twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ދެން ހުޅުވާލާނީ ސްޓޮކް ލިބުމުން: ކޭއާރުއެޗް

ޚަދީޖާ އާދަމް
May 24, 2021
1

ކުޅުދުއްފުށިން މިވަގުތު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެ ފުރުސަތު ދެން ހުޅުވާލާނީ ކޮވިޝީލްޑްގެ އާ ސްޓޮކެއް ލިބުމުންކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލް ޕަބްލިކް ހެލްތްގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް ވޯކާރ ހަދީޖާ ހަސަން ކޭއޯއަށް ވިދާޅުވީ މި ވަގުތު ސްޓޮކްގައި ހުރީ ކޮވިޝީލްޑްގެ މަދު ޑޯޒް ކަމަށާއި އެއީ އިމަޖެންސީގައި ބޭނުން ކުރުމަށް ހުރި ޑޯޒްކަމަށެވެ.

މިވަގުތު ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހައި، ދެވަނަ ޑޯޒަށް ފުރުސަތު ނުލިބި ތިބި ފަރާތްތައް އަމަލުކުރާނެ ގޮތް އަންގާނީ އެޗްޕީއޭއިން ކަމަށާއި ކޮވިޝީލްްްގެ އާ ސްޓްކް ލިބުމުން ކަންތައް ކުރާނެގޮތްވެސް އެޗްޕީއޭއިން އަންގާނެކަމަށްވެސް ހަދީޖާ ވިދާޅުވިއެވެ.

ކުޅުދުއްފުށިން މިހާތަނަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް 5،110 މީހަކު ޖަހާފައިވައިރު ދެ ޑޯޒް ފުރިހަމަކުރީ 1،402 މީހުންނެވެ.

ރާއްޖޭގައި ކޮވިޝީލްޑް ދެވަނަ ޑޯޒް ދެނީ ފުރަތަމަ ޑޯޒް ޖަހާތާ ދެ މަސްވެ ތިން މަސްވުމުގެ ކުރިންނެވެ. ނަމަވެސް އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވެ ކޮވިޝީލްޑް ވެކްސިން ލިބުމުގައި ވަނީ ދަތިތަކާއި ކުރިމަތި ވެފައެވެ.

ރާއްޖޭގައި މިވަގުތު ދެމުން ގެންދަނީ ސައިނޮޕާމް ވެކްސިނެވެ. ކުޅުދުއްފުށީ މޮނީޓަރިންނަށް ލުމުގެ ކުރިން ސައިނޮޕާމް ވެކްސިން ޖަހަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 133 މީހަކު ފުރަތަމަ ޑޯޒް ޖަހާފައިވައިރު ދެވަނަ ޑޯޒް 39 މީހަކު ވަނީ ޖަހާފައެވެ.

ހަދީޖާ ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައި އޮތްނަމަވެސް މި ހަފްތާތެރޭގައި ސައިނޮފާމް ވެކްސިން ޖެހުމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން ދާކަމަށާއި އެ ފުރުސަތުގައި ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖެހުމަށްވެސް ހުޅުވާލާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355