ހައްދުފަހަނަ އެޅި އިޒްރޭލުން ފަލަސްތީނަށް ދެމުންްގެންދާ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން ފޮޓޯގުރާފަރުންތަކެއް އިސްނަގައިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ފޮޓޯނަގަން ދިޔަ ކުދިންގެ ފޭސް ޕެއިންޓްކުރުމުގައި މޭޔަރު މުހައްމަދު އާތިފު އާއި ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ރިލުވާން މުހައްމަދު ހަރަކާތްތެރިވުމުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްްޖެ އެވެ.
ކުޅުދުއްފުށީ ސިޓީގެ ހުނަރުވެރި ފޮޓޯގުރަފުންތަކެއް އިސްނަގައިގެން ހުކުރު ދުވަހު ހަވީރު ވެލިގަނޑު ސަރަހައްދުގައި ކުރިއަށްގެންދިޔަ ފްރީ ފަލަސްތީން އިވެންޓް ނިންމާލީ ވަރަށް ކާމިޔާބުކަމާއެކު ކަމަށް އެފަރާތުން ބުނެ އެވެ.
މި ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން އަމިއްލައަށް އިސްނައިގެން ކައުންސިލަރުން ވަނީ ބައިވެރިވެޑައިގަންނަވާފަ އެވެ. މި ހަރަކާތުގެ ތެރެއިން އެންމެ ފާހަގަކުރެވިގެންދިޔައީ ފޮޓޯ ނެގުމަށް ދިޔަ މީހުންގެ ފޭސް ޕެއިންޓްކުރުމުގައި މޭޔަރު މުހައްމަދު އާތިފު އާއި ކައުންސިލް މެމްބަރު ރިލުވާން މުހައްމަދު ހަރަކާތްތެރިވުމުންނެވެ.
މި އިވެންޓުގައި ކައުންސިލް މެމްބަރުން އަމިއްލައަށް އިސްނަގައިގެން ބައިވެރިވެ މެމްބަރުންގެ ފަރާތުން އިވެންޓަށް ފޮޓޯ ނަގަން ދިޔަ ފަރާތްތަކަށް ފޭސްޕެއިންޓް ކޮށްދިނުމުން ފެނިގެން ދިއުން ވެގެންދިޔައީ މީހުންނަށް ވަރަށް ކަމުދިޔަ، ނަމޫނާއަކަށެވެ. އަދި މިފަދަ އިވެންޓްތައް ކުރިއަށް އޮތްތަނުގައި ރާވާ ހިންގުމަށް ލިބުނު ހިތްވަރަކަށެވެ.
"ހުރިހާ ކައުންސިލް މެމްބަރުން އަމިއްލަ އަށް އިސްނަގައިގެން މި އވެންޓް އަށް އެއްބާރުލުން ދިނުމައްޓަކައި އެތަނުގައި މޭޒެއް ބަހައްޓާފައި ފޭސް ޕެއިންޓް ކުރުމުގެ ހަރަކާތެއް ފެއްޓީ. މި ކަހަލަ ކަންކަމުގައި ކައުންސިލް މެމްބަރުންގެ އެއްބާރުލުން ދޭންނަން." ފޭސް ޕެއިންޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކުޅުދުއްފުށި ސިޓީގެ މޭޔަރު ވިދާޅުވިއެވެ.
ފޮޓޯ ނެގުމަށް އެތަނަށް ދިޔަ ހުރިހާ ކުދިންގެ މޫނުގައި ފަލަސްތީނުގެ ދިދަ ކުރެހީ މޭޔަރާއި ކައުންސިލަރު ރިލްވާނެވެ. މިފަދަ ރައްޔިތުންނާ ގުޅުން ހުރި ހަރަކާތެއްގައި މިގޮތަށް ރައްޔިތުންނާ މިހާ ގާތުން މީގެ ކުރިން ކައުންސިލަރުން އުޅުއްވި މަންޒަރު ވަރަށް މަދުން ނޫނީ ފެނިފައިނުވެ އެވެ. އާތިފް އާއި ރިލުވާން ފޭސް ޕެއިންޓްކުރުމުގައި އުޅުއްވިއިރު އެހެން ކައުންސިލަރުންވެސް އެތަނަށް ގޮސް ހަރަކާތުގައި ބައިވެރިވެލެއްވި އެވެ.
”ކައުންސިލަރުން އިވެންޓް އަށް އައިތަން ފެނުނުމުން ވަރަށް ސަޕްރައިޒްވި، އުފާވި.“ މިކަމުގައި އިސްކޮށް އުޅުނު މިހާޒްގެ އިހުސާސްތައް އިވެންޓާ ބެހޭގޮތުން ހިއްސާކުރަމުން ބުންޏެވެ.
މި އިވެންޓް އަށް ކައުންސިލަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަކީ އިވެންޓް ފުރިހަމަ ވެގެން ދިޔަ ކަމެއްކަމަށް އެފަރާތުން ދެކެވެ. ކޭއޯއާ ވާހަކަ ދެއްކި މީހުން ބުނެފައިވަނީ ރައްޔިތުން މިގޮތަށް އިންތިޒާމު ކުރާ ހަރަކާތްތަކުގައި ކައުންސިލަރުން އަމަލީ ގޮތުން މަސައްކަތުގައި އުޅޭތަން ފެނުން އެއީ ހެޔޮ ބަދަލެއްކަމަށެވެ.
މި ހަރަކާތްކުރިއަށް ގެންދިޔައިރު އެންމެންގެ ފަރާތުންވެސް ގައިދުރުކަން އިސްކޮށް ފޭސް ޕެއިންޓް ކުރިއިރު އަންގި ލައްވާ ވަރަށް ފަރުވާތެރިކަމާއެކު މި އިވެންޓް ނިންމާލިކަން ފާހަގަ ކުރެވެ އެވެ.