twitterviber whatsapp telegramfacebookyoutube instagram
24th November 2024

އާތިފް، ވައުދުތައް ފުއްދުމުގެ ވަރުގަދަ އަޒުމުގައި

އަބްދުލް ވާހިދު ޙަސަން
May 17, 2021
8

ތާރީހީ ކައުންސިލަރުން ހުވައި ކުރުމާއެކު، ކުޅުދުއްފުއްޓަށް ރަސްމީ ސިފައެއްގައި ސިޓީ ދަރަޖަ ލިބިގެންދިޔައީ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މި ކައުންސިލުގެ ޒުވާން މޭޔަރު މުހައްމަދު އާތިފް ހުންނެވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް އަތުކުރި އޮޅާލައްވައިގެންނެވެ. ރަށް ތަރައްގީކޮށް ޒަމާނީ ސިޓީއެއް ކުލަ ޖެއްސެއްވުމުގެ ގަދަ އަޒުމުގައި އެވެ.

ހުވާކުރެއްވުމުގެ ދަރުބާރަށްފަހު ކޭއޯއާ ވާހަކަދައްކަވަމުން އެންމެ 35 އަހަރުގެ ޒުވާން މޭޔަރު އާތިފް ވިދާޅުވީ، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި، އިތުބާރުކޮށް ހަވާލުކުރި ބޮޑު އަމާނާތް ތެދުވެރިކަމާއެކު އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހިދުމަތްކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ މިއަދު އަޅުގަނޑާ ހަވާލުވެފައި މިއޮތީ ކިހާވަރެއްގެ ބޮޑު އަމާނާތެއްކަން. އިރާދަ ކުރެއްވިއްޔާ ތެދުވެރިކަމާއެކު އެއްވެސް ރައްޔިތަކު ތަފާތުނުކޮށް މި ވާޖިބު އަޅުގަނޑު އަދާކޮށްދޭނަން. ކޮންމެ ފަންތިއެއްގެ ކޮންމެ އުމުރެއްގެ ރައްޔިތެއްގެ ހިޔާލެއް ނުވަތަ ޝަކުވާއެއް ކަމަށް ވިޔަސް އަޅުގަނޑަށް އަޑު އެހޭނެ އަދި ގަވާއިދުތަކާ އުސޫލުތަކުގެ ތެރެއިން އެކަމުގަ އޮތް އެންމެ ރަނގަޅު ހައްލެއް ހޯދައިދޭނަން." އާތިފް ވިދާޅުވި އެވެ.

މާލެ ސިޓީ ފިޔަވާ އެންމެ ގިނަ ރައްޔިތުންނަށް ނުވަތަ އެންމެ ގިނަ ރަށްރަށުގެ ރައްޔިތުން ހިދުމަތް ހޯދައި ކައުންސިލަކީ ކުޅުދުއްފުށީ ކައުންސިލެވެ. ޒަމާނުންސުރެ އެކަން އޮތީ އެހެންނެވެ. އެހެންވުމުން ކުޅުދުއްފުށި ކަހަލަ ރަށެއް ހިންގުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ.

ސިޓީ ކައުންސިލަކީ ރަށްވެހިކަމުގެ ގިނަ ހިދުމަތްތަކެއް މަތިވެފައިވާ މުއައްސަސާއެއްކަން ފާހަގަކުރައްވައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ކައުންސިލްގެ އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކޮށް، އޮނިގަނޑަށާއި ހިންގާ ގަވައިދަށް ބޭނުންވާ އިސްލާހުތައް ގެނެސް ދާއިރާތަކަށް މަދުވާ މުވައްޒަފުންވެސް ހަމަކޮށް އިދާރާގެ ހުރިހާ ގުނަންތައް ފުރިހަމައަށް ހަރަކާތް ކުރެވޭ ވަރުގެ ހަކަތަ ހޯދައިދޭނެ ކަމަށެވެ.

