ދިރާގުގެ 32 ވަަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަވެސް ދިރާގުން ޖަލްސާ ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ.
ދިރާގު ބުނީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ހިއްސާދާރުންނާއި މުވައްޒަފުން އަދި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ އެ ކުންފުނީގެ ބޯޑުން މިވަގުތު އެންމެ އަހައްމިއްޔަތުކަން ދޭ އެއްކަން ކަމަށެވެ.
މި ޖަލްސާގައި 46 ހިއްސާދާރުންނާއެކު 717,373,704 ހިއްސާ ތަމްސީލުކޮށް ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަގްލަބިއްޔަތުން ވަނީ ފާސްވެފައެވެ.
ދިރާގުން ބުނީ މުޅިދުނިޔެއަށް ކުރިމަތިވި މި ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ކުންފުނީގެ މާލީ ހާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަމަށާއި އެގޮތުން 2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019 ވަނަ އަހަރާ އަޅާކިޔާއިރު ނިމުނު އަހަރުގެ ޖުމްލަ އާމްދަނީވަނީ 13.1% ދަށްވެފަކަމަށެވެ. އަދި ކުންފުނީގެ މުހިންމު ހުރިހާ ވިޔަފާރިއަކުންވެސް ލިބުނު އާމްދަނީ ދަށަށްގޮސްފައިވާއިރު އެންމެ ބޮޑަށް އާމްދަނީއަށް އަސަރުކޮށްފައިވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންކަމަށެެވެ. އެގޮތުން 2020 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 22.2% ދަށް އަދަދެެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ކުންފުނީގެ މާލީ ހާލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކުރުމާއެކީގައި ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށްވަނީ ނިންމާފައެވެ. މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 32 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 5.16 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި 2020 ވަނަ އަހަރުގެ ކުރީކޮޅު އިއުލާން ކޮށްފައިވައި ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ. 2020 ވަނަ އަހަރުގެ ޑިވިޑެންޓްއަކީ 2019 ވަނަ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 4.77 ރުފިޔާ (39.8%) މަދު އަދަދެކެވެ.
ކޮވިޑް-19ގެ ސަބަބުން އެންމެންގެ ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް ވަނީ އެތަކެއް ލޮޅުމެއް އަރާފަކަމަށާއި މުޅި ދުނިޔެ މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ދިރާގުގެ ހިދުމަތްތަކުން ވަނީ އާ އާންމު ޙާލަތަކަށް ނުވަތަ "ނިއު ނޯމަލް" އަކަށް ވާސިލުވުމަށް އެހީވެދީފަ ކަމަށް ދިރާގުން ބުނެއެވެ.