twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ދަޢުވާނުކޮށް، ނަޞޭޙަތްދިނުމަށްފަހު މައްސަލަ ނިންމާލެވޭކަން އެނގޭތަ؟

May 27, 2021

ޢާންމު އުޞޫލަކީ، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިގެންވާ ކޮންމެ މީހެއްގެ މައްޗަށްވެސް ދަޢުވާ އުފުލުމެވެ. ނަމަވެސް ޖިނާއީ ކުށެއްގެ ތުހުމަތު އުފުލިގެންވާ ކޮންމެ މީހަކީ، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލާ ނުވަތަ އުފުލަންޖެހޭ ފަރާތެއްނޫނެވެ. ބައެއް ޙާލަތުގައި ދަޢުވާނުކޮށް، ތުހުމަތުކުރެވިގެންވާ ފަރާތަށް ނަސޭޙަތްދީ މައްސަލަ ނިންމާލުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ. ނަމަވެސް، މިފަދައިން ނަސޭޙަތްދީ މައްސަލަ ނިންމާލެވޭނީ، ތުހުމަތުކުރެވިފައިވާ ފަރާތުގެ ކިބައިގައި ވަކި ޝަރުތުތަކެއް ފުރިހަމަވެފައިވާނަމައެވެ. އަދި ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ، ވަކި ބާވަތެއްގެ ކުށެއް ކަމުގައިވާނަމައެވެ.

ދަޢުވާކުރުމުގެ ބަދަލުގައި ނަސޭޙަތްދިނުން

ދަޢުވާކުރުމުގެ ބަދަލުގައި ނަސޭޙަތްދީ މައްސަލަ ނިންމުމަށްއެދި ކުށުގެ ތުހުމަތުކުރެވިފައިވާ ފަރާތުން ހުށަހަޅަން ބޭނުންވާނަމަ، އެފަރާތުންވެސް ހުށަހެޅިދާނެއެވެ. ނަމަވެސް މިގޮތަށް ހުށަހެޅޭއިރު ނަސޭޙަތް ދީ މައްސަލަ ނިންމާލުމަށްޓަކައި މައިގަނޑު 3 ކަމެއްގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހެއެވެ. މި 3 ކަމަކީ، ތުހުމަތު ކުރެވޭ ކުށް، ތުހުމަތު ކުރެވޭ މީހާ އަދި ޢާންމު މަސްލަޙަތަށެވެ.

މިގޮތުން ތުހުމަތު ކުރެވޭ ކުށާއި ގުޅޭ ގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ތަޙްޤީޤުގައި ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އެކުށެއް ކުރިކަމަށް އިޢުތިރާފްވުމާއި އަދި އެކުށަކީ 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދު ކުރުމުގެ އަދަބެއް ހިމެނޭ ކުށެއް ކަމުގައި ނުވުމެވެ.

މީގެ އިތުރަށް ތުހުމަތުކުރެވޭ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަލާއިރު، ފުރަތަމަ ކަމަކަށް ކުށްކުރި މީހާގެ މައްޗަށް އިތުރު އެހެން ޖިނާއީ ދަޢުވާއެއް އުފުލިފައި އޮވެގެންނުވާނެއެވެ. އެއަށްފަހު، އެކުށްކުރީ 65 އަހަރު ނުވަތަ އެއަށްވުރެ އުމުރުން ދުވަސްވީ ފަރާތެއް ނޫންނަމަ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ވާންޖެހެއެވެ. އެހެންނޫންނަމަ، ކުށްކުރިމީހަކީ ޢާއިލާއެއް ބަލަމުން އަންނަ އެމީހެއްގެ މައްޗަށް ޢާއިލާ ބަރޯސާވެގެންވާ މީހަކަށް ވާންޖެހޭނެއެވެ. މިގޮތުން ޢާއިލާއެއް ބަލަހައްޓަމުންދާ ފަރާތެއް ކަމުގައި ކަނޑައަޅާނީ، ކުށްކުރި ފަރާތަކީ މާލީގޮތުން ޢާއިލާއަށް ޚަރަދުކުރަމުންދާ މީހެއް ކަމުގައިވާނަމައެވެ.

