ކޮވިޑް-19 އާއި ގުޅުން ހުރި ކަންތަކަށް މިދިޔަ ހަފްތާ ކޮށްފައިވާ ހޭދަ 2.5 ޕަސެންޓު އިތުރު އިތުރު ވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެގޮތުން
ކޮވިޑާ ގުޅުން ހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް މިދިޔަ ހަފްތާގެ ނިތަލަށް 1.6 ބިލިއަން ރުފިޔާ ހޭދަވެފައި ވެއެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗުންނެވެ. އެ ހޮސްޕިޓަލުން ކޮވިޑާ ގުޅުންހުރި ކަންތަކަށް ކުރި ހޭދަ 143.6 މިލިއަނަށް ވަނީ އަރައިފަ އެވެ.
އައިޖީއެމްއެޗުން ކުރި ހޭދައިގެން ބޮޑު ބަޔަކީ ކޮވިޑާ ގުޅުންހުރި މެޑިކަލް ކޮންސިއުމަބްލްސް ހޯދުމަށާއި ބައްޔަށް ފަރުވާ ދިނުމުގެ ކަންތަކާ ގުޅިގެން ކޮށްފައިވާ ހޭދަ އެވެ.
އިކޮނޮމިކް ރެސްޕޮންސްގެ ދާއިރާ އިން އޭގެ ކުރީ ހަފްތާ އާއި އަޅާ ބަލާއިރު މިދިޔަ ހަފްތާގެ ހަރަދަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ދާއިރާ އިން 1.7 ބިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާއިރު ކޮވިޑާ ގުޅުންހުރި ކަންތަކަށް ކުރި ޖުމްލަ ހޭދަ ވަނީ 3.3 ބިލިއަނަށް އަރައިފަ އެވެ.
ވަކިވަކި މުވައްސަސާތަކަށް ބަލާއިރު، ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރަށް ފަހު ދެން އެންމެ ބޮޑު ހޭދައެއް ކޮވިޑުގެ ހާލަތުގައި ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ މެދުވެރި ވެގެންނެވެ. ހެލްތުން 496.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އޭގެ ތެރޭ ދަތުރުފަތުރަށް 274 މިލިއަން ހޭދަކޮށްފަވެ އެވެ. މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 33.9 މިލިއަން އަދި ކެޕިޓަލް އިކުއިޕްމެންޓް ހޯދުމަށް 80.5 މިލިއަން ވަނީ ހޭދަކޮށްފަ އެވެ.
އެމްއެންޑީއެފް މެދުވެރިކޮށް 67.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެ މުވައްސަސާގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 48.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ފުލުހުންގެ މުވައްސަސާ އިން 31.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު 27.4 މިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ މުވައްޒަފުންނަށްދޭ އެލަވެންސް އަށެވެ.