ކޮވިޑް-19 ގެ ހަތަރު ވަނަ ރާޅާއެކު ރާއްޖޭގައި ބަލީގެ ނުރައްކާވަނީ ވަރަށް ބޮޑުވެފައެވެ. މިފަހުން ބަލި ފެތުރެން ފެށިފަހުން ބަލީގައި މަރުވާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިއަދަކީ މިހާތަނަށް މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެއެވެ.
އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހުޅުމާލެ ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުންދިޔަ އުމުރުން 86 އަހަރުގެ ޖަޕާނުގެ ރައްޔިތަކު 07:53 ގައި މަރުވެފައިވާކަމަށެވެ. މިއީ މިއަދުގެ 10 ވަނަ މަރެވެ.
Today at 07:53 pm a 86-year-old Japanese male admitted at HMF has passed away
— Health Protection Agency (@HPA_MV) May 24, 2021
This is the 139th COVID-19 death in the Maldives
Our thoughts and prayers are with the bereaved family.
މިއަދު ޅ. ހިންނަވަރު މީހަކުވެސް ވަނީ ބަލީގައި މަރުވެފައެވެ. އެމީހާ މަރުވެފައިވަނީ ބ އަތޮޅުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު މެންދުރުފަހު 02:50 ހާއިރު އެވެ.
ރޭ ދަންވަރުވެސް ދެމީހުން މަރުވެފައިވާއިރު އެކަކަކީ އައިޖީއެމްއެޗު އީއާރަށް ގެނައި 81 އަހަރުގެ ދިވެހި ފިރިހެނަކާއި ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފަތިހު 04:25 ގައިވެސް ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ 48 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.
ހެނދުނު 06:55 ގައި 93 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. އަދި 07:44 ގައި 85 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާއިރު މި ދެމީހުންނަށްވެސް ފަރުވާދެމުން ގެންދިޔައީ ހުޅުމާލެ ފެސިލިޓީގައެވެ. މެންދުރުފަހުވެސް އެ ފެސިލީޓީގައި ފަރުވާދެމުން ދިޔަ ދިވެހި އަންހެނަކާއި ފިރިހެނެއް ވަނީ މަރުވެފައެވެ. އެއި 78 އަހަރުގެ ފިރިހެނަކާއި 78 އަހަރުގެ އަންހެނެކެވެ.
އިރުއޮއްސި 06:48 ގައި ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ 41 އަހަރުގެ ދިވެހި އަންހެނެއް ވަނީ މަރުވެފައެވެ. އެއީ މިއަދުގެ 9 ވަނަ މަރެވެ.
މިހާރު ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 139 އަރާފައެވެ. އިއްޔެ ވެސް ރާއްޖެން 1،559 މީހަކު ޕޮޒިޓިވްވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 290 މީހަކަށް ދަނީ ފަރުވާދެމުންނެވެ.