އަދި ކައުންސިލްގެ ޑިޕާޓްމަންޓްތައް ރަނގަޅަށް ފަންކްޝަން ކުރަން ފެށުމާއެކު ކައުންސިލުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތާ ދިމާލަށް މިސްރާބު ޖަހާނެކަމަށެވެ. އޭނާ ވިދާޅުވީ މަޝްރޫއުތައް ވިލަރެސްކޮށް ހިންގުން ވޯކިން ގުރޫޕްތަކެއް ހަދައި އެކަންކަމުގެ މަޝްވަރާތަކާއެކު ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައެޅި އެ މަގުން މަސައްކަތްތައް ބައްޓަންކުރާނެ ކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ރައްޔިތުން ބޭނުންވީ ތައުލީމީ ޒުވާން ޓީމަކަށް ފުރުސަތު ދޭށެވެ. އެއް މެމްބަރަކު ފިޔަވައި ދެން ތިބި ހުރިހާ މެމްބަރުންނަކީވެސް މަތީ ތައުލީމް ހާސިލުކުރައްވައި ސަރުކާރުގެ އިދާރާތަކުގައި މަތީ މަގާމުތައް ފުރުއްވާފައި ތިބި މެމްބަރުންނެވެ. އެހެންވެ އާ ކައުންސިލާ މެދު ރައްޔިތުންގެ އުންމީދުތައްވެސް މައްޗެވެ.

"ރައްޔިތުން އަޅުގަނޑުމެންނާ މި މަސައްކަތް ހަވާލުކުރީ ވަރަށް އިތުބާރާ ޔަގީންކަމާވެސްއެކު. އަޅުގަނޑު މި މަގާމަށް ކުރިމަތިލީ އެންމެ ބޮޑު ސަބަބަކީވެސް މި ކުޅުދުއްފުށި ތަރައްގީ ކުރަން އޮތް ފުރުސަތުގެ ބޭނުން ހިފުން، ދެވަނަ ދެކަމެއް ނޫން." އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް 3 މަސްދުވަސް ތެރޭގައި ކުޅުދުއްފުށި ސިޓީގެ ތަރައްގީގެ ޕްލޭން ނިންމާލެވޭނެކަމަށާއި ހަމައެއާއެކު ސިޓީއަށް ދިމާވެފައިވާ މައިގަނޑު ބޮޑެތި މައްސަލަތަކަށް އެޓެންޑްވެ އެކަންކަމުގެ ހައްލު ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ސަރުކާރުން އަލަށް ފަށާ ތަރައްގީގެ މަޝްރޫއުތަކުގައިވެސް ވަރަށް ގާތުން މަސައްކަތް ކުރަމުންދާނެކަމަށާއި ހިންގާ މަޝްރޫއުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އޭގެ އެންމެ ރަނގަޅު މަންފާ ލިބޭނެ އަދި މިޒަމާނުގައި ދުނިޔޭގެ އެހެން ތަންތާގަވެސް ކަންކުރާ އުސޫލުން ހިންގާ ކަންކަން ކަމުގައި ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އާތިފް ރައްޔިތުންނަށް ދެއްވި އެވެ.

"ކުޅުދުއްފުށި ސިޓީއަކީ މިވަގުތު މުޅި ރާއްޖެއަށް ބެލިކަމުގައި ވިޔަސް ދިވެއްސަކު ދިރިއުޅެން އެންމެ ރަނގަޅު ސިޓީއޭ ބުނާކަށް އަޅުގަނޑު ޖެހިލުމެއް ނުވޭ. އެހެންނަމަވެސް ހައްލުކުރަން ޖެހޭ ބޮޑެތި މައްސަލަތަކެއްވެސް އެބަހުރި." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.

އެގޮތުން ސިޓީގައި ހައްލުކުރަންވެފައި ހުރި ބައެއް ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ވައުދުވެފައިވާ ގޮތަށް ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ކުނި މެނޭޖްކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އެންމެ ބޮޑު ޗެލެންޖަކީ އަދި މި ކައުންސިލްގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވާނީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އާއިލާތައް ގެދޮރުވެރިކުރުވުންކަމަށް އާތިފް ވިދާޅުވި އެވެ.

