމަށްޓަކައި އެއްވެސް ބިމެއް، އިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާލެވޭނީ، ރަހުނު އޮތް ބޭންކަކުން ނުވަތަ މާލީ އިދާރާއިން އެކަމަށް ހުޅުވާލެވިފައިވާ ބީލަމެއްގައެވެ.

ލޯނެއް ނަގާއިރު ގިނަފަހަރަށް ރަހުނުގެ ގޮތުގައި ބާއްވަނީ ތިމާގެ އަމިއްލަ ނަމުގައި އޮންނަ ބިމެއް ނުވަތަ ފްލެޓެކެވެ. ގިނަފަހަރަށް، އެއީ ދިރިއުޅުމަށް އޮތް ހަމައެކަނި ތަންކޮޅު ކަމުގައިވާއިރު، ލޯނު ނުދެއްކިގެން އެތަން އަތުން ބީވާން އެއްވެސް ފަރާތަކުން ބޭނުމެއްނުވާނެއެވެ. ނަމަވެސް، ލޯނު ނުދެއްކި ރަހުނު ވިއްކާލަންޖެހޭ ޙާލަތު ދިމާވާ ފަހަރުވެސް އަންނަނީ މަދަކުންނޫނެވެ. ވީމާ، މިޙާލަތުގައިވެސް ރަހުނު ވިއްކާލެވޭނީ ކޮން އުޞޫލަކުންކަން ދެނެތިބުމީ ބުއްދިވެރި ގޮތެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355