ބާރުވަޔާއެކު ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ގިނަ ރަށްތަކަށް ގެއްލުންވަމުން އެބަދެ އެވެ. ބުދަ ދުވަހުން ފެށިގެން މޫސުމް ގޯސްވާނެކަމަށް މެޓުން ހާމަކޮށްފައިވަނިކޮށް، އެ ދުވަހުން ފެށިގެން މިއަދުގެ މިވަގުތާ ހަމައަށް އުތުރު ރަށްތަކަށް މޫސުމަށް ސަމާލުވުމަށް ގިނަ ޔެލޯ އެލާޓްތަކެއް ނެރެފައިވެ އެވެ.
މޫސުމް ވަރަށް ގޯސްވެ، ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބުރާސްފަތި ދުވަހު ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ހަމައަށް އޮރެންޖް އިންޒާރުވެސް ނެރުނެވެ.
މިހާރުވެސް އެ ސަރަހައްދަށް ޔެލޯޓް ނެރެފައިވާއިރު ކަނޑުދަތުރު ފަތުރުނުކުރުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބާރުވަޔާއެކު ވިއްސާރަކުރަމުންދާއިރު ގިނަ ރަށްތަކަކުން ގިނަ އަދަދެއްގެ ރުއްގަސް ވެރި، ދަނޑު ބިންތަކަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެގޮތުން ހއ އާއި ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.
ގޭގެ ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިންގަމުން އަންނައިރު ބަނދަރުތަކުގައި އަޅާފައި ހުރި އޮޑި ދޯނިފަހަރުގެ ވާ ކަނޑައިގެން ގޮސް ގެއްލުންތައް ލިބެމުންދާކަމުގެ ރިޕޯޓްތައް ކައުންސިލްތައް މެދުވެރިކޮށް އަންނަނީ ލިބެމުންނެވެ.
ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާއިރު އެ އޮފީހުން ބުނީ މިއީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި މުޅި ރާއްޖެއަށްވެސް މި ވިއްސާރަ ކުރާނެކަމަށެވެ.
ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް މޫސުންވަނީ ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ރޭ ފަތިހުން ފެށިގެން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވެ އެވެ. އަދި މިވީ ގަޑިއިރު ތެރޭގައި މިއަދުގެ ދެ ފަހަރަށް މިވަނީ ޔެލޯ އެލާޓް މި ސަރަހައްދުގައި ދަމަހައްޓާފަ އެވެ. އެގޮތުން މިއަދު 11:30 އާހަމައަށް ނެރެނު ޔެލޯ އެލާޓް މިވަނީ 15:30 އާހަމައަށް ދަމަހައްޓާފައިވެ އެވެ.
މެޓުން ބުނީ އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށެވެ. ބުރާސްފަތި ދުވަހު ފަތިހުވެސް އެސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެރޭގެ މެންދަމާ ހަމައަށް 3 ފަހަރެއްގެ މަތިން ޔެލޯ އެލާޓް އިތުރުކޮށްފައިވެ އެވެ.