twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑަށް ތަފާތު އާ ކޮންޓެންޓް!

May 12, 2021

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ފީޗަރ ނުވަތަ ވީއޯޑީ އަށް މުޅިން އާ މުނިފޫހިފުލުވުމާއި ދީނީ ކޮންޓެންޓް ތައާރަފުކޮށްފި އެވެ. އާ ކޮންޓެންޓްތަކުގެ ތެރޭގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ ޓޯކްޝޯވ "އަޒޯނާ" ވެސް ހިމެނެއެވެ. މި ޝޯވ އަކީ މަޝްހޫރު ފިލްމީ ތަރިންނާއި، ލަވަކިޔުންތެރިން ގެނެސްގެން އެ މީހުންނާއި ގުޅޭގޮތުން މީގެ ކުރިން އަޑު ނީވޭ އެތައް ވާހަކައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޝޯވ އެކެވެ.

މީގެ އިތުރުން، "އިސްލާމީ ނޫރު" މި ނަމުގައި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވަރަށް ހާއްސަ ޝޯވ އެއް ވެސް ހިމެނޭކަމަށް ދިރާގުން މައުލޫމާތުދެ އެވެ. މި ޝޯވ ގެނެސްދެއްވަނީ ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ ޝެއިޚް މުހައްމަދު އައްލަމް ނައީމެވެ.

އަދި ހަމައެއާއެކު، މޭކަޕް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ހުނަރުވެރި މޭކަޕް އާޓިސްޓް، ރުތްބާގެ "މޭކަޕް ބައި ރުތްބާ" ޝޯވ ހިމެނެއެވެ. މި ޝޯވ އަކީ މޭކަޕް ކުރުމުގައި ގެންގުޅޭނެ އުކުޅުތަކާއި ބޭނުން ކުރަން ޖެހޭ ތަފާތު އާލާތްތަކާ ބެހޭ މަޢުލޫމާތު ގެނެސްދޭ ޝޯވ އެކެވެ.

ދިރާގުން ބުނީ ވީއޯޑި އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލައިލުމުގެ ފުރުސަތު ލިބޭ ޒަމާނީ ފީޗާއެއްކަމަށެވެ.

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަށްކަމަށާއި އެގޮތުން ދިރާގު ޓީވީގެ ހޯމް ސްކްރީންގައިވާ "އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓްތައް އިތުރު ހަރަދަކާ ނުލާ ބަލައިލެވޭނެ ކަމަށެވެ. މީގެ އިތުރުން ދިރާގު ޕްލޭ އެޕުންވެސް ދިރާގު ޓީވީގެ ވީއޯޑީ ގެ ހުރިހާ ކޮންޓެންޓެއް އިތުރު ހަރަދަކާ ނުލާ ބަލާލެވޭނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

ކުރިއަށް އޮތްތަނުގައި ވެސް ދިރާގު ޓީވީން ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮން ޑިމާންޑް މެދުވެރިކޮށް ހާއްސަ ފުރުސަތުތަކަށް މަގު ފަހިކޮށްދިނުމަށް ނިންމާފައިވާކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއްވެސް މެއެވެ. އެގޮތުން މިހާރު ކުރިއަށް ދަމުންދާ ޚާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 މޭ 2021 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވޭ ނަސީބުވެރި 20 ފަރާތަކަށް 6 މަހުގެ މަހުފީ ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77% ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355