ނޭކުރެންދޫއިން އިއްޔެ ނެގި ރޭންޑަމް ސާމްޕަލްއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގި 7 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެރަށު ހެލްތް ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުގެ މެނޭޖަރު އާދަމް ފިޔާޒް ވިދާޅުވީ މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާކަމަށާއި އެގޮތުން އެ ކޭސްއާއި ގުޅިގެން 9 ސާމްޕަލެއް އިއްޔެ ނަގާފައިވާކަމަށެވެ.
ނަމަވެސް މޫސުން ގޯސްވުމާއި ގުޅިގެން ސާމްޕަލްތައް ފޮނުވުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ. އިތުރު ސާމްޕަލްތައް މިއަދުވެސް ނަގަން ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ޓެސްޓް ކިޓްތައް ނެތުމުން ކިޓް ހޯދުމަށްވެސް އެދިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އެރަށު ކައުންސިލްގެ ރައީސް އަލީ ސިރާޖް ވިދާޅުވީ މިއަދު 2:00 ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށާއި، އެގޮތުން ކޮންމެ ގެއަކުންވެސް ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދޫކުރެވޭނީ އެންމެ މީހަކަށް ކަމަށެވެ.
އެ ހުއްދައާއި އެކުވެސް ބޭރަށް ނުކުމެ އުޅެވޭނީ ކޮންމެ ދުވަހަކުވެސް ދެ ފަހަރުކަމަށާއި ބޭރަށް ނުކުމެ އުޅޭއިރު މާސްކުއަޅައި ގައިދުރުކަން ބެހެއްޓުމަށް އަންގާފައިވާނެކަމަށް ސިރާޖް ވިދާޅުވި އެވެ. މީގެ އިތުރުން މާލެއިން އަންނަ ބޯޓުތަކުން ގެންނަ މުދާވެސް ދޫކުރަނީ ވަކި މުއްދަތަަކަށް ބެހެއްޓުމަށްފަހު ޑިސްއިންފެކްޓްކުރުމަށް ފަހުކަމަށް އޭނާ ވިދާޅުވި އެވެ.
މިސްކިތަށް ދާއިރުވެސް ގެއިން ވުޞޫކޮށްގެން މުސައްލަ ހިފައިގެން ދިއުމަށްވެސް ވަނީ އެދިފައެވެ. އަދި 10 އަހަރުން ދަށުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން އަދި ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތައް މިސްކިތައް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.