އިސްވެދިޔަ ޝަރުތުތައް ފުރިހަމަވީކަމުގައިވިޔަސް، ދަޢުވާކުރުމުގެ ބަދަލުގައި ނަސޭޙަތްދީ މައްސަލަ ނިންމާލާނީ، އެއީ ޢާންމު މަޞްލަހަތަށް އެންމެ ފައިދާހުރިގޮތް ކަމުގައިވާނަމައެވެ. މިފަދައިން މައްސަލަ ނިންމާލުމަކީ ޢާންމު މަޞްލަހަތަށް އެންމެ ފައިދާހުރިގޮތްތޯ ކަނޑައަޅާނީ، ތުހުމަތުކުރެވުނު ކުށުގެ އަދަބަކީ ކުޑަ އަދަބެއް ކަމުގައިވުމާއި އަދި ކުށުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައިނުވާނަމައެވެ. މިގޮތުން ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ މާލީ ބޮޑުގެއްލުމެއްކަމުގައި ބަލާނީ، އެ ގެއްލުމަކީ 50,000/-ރ އަށްވުރެ ބޮޑު ގެއްލުމެއް ކަމުގައިވާނަމައެވެ. އަދި ލިބުނު ގެއްލުމަކީ ނަފްސާނީ ނުވަތަ ޖިސްމާނީ ގެއްލުމެއްނަމަ، ރިޢާޔަތްކުރާނީ އެގެއްލުމުގެ ކުޑަބޮޑުމިނަށެވެ.

ނަސޭޙަތްދީ ދޫކޮށްލުމުގެ އެއްބަސްވުން

ދަޢުވާކުރުމުގެ ބަދަލުގައި ނަސޭޙަތްދީ ދޫކޮށްލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުތުތަކަކާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާކަމަށް އިޤުރާރުވެ، ކުށުގެ ތުހުމަތުގައިވާ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އަދި އެޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާހާ ހިނދަކު، އޭނާގެ މައްޗަށް އެކުށުގެ ދަޢުވާއެއް ނުއުފުލޭނެއެވެ. ނަމަވެސް، ދަޢުވާކުރުމުގެ ބަދަލުގައި ނަސޭޙަތްދީ މައްސަލަ ނިންމި ތާރީޚުން ފެށިގެން 3 އަހަރުގެ ތެރޭގައި އިތުރުކުށެއްކޮށްފިނަމަ އެކުރި ކުށުގެ ދަޢުވާއާއި، ނަސޭޙަތްދީ މައްސަލަ ނިންމި ކުށުގެ ދަޢުވާވެސް ކުރެވޭނެއެވެ.

ނަސޭޙަތުގެ އެއްބަސްވުން ވެވެނީ ކުޑަކުއްޖަކާއެކުގައިކަމަށްވާނަމަ، އެކުއްޖެއްގެ ބެލެނިވެރިޔަކު ނުވަތަ އެކުއްޖެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތެއް އެއްބަސްވުމުގައި ސޮއިކުރާއިރު ޙާޟިރުވެ ހުންނަންޖެހޭނެއެވެ. އަދި އެފަރާތަކުންވެސް އެއެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.

ތަޙްޤީޤުގައި ކުށަށް އިޢުތިރާފްވާ މީހުންގެ ތެރެއިން ކުދިކުދި ކުށްކުރާ މީހުންނަށް ދައުވާކުރުމުގެ ބަދަލުގައި ނަސޭޙަތްދީ މައްސަލަ ނިންމާލަނީ، އެފަދަ މީހުންނަށް އިތުރު ފުރުޞަތެއްދީ މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355