"އެންމެ ބޮޑު ޗެލެންޖަކީ އަދި މި ކައުންސިލްގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވާނީ ރަށުގެ ބޮޑު މައްސަލަ، ބޯހިޔާވެހިކަން ބޭނުންވެފައި ތިބި އާއިލާތައް ގެދޮރުވެރިކުރުވުން. މި ކަމުގެ ހައްލެއް ނުލިބޭހާ ހިނދަކު ފިކުރު ބޮޑުނުވެ އުފާވެރި އާއިލާއެއް ދިރިއުޅޭތަނެއް ނުފެންނާނެ." އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯހިޔަވާހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެއްގޮތައްވުރެ ގިނަ ގޮތްގޮތަށް މަސައްކަތް ކުރާނެ ކަމަށާއި ލޭންޑްޔޫސް ޕްލޭން ހެދިގެން ދިއުމުން ރަށުގައި ބިން ހުރި ވަރާއި ބޯހިޔާބަހިކަމަށްވެސް ބިމުގެ ބޭނުން އެންމެ ރަނގަޅަށް އެންމެ ގިނަ ބަޔަކަށް ހިފޭނެ ގޮތަކީ ކޮބާކަން އެނގިގެންދާނެ ކަމަށެވެ.

"ދެން އެންމެ ބޮޑު ކަމަކަށް ކުރަން ޖެހޭނެ މަސައްކަތަކީ ޕްރޮޖެކްޓް ހިންގާނެ ފައިސާ ޝެކުއަރ ކުރުން، ސަރުކާރުގެ ތެރެއިން ނުވަތަ ބޭރުގެ އިންވެސްޓަރުން މެދުވެރިކޮށް އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އަދި ރައްޔިތުންނަށް މިކަންކަމުގެ އަޕްޑޭޓް ފޯރުކޮށްދެމުން ދާނަން." މޭޔަރު ވިދާޅުވި އެވެ.

މަގުތަކުގެ މައްސަލާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ހާއްސަކޮށް ފެންބޮޑުވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި ކުރިން ހަދާފައި ހުރި މަގުތަކުގައި ރަނގަޅު ފެންހިންދާ ނިޒާމެއް ލެވިފައި ނެތުން އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.

މި ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްފައިވާ މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި ފެށުމުގެ ކުރިން، ސްޓޯމް ވޯޓަރ، ޑީ ވޯޓަރިންގ އަދި ފަޔާ ހައިޑްރަންޓް މި މަޝްރޫއުގެ ތެރެއަށް އިތުރުކޮށް ދިނުމަށް މިހާރުވެސް ވާނީ ކައުންސިލް މެދުވެރިކޮށް ޕްލޭނިންގ މިނިސްޓްރީގައި ލިޔުމުން އެދިފަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން މަގުތައް ހެދިގެން އަންނައިރު ގިނަ ކަންކަމަކަށް ހައްލު ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް މޭޔަރު ވިދާޅުވި އެވެ.

އެހެން ބައެއް މައްސަލަތައްވެސް އާތިފް ފާހަގަކުރެއްވި އެވެ. އެގޮތުން، މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހޭ މިންވަރު އިތުރުވުމާއި އާމްދަނީ ލިބޭނެ ގޮތްތައް އިންތިހާއަށް މަދުވުމާއި، ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތަކުގެ އިތުރުން މަސްވެރިންގެ ޝަކުވާތަކާއި މަސައްކަތްތެރިންގެ ޝަކުވާތައްވެސް ފާހަގަކުރެއްވި އެވެ.

އަދި މީގެ އިތުރުން ކުޅިވަރު ކުޅެ ކަސްރަތު ކުރާ ފަރާތްތަކުގެ ޝަކުވާ ތަކާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމަ ވާން ޖެހޭ ކަންތައްތަކެއް ހުރިއިރު ކުދިންގެ ތައުލީމަށް ބޭނުންވާ ކަންތައްތަކެއް ފުރިހަމަނުވެ އެބަހުރި ކަމަށެވެ. އަދި އާއިލާ ގޮވައިގެން ހިތްފަސޭހަ ކޮށްލަން ނިކުމެލާނެ މައިޒާންތައް މަދުވުމާއި، ވިޔަފާރިތަކަށް ބޭނުންވާ ހިދުމަތްތައް ވެސް މަދުކަމާއި އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާއި، ތިމާވެއްޓަށް ދިމާވަމުންދާ މައްސަލަތަކެއްވެސް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ދެން ތިއްބެވި ކައުންސިލަރުން ތާއަބަދު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އާތިފް ދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355